12 Jan 2015, 09:02
ޕެރިސް (ޖަނަވަރީ): ފަރަންސޭސިވިލާތަށް ދިން ލޭއޮހޮރުވުން ބޮޑު ޙަމަލާތަކާ ގުޅިގެން އިއްޔެ ބޭއްވި ސުލްހަވެރި ހިނގާލުމަކީ އެގައުމުގެ ތާރީޚުގައި ބޭއްވި މިފެންވަރުގެ ފުރަތަމަ ހިނގާލުންކަމަށާ އެހިނގާލުމުގައި ދުނިޔޭގެ އެތައް ގައުމެއްގެ ލީޑަރުން ބައިވެރިވެފައިވާ ކަމަށް ފަރަންސޭސި ސަރުކާރުން ބުނެފި އެވެ.

ތާރީހީ ހިނގާލުން
ފަރަންސޭސި ދާޚިލީ ވަޒީރު ބާނާޑް ކަޒްނޯވް ވިދާޅުވީ މިއީ ތާރީޚީ ހިނގާލުމެއް ކަމަށާއި މިފަދަ ހިނގާލުމެއް ފަރަންސޭސި ތާރީޚުން ފެނިފައިނުވާ ކަމުގަ އެވެ. މިހިނގާލުމުގެ ބޭނުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިފާޢު ކުރުމާއި ޓެރަރިޒަމާ ދެކޮޅަށް ފަރަންސޭސި ރައްޔިތުންގެ އެއްބައިވަންތަކަން ހާމަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ފަރަންސޭސި ރައްޔިތުންގެ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން އިއްޔެ ހަވީރު ޕެރިހުގެ މަގުތަކުގައި ބޭއްވި ހިނގާލުމުގައި ފަރަންސޭސި ލީޑަރުންގެ އަރިހުގައި ޔޫރަޕާއި އަރަބި ގައުމުތަކުގެ ބައެއް ގަލީޑަރުންނާއި އެފްރިކާގެ ބައެއް ލީޑަރުންވެސް ބައިވެރިވެވަޑައިގެންފައިވެ އެވެ.
މީގެތެރޭގައި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންއާއި ޖަރުމަނުގެ ޗާންސެލަރ އެންގެލާ މާކެލް އާއި ތުރުކީގެ ބޮޑުވަޒީރު އަހްމަދު ދާވޫދު އޮގްލޯއާއި ސްޕޭންގެ ބޮޑުވަޒީރު މަރިޔާނޯ ރަޚޮއިގެ އާއި ކެމެރޮންގެ ރައީސް އަލީ ބޮންގޯ އާއި އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ހިމެނިވަޑައިގަންނަވަ އެވެ.

އިއްޔެގެ ހިނގާލުމުގައި 3.7 މިލިޔަން މީހުން ބައިވެރިވެފައިވޭ
މީގެއިތުރުން އުރުދުންގެ ރަސްގެފާނު އަބްދުﷲ އާއި އޭނާގެ އަނބިކަނބަލުން ރާނިޔާ އާއި ތޫނިސްގެ ބޮޑުވަޒީރު މަހްދީ ޖުމްޢާ އާއި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާއި ޔޫއޭއީގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދް ވެސް ކުއްލި ގޮތަކަށް ޕެރިހަށް ވަޑައިގެން މިހިނގާލުމުގައި ބައިވެރިވެ ވަޑައިގެންފައިވެ އެވެ.
ފަރަންސޭސި ދާޚިލީ ވަޒީރު ވިދާޅުވީ ދުނިޔޭގެ އެތަށް ގައުމެއްގެ ލީޑަރުންވެސް ހިމެނޭ ގޮތަށް ކުރިޔަށްގެން ދިޔަ މި ހިނގާލުމުގައި 3.7 މިލިޔަން މީހުން ބައިވެރިވެފައިވާ ކަމަށާއި މިއީ މިހާ ގިނަ އަދަދެއްގެ ދުނިޔޭގެ ލީޑަރުންނާއި ފަރަންސޭސި ރައްޔިތުން ހިމެނޭގޮތަށް އެގައުމުގެ ތާރީޚުގައި ބޭއްވި ފުރަތަމަ ހިނގާލުންކަމުގަ އެވެ.
މި ހިނާގާލުމުގައި ފަރަންސޭސި މުޖްތަމައުގައި ހިމެނޭ އެކި ނަސްލުތަކާއި އެކިފިކުރުތަކާއި އެކި ދީންތަކާއި މަޛްހަބުތަކުގެ މީހުން ވެސް މިހިނގާލުމުގައި ބައިވެރިވެފައިވެ އެވެ. ފާއިތުވި ހަފްތާގައި ހަތިޔާރުއެޅި ބަޔަކު ފަރަންސޭސިވިލާތުގައި ހިންގި ލޭއޮހޮރުވުން ބޮޑު ޙަމަލާތަކުގައި 17 މީހުން މަރުވެފައިވާ އިރު މީގެތެރެއިން އެންމެ ނުރައްކާތެރި ޙަމަލާދީފައި ވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫން ކުރަހަމުންދާ އެގައުމުގެ ހަފްތާ ނޫހެއްކަމަށްވާ ޝާލީ އެބްޑޫ ނޫހުގެ މައިއޮހީފަށެވެ. އެޙަމަލާގައި އެނޫހުގެއެޑިޓަރާ އެކު 12 މީހުން މަރުވެފައިވެ އެވެ. އަދި އެހަމަލާތައް ދިން ކަމަށް ތުހުމަތުކުރެވޭ ދެމީހުން ދިން އެހެން ޙަމަލާތަކެއްގައި ފަސް މީހުން މަރުވެފައިވެ އެވެ.
ޕެރިހުގެ ހިނގާލުން ކުރިޔަށްދިޔަ ވަގުތު ފަރަންސޭސި ރައްޔިތުންނާ ބައިވެރިވުމުގެ ގޮތުން ދުނިޔޭގެ އެތައް ގައުމެއްގައި ހިނގާލުންތައް ކުރިޔަށް ގެންގޮސްފައިވެ އެވެ. (ނޫސްއެޖެންސީތައް)