11 Jan 2015, 22:40
އެފްއޭއެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މިއަހަރުގެ ތިން ވަނަ ޑިވިޝަންގެ ފައިނަލްގައި ޕޮލިސް ކްލަބާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެ އެ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ހޯދައިފި އެވެ.
އެފްއޭއެމްގެ ލައިފްބޯއީ އެއް ނަންބަރު ޓާފް ދަނޑުގައި މިއަދު ހަވީރު 4:00ގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗު ސިފައިން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެޓީމުގެ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހައިގެން 4-2 ލަނޑުން ކުރި ހޯދައިގެންނެވެ.
ފައިނަލް މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދީ ޕޮލިސް ކްލަބެވެ. މެޗުގެ 70 ވަނަ މިނިޓްގައި އެޓީމަށް ލަނޑު ޖަހައިދިނީ، އަލީ މުނާޒެވެ. އެހެން ނަމަވެސް ފަހު ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޑީއެސްސީގެ އިބްރާހީމް އަހުމަދު ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންރިޔާގެ މަގާމަށް ހޮވުނީ ޑިއެސްސީގެ އާދަމް ތޮލާލަށެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑީއެސްސީގެ އިބްރާހީމް އަޙްމަދެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމުގެ އިތުރުން މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ވެސް ހޮވިފައިވަނީ ޑީއެސްސީއެވެ.
މިއަހަރުގެ ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަން އާއި ރަނަރަޕް ޓީމުތަކުގެ ހައިސިއްޔަތުން ޑީއެސްސީ އާއި ޕޮލިސް ކްލަބް އަންނަ އަހަރު ވާދަކުރާނީ ދެވަނަ ޑިވިޝަންގައެވެ.