ފުލުހުންގެ އިދާރާއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ޕޮލިސް ޔޫތު ޗެލެންޖް ކަޕްގެ ޗެންޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ބީޗް ބޯއީސް ހޯދައިފި އެވެ.

އެ މުބާރާތުގެ ޗެންޕިއަންކަން ބީޗް ބޯއީސް ހޯދީ މިރޭ މާފަންނު ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ޔޫއެން ފްރެންޑްސްއާ ވާދަކޮށް، 4-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެނެވެ. ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން މެޗު އެއްވަރުވެފައި ވުމުން، މެޗުގެ ނަތީޖަ ނެރުނީ ޕެނަލްޓީ ޖަހައިންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގައި ލީޑް ނެގީ ބީޗް ބޯއީސް އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ހާފްގައި އެ ޓީމްގެ އަހުމަދު ވިޝާލް އެވެ. އަދި މެޗުގައި ޔޫއެން ފްރެންޑްސް ކާމިޔާބު ކުރި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފް ފެށިތާ އިރުކޮޅެއް ތެރޭ އެ ޓީމްގެ ހުސެއިން އަލީ އެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ބީޗް ބޯއީސްގެ މުހައްމަދު އަޔާޒު އެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ ޗެންޕިއަން ޓީމަށް ތައްޓާއި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ އެ މެޗުގެ ޝަރަފްވެރި މެހެމާން އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އެވެ.

މިނިސްޓަރު މުންދުގެ އިތުރުން އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު އާއި، ޕޮލިސް ކްލަބްގެ ރައީސް އައްސަދު ވަހީދު އަދި ފުލުހުންގެ ޕަބްލިކް އެފެއާސް ޑިޕާޓްމަނޓުގެ ހެޑް މުހައްމަދު ނަދީމްވެސް ވަނީ މުބާރާތުގައި ވަނަވަނައަށް ހޮވުނު ބައެއް ފަރާތްތަކަށް އިނާމް ހަވާލު ކޮށްދެއްވާފައެވެ.

މުޅި މުބާރަތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީޗް ބޯއީސްގެ މުހައްމަދު އަޔާޒު އެވެ. އަދި އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ކާމިޔާބުކޮށް، ރަން ބޫޓު ހޯދީ ޕާކް ގޯޅި ޓީމްގެ މާހިދު މުހައްމަދު އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޔޫއެން ފްރެންޑްސްގެ އިބްރާހިމް އަސްވަދު އާއި އިބްރާހިމް ސިނާހުގެ އިތުރުން ބީޗް ބޯއީސްގެ އަހުމަދު ވިޝާލް، ޕާކް ހުޅުމާލެ ޓީމްގެ ޔާމިން މުހައްމަދު އަދި ޕާކް ގޯޅި ޓީމްގެ މާހިދު މުހައްމަދު އެވެ.

ޕޮލިސް ޔޫތު ޗެލެންޖް ކަޕް 2014ގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އެ މުބާރާތުގެ ތިންވަނަ މަގާމްވެސް ހޯދި ޕާކް ހުޅުމާލެ އެވެ. އަދި އެ މުބާރާތުގެ އެންމެ ހިންގުންތެރި މެނޭޖަރަކަށް ބީޗް ބޯއީސްގެ އިސްމާއިލް ސަމާހު ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕާކް ގޮޅީގެ އިސްމައިލް ނަސީމް އެވެ.

އެ ރަސްމިއްޔާތުގައި މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކުގެ އިތުރުން މުބާރާތް އިންތިޒާމްކޮށް ހިންގުމުގައި ހަރަކާތްތެރިވި ފަރާތްތަކަށްވެސް ވަނީ ހަނދާނީ ލިޔުން ދީފައެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު ފެށި އެ މުބާރާތުގައި މި އަހަރު މުޅިއެކު 20 ޓީމް ވަނީ ވާދަކޮށްފައެވެ.