12 Jan 2015, 09:43
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފެށުމަށް ގެނައި ބޯޓަށް ޒިޔާރަތްކުރުމުގެ ފުރުސަތު ރާއްޖޭން އެންމެ ފުރަތަމަ ލިބުނު މީޑިއާއަކީ 'ސަން' އެވެ. ތިން މީޑިއާއެއް އެ ބޯޓް އޮތް ސަރަހައްދަށް ދިޔަ ނަމަވެސް ބޯޓަށް އެރުމުގެ ނަސީބު ލިބުނީ ސަންގެ ފަރާތުން އަޅުގަނޑަށް އެކަންޏެވެ. ބޯޓަށް އެރުމަށް ކުރަން ޖެހުނު މަސައްކަތް ބޮޑު ގޮންޖެހުމަކަށްވި އެވެ. ތެދަށް ހުރި ހަރުގަނޑަކުން އެއޮއްބޮޑު ބޯޓަށް އަރަންޖެހުމުންނެވެ. ފުރަތަމަ މޭ ބޮޑުވެ ފަސްޖެހުނެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެހެން ބައެއް މިނިސްޓަރުން އެ ހަރުގަނޑުން އެ ބޯޓަށް އެރިތަން ފެނި ލިބުނު ހިތްވަރާ އެކު އެބޭފުޅުންގެ ފަހަތުން އަރައިގަތީމެވެ.
އެއީ އަޖައިބެއް ފަދަ ބޮޑު އެހާމެ ފުރިހަމަ ބޯޓެކެވެ. ވެލި އަޅާފައިވާ ސަރަހައްދެކޭ ބަނދަރަކަށް ޖަހާފައި ހުރި ވެލި ފުނިތަކެކޭ ތަފާތެއްނެތެވެ. ތަފާތު އެތައް މެޝިނަރީއެއް އެ މަސައްކަތްތަކުގައި ބޭނުން ކުރަމުންދެ އެވެ. ބޭނުން ކުރަނީ މުޅިން ވެސް ޒަމާނީ ވަސީލަތްތަކެވެ. ބޯޓުގައި ހަރަކާތްތެރި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެ ދާއިރާގައި މަސައްކަތްކޮށްފައިވާ ތަޖުރިބާ ކާރުންނެވެ.

* ލިއެވް އެރިކްސަން
އެ ބޯޓަކީ ބިންހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދުނިޔޭގެ އެންމެ ބޮޑު ދެ ބޯޓުގެ ތެރެއިން އެއްބޯޓެވެ. އެ ބޯޓް ބަނދެފައި ވަނީ 2008 ވަނަ އަހަރު ސްޕެއިންގަ އެވެ. އެ ބޯޓަކީ ދިގުމިނުގައި 213 މީޓަރު ހުންނަ އަދި ފުޅާމިނުގައި 41 މީޓަރު ހުންނަ ބޯޓެކެވެ. ބޯޓުގެ ފުންމިނުގައި 20 މީޓަރު ހުންނައިރު އެ ބޯޓުގައި އެއްވެސް ދަތިކަމަކާ ނުލައި ހަމަޖެހިލައިގެން އެއް ފަހަރާ 46 މީހުންނަށް ދިރިއުޅެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރުކަމަށްވާ އެ ބޯޓަށް އެއްފަހަރާ 40،000 އަށް ވުރެ ގިނަ ކިއުބިކް ޓަނުގެ ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ އިރު ދުވާލެއްގެ މައްޗަށް 250،000 ކިއުބިކް މީޓަރު ވެލި ނެގެ އެވެ. ވަށަމިނުގައި 1300 މިލިމީޓަރު ހުންނަ ދިގު ދެ ހޮޅި ބޭނުންކޮށްގެން 142 މީޓަރު ފުނުން ވެއްޔާއި ގާނެގުމުގެ ކުޅަދާނަކަން އެބޯޓަށް ލިބިގެންވެ އެވެ. ފުލްކޮށް ލޯޑްކޮށްގެން ގަޑިއަކު 18 ނޯޓިކަލް މެއިލަށް ދަތުރުކުރުމުގެ ގާބިލްކަން އެބޯޓަށް ލިބިގެންވެ އެވެ.
މިބޯޓުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ޕްރޮޖެކްޓްތައް ހިންގާފައިވާ އިރު އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮޖެކްޓަކީ އޮމާނުގެ މެދުތެރޭގެ ބަނދަރުމަތީ ރަށެއްކަމުގައިވާ ދުގުމްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރުމެވެ. އަދި އެބޯޓުން ވަނީ 2011 ވަނަ އަހަރު ފުރަތަމަ ފަހަރަށް 24 ގަޑިއިރު މަސައްކަތް ކޮށްގެން އެ ބޯޓުން ކުރިއަށް ގެންދިޔަ ފުރަތަމަ މަޝްރޫއު ވިއެޓުނާމްގައި ކުރިއަށް ގެންގޮސްފަ އެވެ.
އެޗްޑީސީގެ މެނޭޖިންގް ޑައިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ، ބޯޓުން ނަގާވެއްޔާ އެކު ގާ އެކުލެވިގެން ނުވާނެ ކަމަށެވެ. އެހެން ކަމުން އެ ބޯޓުން ހިއްކާ ސަރަހައްދުތަކުގައި ބޮޑެތި ގާ ނުފެންނާނެ ކަމަށާއި އެސަރަހައްދުތަކުން ފެންނާނީ މުޅިންވެސް ވެލިކަމަށް އޭނާ ވިދާޅުވި އެވެ.

* ޑްރެޖިން އިންޓަނޭޝަނަލް ބެލްޖިއަމް
ދެވަނަ ފޭސްގެ ހިއްކުންވެސް ހަވާލުކޮށްފައި ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކޮށްފައިވާ ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލް ކުންފުންޏާ އެވެ. އެކުންފުނީގެ ތައާރަފަކަށް ބަލާއިރު ޑްރެޖިން އިންޓަނޭޝަނަލް އަކީ 1852ގެ ކުރީ ކޮޅުގައި އުފެދުނު "އެކަރމަންސް އެންޑް ވެން ހާރެން"ގެ ޑްރެޖިން ޑިވިޝަންނުން އުފެދުނު ކުންފުންޏެކެވެ. އެހެން ނަމަވެސް ޑްރެޖިން އިންޓަރނޭޝަނަލްގެ ނަމުގައި އެ ކުންފުނި ތައާރަފްވެގެން އައީ 1974 ވަނަ އަހަރު އެވެ.
ދުނިޔޭގެ ހުރިހާ ބައްރެއްގައި ހެން މަސައްކަތްކޮށް އެތަކެއް ތަޖްރިބާތަކެއް ލިބިފައިވާ މި ކުންފުންނި ހާއްސަވެގެން ގޮސްފައިވަނީ، ބަނދަރު ތަރައްގީކޮށް އެފަދަ ތަންތަނުގައި އިމާރާތްކުރުމުގެ މަސައްކަތާއި މަސްނޫއީ ރައްތަކާއި ގޮނޑުދޮށްތައް ބިނާކުރުމާއި ބިންބޮޑު ބިޔަ ރަށްރަށުގައި ފެންދައުރުކުރުމަށް ކޯރުތައް ކެނޑުމާއި ގޮނޑުދޮށްތަކާއި އައްސޭރިތައް ހިމާޔަތްކުރުމުގެ މަޝްރޫއުތަކާއި ކަނޑުއަޑިން ވެއްޔާއި ކިސަޑު ނެގުމަށް ފަހު އެފަދަ ތަކެތި ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުންފަދަ މަސައްކަތްތަށެވެ.
ޑްރެޖިން އިންޓަރނޭޝަނަލްގެ ބިޔަ މަޝްރޫއުތައް ހިންގާފައިވާ ގައުމުތަކުގެ ތެރޭގައި، އިނގިރޭސިވިލާތް، ބެލްޖިއަމް، ސްވިޑްން، ފްރާންސް، ލިތުއޭނިޔާ، ގާނާ، ގަތަރު، އިންޑިއާ، ޕާކިސްތާން، ކެނެޑާ، ޖަރުމަން، އޮސްޓްރޭލިއާ، ކެމަރޫން، ލީބިޔާ، ބްރެޒިލް، އިޓަލީ، ސްޕެއިން، ސިންގަޕޫރު، ރަޝިއާ، މެކްސިކޯ، ޔޫއޭއީ، ނެދަލޭންޑް، ވިއެޓްނާމް އަދި ތައިލެންޑް ފަދަ ގައުމުތައް ހިމެނެ އެވެ.
ސިންގަޕޫރުގެ ޖޫރޯން އައިލެންޑް ބޮޑުކުރުމުގެ މަޝްރޫއާއި ކަރާޗީގެ ޕޯޓް ޤަސަމް ބިނާކުރުމުގެ މަޝްރޫއާއި، ގަތަރުގެ "ދަ ޕާރލް ގަތަރު" މަސްނޫއީ ރަށްތައް ބިނާކުރުމާއި އިންޑިއާގެ "ދަމްރާ ޕޯޓް" ފަދަ ތަންތަނަކީ ސަރަހައްދީ އަދި އޭޝިއާގައި އެ ކުންފުނިން ހިންގާފައިވާ ފާހަގަކޮށްލެވޭ ބިޔަ މަޝްރޫއުތަކެވެ.
ޑްރެޖިން އިންޓަނޭޝަނަލްގައި ބިން ހިއްކުމަށާއި، ބަނދަރުތައް ހެދުމާއި އެފަދަ ބޮޑެތި ބިޔަ މަޝްރޫއުތަކަށް ބޭނުންވާނޭ ފުރިހަމަ ވަސީލަތްތަކާ އެކު މިވަގުތު، އެންމެ ޒަމާނީ ފެންވަރުގެ 90 އުޅަނދު ހިމެނެ އެވެ.

* ހިއްކުމުގެ ތަފްސީލް
ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ފަރުކޮޅުފުށްޓާ ދިމާލުން 240 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމައިފަ އެވެ. އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއް ކަމަށް އެޗްޑީސީން ބުނެ އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑެތި އިންވެސްޓްމަންޓުތަކެއް ހިންގާނެ ސަރަހައްދެކެވެ. އެ ބިމުގައި އާންމު ފަރުދުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ އިރު ލަގްޒަރީ ރޫމްތަކާއި ޒުވާނުންނަށް ހާއްސަ ކަންކަމާއި ފައިނޭންޝަލް ސެންޓަރުތަކުގެ އިތުރުން އޯފްޝޯ ފައިނޭސިން ސެންޓަރުތައްވެސް ހިމެނޭނެ ކަމަށް އަދީބް ވިދާޅުވި އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 188 ހެކްޓަރުގެ ބިމަކީ 60،000 މީހުންގެ ބޯހިޔާ ވަހި ކަމަށް އަމާޒުކޮށްގެން 1997 ވަނަ އަހަރު ފެށި މަޝްރޫއު އެކެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިއްކުމަކީ އެތައް ދިވެހިންގެ އުންމީދުތަކަކާއި ގުޅިފައިވާ ކަމަކަށްވާއިރު ލިބޭ ހިތްހަމަޖެހުމަަކަށްވެފައި ވަނީ މިމަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވަނީ ދުނިޔޭގެ އެންމެ ގާބިލް އެއް ކުންފުންޏަށް ވުމެވެ. އަދި އެ ޕްރޮޖެކްޓުގެ އެކިއެކި ބައިތައް ހިންގުމަށް ވެސް ހަވާލުކޮށްފައި މިވަނީ އެފަދަ "ފުންނާބު އުސް" ފަރާތްތަކާ އެވެ. ކޮންމެ އަކަސް މިމަހުގެ 15 ވަނަ ދުވަހު ރައީސް އިފްތިތާހް ކޮށްދެއްވައި އަދި މާޗް މަހުގެ ނިޔަލަށް ނިންމާލުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓާއި ދޭތެރޭ އުންމީދު ބޮޑެވެ.