ރައީސްކަމުގެ މަގާމުގެ ހުވައި ކުރެއްވިތާ ތިން ދުވަސް ތެރޭގައި ސްރީލަންކާގެ އާ ރައީސް މައިތިރިޕާލާ ސިރިސޭނާ އެގައުމުގެ ޕާލަމެންޓްގެ އަޣުލަބިއްޔަތު ހޯއްދަވައިފި އެވެ.

ސިރިސޭނާގެ ތަރުޖަމާނު ރަޖިތަ ސެނަރަތުނައާއި ހަވާލާދީ ދަ އިކޮނޮމިކް ޓައިމްސް ބުނީ، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާއަށް ތާއީދުކުރައްވައިގެން ތިއްބެވި 40 މެމްބަރެއް މިހާރު ސިރިސޭނާއަށް ތާއީދު ކުރައްވަން ފަށްޓަވާފައިވާ ކަމަށެވެ.

"މިހާރު އަހަރެމެން ބޭނުންވާ ވަރަށް ވުރެ އިތުރަށް ވެސް ޕާލަމެންޓްގައި (މެމްބަރުންގެ ތާއީދު) ވަނީ ލިބިފައި،" ސެނަރަތުނަ ވިދާޅުވި ކަމަށް ނޫހުގައި ވެއެވެ.

ސިރިސޭނާ ރައީސްކަމަށް ވަޑައިގެންނެވުމުގެ ކުރިން އޭނާއަށް ޕާލަމެންޓްގެ 89 މެމްބަރުންގެ ތާއީދު އޮތެވެ. އަދި 225 މެމްބަރުން ތިއްބަވާ ލަންކާ ޕާލަމެންޓްގެ ސާދާ އަޣުލަބިއްޔަތު ހޯއްދަވަން ޖެހިވަޑައިގެންފައި އޮތީ 24 މެމްބަރެއްގެ ތާއީދެވެ.

ކުރީގެ ރައީސް މަހިންދާރާޖަޕަކްސާގެ ކެބިނެޓް މިނިސްޓަރެއްގެ ގޮތުގައި ހުންނަވާފައި ރިޔާސީ ރޭހަށް ނުކުންނެވި ސިރިސޭނާ ވަނީ ރައީސަށް ގިނަ ބާރުތައް ހޯއްދެވުމުގެ ގޮތުން ގާނޫނު އަސާސީއަށް ގެނެސްފައިވާ ބަދަލުތައް އިއާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.