ޅ. ކުރެންދޫ ފަޅު ތެރެއަށް ވަދެއުޅުނު "ވިހަ ކައްޓެއް" ހުންނަ ގިނަ އަދަދެއްގެ މަސްތަކެއް އެ ރަށު ރައްޔިތުން ހިފައިފި އެވެ.

ކުރެންދޫ ކައުންސިލްގެ ރައީސް އިސްމާއީލް މަދީހު "ސަން"އަށް ވިދާޅުވީ، އެރަށު ފަޅުތެރޭގައި އެ މަސްތައް އުޅޭތާ ގާތްގަނޑަކަށް ދެ މަސް ދުވަސް ވެއްޖެ ކަމަށެވެ. އަދި އެ މަސް އައިނުގައި ހާހަކަށްވުރެއް ގިނަ މަސް އުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މަސްތައް ފަޅުތެރޭގައި އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ. ގާތްގަނޑަކަށް ދެ މަސް ދުވަސް ވެއްޖެ. ދެން އެ މަސް އައިންގަނޑުގައި އުޅޭނެ ގާތްގަނޑަކަށް ހާހަކަށް ވުރެއް ގިނަ މަސް. އެކަމަކު މިއަދު ރައްޔިތުން ނުކުމެ ދާ އަޅައިގެން އެ މަސްތައް މިހާރު ވަނީ ހިފައިފައި އަދި މަސްތައް ވަނީ ވަޅުލާފައި. " މަދީހު ވިދާޅުވި އެވެ.

މަދީހު ވިދާޅުވީ، މިހާރުވެސް އެ ބާވަތުގެ މަސްތަކެއް ފަޅު ތެރޭގައި އުޅޭ ކަމަށެވެ. އެ މަހަށް ކިޔާ ނަމެއް ނޭނގޭ ކަމަށާއި މިއަދު އެ މަސް ހިފަން އުޅުނު ދެ މީހެއްގެ އަތުގައި އޭގެ ކަށި ޖެހުމުން ވަރަށް ބޮޑަށް އެ ދެ މީހުންގެ އަތް ދުޅަވި ކަމަށް މަދީހު ވިދާޅުވި އެވެ. އެހެންނަމަވެސް އެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ހާފިޒު މިރޭ "ސަން"އަށް ވިދާޅުވީ، ކުރެންދޫ ފަޅުތެރޭގައި އުޅޭ މަސްތަކުގެ މައުލޫމާތު އެ މިނިސްޓްރީއަށް ވެސް ލިބިފައިވާ ކަމަށެވެ. އަދި އެ މަހަށް ކިޔާ އުޅެނީ "އެއަށްޓެހި" މަސް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މަސް އުޅޭނީ އާންމުކޮށް އައިން ހަދައިގެން. ވަރަށް ތޫނު ވިހަ ކަށްޓެއް އެ މަހުގައި އިންނާނެ. އެއީ ކެޓް ފިޝްގެ ބާވަތެއް. އެހެންނަމަވެސް އެ މަހަކީ އާންމުކޮށް ކެއުމަށް ބޭނުންކުރާ މަހެއް ނޫން،" ހާފިޒު ވިދާޅުވި އެވެ.