11 Jan 2015, 23:11
ސްރީ ލަންކާގެ އާ ރައީސް މައިތުރިޕާލަ ސިރިސޭނާ ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު ގައުމާ މުހާތަބުކުރައްވައި ދެއްވި ފުރަތަމަ ހިޠާބުގައި އެމަނިކުފާނުގެ ސަރުކާރުގައި އެ ގައުމުގެ ސިޔާސީ ހުރިހާ ފިކުރެއްގެ ޕާޓީތައް ބައިވެރިވުމަށް އެދިވަޑައިގެންފި އެވެ.
ކެންޑީގައި ހުންނަ "ޓެމްޕްލް އޮފް ދަ ސެކްރެޑް ޓޫތު ރެލިކް" ނުވަތަ "ސްރީ ޑަލަޑާ މަލިގަވާ"ގައި ވާހަކަފުޅު ދައްކަވަމުން ސިރިސޭނަ ވަނީ، ޑިމޮކްރަސީގެ ރީތި ހަމަތަކާ އެކު ފުރިހަމަ ސަރުކާރެއް ގާއިމުކުރުމަށް އެގައުމުގެ ޕާލިމެންޓު މެންބަރުންގެ ފުރިހަމަ އެއްބާލުމަށް އެދިވަޑައިގެންފަ އެވެ.
ރައީސް ސިރިސޭނާގެ ވާހަފުޅުގައި އޭނާ ވަނީ، ކޮރަޕްޝަނާ ދެކޮޅަށް އޭނާގެ ޒައާމަތުގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ގައުމު ތަރައްގީ ކުރުމަށް މަސައްކަތްތަކެއް ކުރައްވާނޭ ކަމަށާއި ފަގީރުކަން ނައްތައިލުމަށް ވަރަށް ބޮޑު އަހަމިއްޔަތެއް ދެއްވާނޭ ކަމަށް ވިދާޅުވެފަ އެވެ.
ސިރިސޭނާ ވިދާޅުވީ، ލަންކާއަށް ބޭނުންވަނީ، ބާރުގަދަ ރަސްކަލެއް ނޫން ކަމަށާއި އެގައުމަށް ބޭނުންވަނީ، ތެދުވެރިކަމާއި އަމާނާތްތެރިއެކު ރައްޔިތުންނަށް ޚިދުމަތްކުރެވޭ ފަދަ މީހެއް ކަމަށެވެ. އަދި ގައުމުގެ ރައީސެއްގެ ހައިސިއްޔަތުން، ރައްޔިތުންގެ އެ އުންމީދުތައް ފުރިހަމަ ކޮށްދެއްވަން މަސައްކަތް ކުރައްވާނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.