11 Jan 2015, 20:36
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ ބިލިއަން ޑޮލަރަށްވުރެ ބޮޑެތި އިންވެސްޓްމަންޓުތަކެއް ހިންގާނެ ސަރަހައްދެއް ކަަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވާ ބެލްޖިއަމްގެ ޑްރެޖިން ކުންފުނިން އިއްޔެ ރާއްޖެ ގެނެސްފައިވާ "ލިއެވް އެެރިކްސަން" ނަމަކަށް ކިޔާ ޑްރެޖަރު ބައްލަވާލެއްވުމަށް ބައެއް މިނިސްޓަރުން މިއަދު ކުރެއްވި ދަތުރުފުޅުގައި ބައިވެރިވުމުގެ ފުރުސަތު ހަމައެކަނި ސަންގެ ނޫސްވެރިންނަށް ލިބިފައިވާއިރު އެބޯޓުގައި ހުންނަވައިގެން 'ސަން'އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، އަލަށް ހިއްކާ ބިމުގައި ތަފާތު އިންވެސްޓުމަންޓުތައް، ސަރުކާރާއި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެސަރަހައްދަކީ އެއް ބިލިއަނަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ.

"މިތަން މޮބަލައިޒުކުރުން، އިންވެސްޓްމަންޓުތައް މޮބަލައިޒު ކުރުން އޮންނާނީ އެޗްޑީސީއާއި ސަރުކާރާއި ގުޅިގެން. މިތަނަކީ އޯވަރ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު،" މިނިސްޓަރު އަދީބް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެބިމުގައި އާންމު ފަރުދުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު ލަގްޒަރީ ރޫމްތަކާއި ޒުވާނުންނަށް ހާއްސަ ކަންކަމާއި ފައިނޭންޝަލް ސެންޓަރުތަކުގެ އިތުރުން އޯފްޝޯ ފައިނޭސިން ސެންޓަރުތައްވެސް ހިމެނޭ ކަމަށެވެ. އެ އިންވެސްޓްމަންޓުތައް ގެންނާނީ ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު އޮތްގޮތުން ހުޅުމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ، 22 މިލިއަން ޑޮލަރު އަގު ހެޔޮކޮށް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލޭ ބިންހިއްކުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް، މިމަހުގެ 15ގައި ރަސްމީކޮށް ރައީސުޖުލްމްހޫރިއްޔާ ފައްޓަވައިދެއްވުމަށް ހަމަޖެހިފައިވާއިރު، ބިން ހިއްކުމުގެ މަސައްކަތް މާޗްމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ޑްރެޖަރު ބައްލަވާލެއްވުމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ގެ އިތުރުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި އެޗްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރެވެ. އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއް ކަމަށް އެޗްޑީސީ އިން ބުނެ އެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 188 ހެކްޓަރުގެ ބިމަކީ 60،000 މީހުންގެ ބޯހިޔާ ވަހިކަމަށް އަމާޒުކޮށްގެން 1997 ވަނަ އަހަރު ފެށި މަޝްރޫއު އެކެވެ.