މޮބައިލް ފޯނާއި އޮފީސްތަކަށް އަދި ވިޔަފާރިތަކަށް ހާއްސަކޮށް މިހާތަނަށް ރާއްޖޭގައި ތައާރަފުކުރި އެންމެ ބޮޑު ޑޭޓާ ޕެކޭޖް ނުވަތަ މޮބައިލް އިންޓަނެޓް ޕްލޭންތައް މުއާސަލާތީ ކުންފުނި، ދިރާގުން މިއަދު ތައާރަފުކޮށްފި އެވެ.

ތްރީޖީއާއި ފޯޖީ ނެޓްވޯކުގައި ވެސް ބޭނުންކުރެވޭ ގޮތަށް، އެމްބީއަކަށް 10 ލާރީގެ ރޭޓުން ދިރާގުން މިއަދު ތައާރަފުކޮށްފައިވާ ޑޭޓާ ޕްލޭންތަކަށް ކިޔާ ނަމަކީ "ޕަވާ ޑޭޓާ ޕްލޭން" އާއި "ޕަވާ ޕްލަސް ޑޭޓާ ޕްލޭން" އެވެ.

އެ ޕެކޭޖްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ދިރާގު ހެޑް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ދިރާގުގެ މޯބައިލް ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެގްޒެކެޓިވް އަހުމަދު އިޝާން ވިދާޅުވީ، ދިރާގުގެ ތްރީޖީ ނެޓްވޯކް މިހާރު އަޕްގްރޭޑްކޮށް ފޯޖީގެ ޚިދުމަތް ކަސްޓަމަރުންނަށް ލިއްބައިދީފައިވާ އިރު މިއަދު ތައާރަފުކުރި ޕެކޭޖްތަކުގެ ދަށުން ކަސްޓަމަރުންނަށް ހެޔޮ އަގުތަކެއްގައި ފަސޭހަކަމާ އެކު ޑޭޓާ ލިބޭނެ ކަމަށެވެ.

މިއަދު ތައާރަފުކޮށްފައިވާ ދެ ޕެކޭޖުގެ ތެރެއިން ޕަވާ ޑޭޓާ ޕްލޭނަކީ މޯބައިލް ފޯނުތަކާއި މައިފައި ޑިވައިސް އަދި ޑޮންގުލް ފަދަ ޑިވައިސްތަކަށް ހާއްސަ ޕެކޭޖެކެވެ. އެ ޕެކޭޖުގެ ދަށުން 500އެމްބީ އިން ފެށިގެން 15ޖީބީ އާއި ހަމައަށް ޑޭޓާ ލިބޭނެ އެވެ. އެގޮތުން 99 ރުފިޔާއަށް 500އެމްބީ، 189 ރުފިޔާ އަށް 1.5ޖީބީ، 249 ރުފިޔާ އަށް 2.5ޖީބީ، 449 ރުފިޔާ އަށް 5.5ޖީބީ، 649 ރުފިޔާ އަށް 8ޖީބީ އަދި 949 ރުފިޔާ އަށް 15 ޖީބީގެ ޑޭޓާ ލިބޭނެ ކަމަށް އިޝާން ވިދާޅުވި އެވެ.

ޕަވާ ޕްލަސް ޑޭޓާ ޕްލޭނަކީ އޮފީސްތަކާއި ވިޔަފާރިތަކަށް ހާއްސަކޮށް ގިނަބަޔަކު އެއްފަހަރާ ބޭނުންކުރުމަށް ތައާރަފުކޮށްފައިވާ ޕެކޭޖެކެވެ. އެ ޑޭޓާ ޕްލޭންގެ ދަށުން 25ޖީބީ އިން ފެށިގެން 100ޖީބީއާ ހަމައަށް ޑޭޓާ ލިބޭނެ އެވެ. އެގޮތުން ޕަވާ ޕްލަސް ޑޭޓާ ޕްލޭންގެ ދަށުން 1299 ރުފިޔާ އަށް 25ޖީބީ، 1899 ރުފިޔާ އަށް 50ޖީބީ، 2599 ރުފިޔާ އަށް 75ޖީބީ، 2999 ރުފިޔާ އަށް 100ޖީބީ ގެ ޑޭޓާ ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ޕެކޭޖު ނެގުމަށް އެސްއެމްއެސް އެއްގައި އިނގިރޭސި އަކުރުން އޭޑީޑީ ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްލާފައި ބޭނުންވާ ޑޭޓާ ޕްލޭންގެ އަދަދު ޖެއްސެވުމަށްފަހު 343 އަށް ފޮނުވާލުމުން ޕެކޭޖް ލިބޭނެ އެވެ. އެގޮތުން ADD 15GB އެސްއެމްއެސްގައި ޖަހާފައި 343 އަށް ފޮނުވާލުމުން ޕެކޭޖް އެކްޓިވޭޓްވާނެ އެވވެ.

ދިރާގުން މިއަދު ވަނީ އެ ދެ ޕެކޭޖާއެކު ހާއްސަ ދެ ޑިވައިސްއެއް ވެސް ތައާރަފުކޮށްފަ އެވެ. އެ ދެ ޑިވައިސް އަކީ "ފޯޖީ މައިފައި ޑިވައިސް" އާއި "ފޯޖީ ރައުޓަރ" އެކެވެ. ފޯޖީ މައިފައި ޑިވައިސްގެ އެހީގައި 10 މީހުންނަށް އެއްފަހަރާ ފޯޖީ އިންޓަނެޓް ބޭނުންކުރެވޭނެ އެވެ. އަދި ފޯޖީ ރައުޓަރުގެ އެހީގައި 32 މީހުންނަށް އެއްފަހަރާ އިންޓަނެޓް ބޭނުންކުރެވޭނެ އެވެ.