ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުމުގެ ސުންގަޑި ހަމަވުމުން މިހާރު ކިޔޫގައި ތިބި މީހުން ފިޔަވައި އިތުރު އެއްވެސް މީހަކަށް ފުރުސަތު ނުދޭ ގޮތަށް ހަމަޖައްސައިފި އެވެ.

މިއަދު ހެނދުނު 8:00 ގައި ފެށި ކައުންސިލް އިންތިހާބުގެ ވޯޓުލުން ނިންމާލަން ހަމަޖެހިފައި އޮތީ ހަވީރު ހަތަރަކަށެވެ. އެހެންނަމަވެސް، ހަތަރެއް ޖެހުމުގެ ކުރިން ގިނަ އަދަދެއްގެ ބަޔަކު ވޯޓުލުމަށް ޕޯލިން ސްޓޭޝަންތައް ކައިރީ ކިޔޫ ހަދައިގެން ތިބުމާ ގުޅިގެން އެމީހުންނަށް ވޯޓުލުމުގެ ފުރުސަތު ދެމުންދާ ކަމަށް އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ސަން ގެ ނޫސްވެރިން ބުނެ އެވެ. ނަމަވެސް، އެނޫން އެއްވެސް ބަޔަކަށް ނުވަތަ ނުވަތަ ކިޔޫގައި ޖެހެންދާ އިތުރު އެއްވެސް މީހަކަށް ވޯޓުނުލެވޭނެ ކަމަށް ވެސް ނޫސްވެރިން ބުންޏެވެ.

"އަދިވެސް އެބަތިބި ވަރަށް ގިނަ އަދަދެއްގެ މީހުން މިތާ އެއްވެގެން. ކިޔޫއެއް ނެތީމަ ފުލުހުން ތަކުރާރުކޮށް އެބަ އިލްތިމާސްކުރޭ ކިޔޫއެއް ހަދަން. ހަތަރެއް ޖެހުމާއެކު ފުލުހުން ވަނީ ގޭޓް ވެސް ބަންދުކޮށްފައި އިތުރު މީހަކަށް ވޯޓުލާން ނުވަދެވޭނެ ގޮތަށް،" ވޯޓު ފޮށިތައް ބަހައްޓާފައިހުރި ވިލާ ކޮލެޖް ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ސަންގެ ޖާނަލިސްޓް ހުސައިން ހަސަން ބުންޏެވެ.

ކިޔޫގައި ޖެހުމުގެ ފުރުސަތު ނުލިބުމުން ބައެއް މީހުން "ރަތަށް" އަރައިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. އަދި ބައެއް މީހުން ވަނީ އެކަމުގެ ޝަކުވާ ކުރަން ސަން އަށް ވެސް ގުޅައިފަ އެވެ.

"މީދެން ބޮޑުވަރު. އަޅުގަނޑު ދިޔައިން ހަތަރެއްގެ ކުރިން. އެކަމަކު ކިޔޫ ދިގުކަމުން ފަހަތުގައި ހުންނަން ޖެހުނީ. އެކަމަކު މިހާރު މިތާ ތިބި މީހުން އެބަ ބުނޭ ވޯޓެއް ނުލެވޭނެއޭ ގަޑިހަމަވެއްޖޭ،" ތާޖުއްދީން ސްކޫލަށް ވޯޓުލާން ދިޔަ މީހަކު ގުޅައިފައި ބުންޏެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، ހަތަރެއް ޖެހިއިރު ބައެއް ވޯޓު ފޮށިތައް ކައިރީ ވޯޓުލުމަށް ގޮސް އިތުރު މީހަކު ނެތުމުން މިހާރު ވަނީ އެ ފޮށިތައް ބަންދުކޮށްފަ އެވެ. އެގޮތުން މާލެ ފިޔަވައި ހަމައެކަނި ސިޓީ ކައުންސިލް އިންތިހާބުކުރާ އައްޑު އަތޮޅުގެ ބައެއް ވޯޓު ފޮށިތައް ބަންދުކޮށްފައިވާ ކަމަށް ޚަބަރު ލިބެ އެވެ.