12 Jan 2015, 09:20
ޕެރިސް (ޖަނަވަރީ12): އިސްލާމީ ދުނިޔޭގައި ހަރުކަށި ހަނގުރާމަވެރިން އާދަޔާ ޚިލާފަށް އުފެދިގެންދިޔައީ ހުޅަނގުގެ އަނިޔާވެރި އަދި އިންޕީރިއަލިސްޓް ސިޔާސަތުގެ ސަބަބުން ކަމަށް ފަރަންސޭސިވިލާތުގެ ކުރީގެ ޚާރިޖީ ވަޒީރު ކަމާއި ބޮޑުވަޒީރުކަން ވެސް ކުރައްވާފައިވާ ޑޮމިނިކް ޑެވިލްޕާން ވިދާޅުވެއްޖެ އެވެ.
އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސްގެ ނަމުގައި އާދަޔާ ޚިލާފަށް މުސްލިމުންނަށާއި ޣައިރު މުސްލިމުންނަށްވެސް އަނިޔާތައްކޮށް މީހުން ކަތިލަމުންދާ ޖަމާއަތާބެހޭ ގޮތުން ޑެވިލްޕާން ވިދާޅުވީ އެޖަމާއަތަކީ އެމެރިކާއާއި އެމެރިކާއާއި ބައިވެރިވި ހުޅަނގުގެ އެހެން ބާރުތަކުން އިރާގުގައި ހިންގާފައިވާ އަނިޔާވެރިކަމުގެ ނަތީޖާ ކަމަށާ އަދި އެއަނިޔާވެރިކަމުގެ ތެރެއިން އުފަންވި އަނިޔާވެރި 'ކުއްޖެއް" ކަމުގަ އެވެ.
ޓީވީ ބަސްދީގަތުމެއްގައި، ޑެވިލްޕާން ވިދާޅުވީ އެމެރިކާ އިރާގަށާއި އަފްޣާނިސްތާނަށް ގަދަބާރުން އަރައި ހިންގި ހަނގުރާމަތަކަށްފަހު ދުނިޔެއަށް ލިބިފައިވަނީ އަމާންކަން ނޫންކަމަށާއި ނާމާންކަމާއި ބިރުވެރިކަން ކަމުގަ އެވެ. އަދި ޖިހާދީންގެ ނަމުގައި ހަރަކާތްތެރިވަމުންދިޔަ "ޓެރަރިސްޓުން"ގެ އަދަދު ހައެއްކަ ހާހަށް އޮވެފައި އެއަދަދު ބައިލައްކައަށް ވުރެ ގިނަވެ ޓެރަރިޒަމްގެ ހާއްޔަކަށް އިރާގާއި ޔަމަންފަދަ ގައުމުތައް ބަދަލުވެގެން ގޮސް އެންމެފަހުން އޭގެ ނުރައްކާ ޔޫރަޕަށް ކުރިމަތިވީ އެމެރިކާ 2003 ވަނަ އަހަރު އިރާގަށް އަރައިގަތުމާގުޅިގެން ކަމަށް ޑޮމިނިކް ޑެވިލްޕާން ވިދާޅުވި އެވެ.
ފަރަންސޭސިވިލާތަކީ އިރާގަށް އެމެރިކާ އަރައިގަތުމާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލި ހުޅަނގުގެ ބާރެވެ. ޑެވިލްޕާން ވިދާޅުވީ ޓެރަރިޒަމާއި މުސްލިމުންނާ ގުޅުވައިގެން ނުވާނެ ކަމަށާ ހުޅަނގުގެ ސަބަބުން އުފެދުނު އައިއެސްގެ ފަދަ ޖަމާއަތްތަކުގެ ހިތި ހަގީގަތާ ހުޅަނގުން ކުރިމަތިލުން ނޫންގޮތެއް ދެން ނޯންނާނެ ކަމުގަ އެވެ. އަނެއްކޮޅުން އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވަނީ ޖިހާދީންގެ ނަމުގައި ހަރަކާތްތެރިވާ ހަރުކަށި ފަރާތްތަކުގެ ޙަމަލާތަކެއްގެ ޝިކާރައަކަށް ވެދާނެކަމުގެ ބިރު އިނގިރޭސިވިލާތުން އިޙްސާސްކުރާ ކަމަށް ވިދާޅުވެފަ އެވެ.
ފަރަންސޭސިވިލާތުގެ ޕެރިހުގައި އިއްޔެބޭއްވި ހިނގާލުމުގައި ބައިވެރިވެވަޑައިގެން ދެއްވި ބަޔާނެއްގައި ކެމެރޮން ވިދާޅުވީ ހަރުކަށި ވިސްނުމުގެ މީހުންގެ ޙަމަލާތަކެއް އަމާޒުވެދާނެކަމުގެ ބިރު އިނގިރޭސި ރައްޔިތުން އިޙްސާސްކުރާތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި އަދި ކުރިޔަށްއޮތް އެތައް އަހަރެއްގައި ވެސް މިބިރު އިޙްސާސްކުރަންޖެހޭނެ ކަމުގަ އެވެ. ނަމަވެސް މިއީ އެމެރިކާއާ ގުޅިގެން އިނގިރޭސީން އިރާގާއި އަފްޣާނިސްތާނުގައި ހިންގި ހަނގުރާމަތަކާއި ލާއިންސާނީ ޖަރީމާތަކުގެ ނަތީޖާކަމަށް ކެމެރޮން ވިދާޅެއް ނުވެ އެވެ. (އަލްޖަޒީރާ)