11 Jan 2015, 20:59
ފަތުރުވެރިއެއްގެ ކެމެރާއަކާއި ފައިސާތަކެއް ވަގަށް ނެގި މީހަކު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ސ. ހިތަދޫ ނާއިންފަރުގޭ އިބްރާހީމް ފިޔާޒުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި ޔޫކްރެއިންގެ ރައްޔިތެއް ކަމުގައިވާ ހަނާ ލީތްވީނެންކޯ ދިރިއުޅުނު ގެސްޓުހައުސްއަށް ވަދެ އެތަނުން ވައްކަންކޮށްފައިވާތީ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ އެ ގެސްޓުހައުސްގެ ތެރޭގައި އޮތް އެ ފަތުރުވެރިޔާގެ ކެމެރާ އާއި 363 ޑޮލަރު ވަގަށް ނަގާފައިވާ ކަމަށް ފިޔާޒު ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައިވާ ކަމަށެވެ.
މިއީ ފިޔާޒުގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.
ދައުލަތުން އެ މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ފިޔާޒާއި އިތުރު މީހަކު ބައިވެރިވެގެން ކުރި ވައްކަމެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް ފިޔާޒުއާއެކު ދައުވާ ކުރި ދެވަނަ މީހާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިނުވާތީ އެމީހާގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުނުވާ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.