ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމްކޮށްގެން އިއްޔެ ފެށި ދެވަނަ ޑިވިޝަންގެ ގައުމީ ވޮލީބޯޅަ ލީގުގެ ފުރަތަމަ މެޗުތައް އެސޯސިއޭޝަން ފޯ ކޮމަންޑޫ ޔޫތު ޑިވަލޮޕްމަންޓް (ކޭވައިޑީ) އާއި މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް (އެމްއެސްސީ) އަދި ކްލަބް ވެލެންސިޔާ (ވީއޭއެލް) ކާމިޔާބު ކޮށްފި އެވެ.

އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ފެށި އެ މުބާރާތުގެ ފުރަތަމަ މެޗުގައި ކޭވައިޑީއާ ދެކޮޅަށް ވާދަކުރީ ކްލަބް ހާފް ލައިން ލިންކޭޖް (ސީއެޗްއެލް) އެވެ. އެ މެޗު ކޭވައިޑީ ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ކޭވައިޑީ ކާމިޔާބު ކުރީ 21-25، 16-25 އަދި 20-25 ގެ ނަތީޖާއަކުންނެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޭވައިޑީގެ ހަސަން ނިލާމް އެވެ.

އިއްޔެ ރޭ ކުޅުނު މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެމްއެސްސީ އާއި އެސޯސިއޭޝަން ފޯ އެވެއާނެސް، ރެކްރިއޭޝަން އެންޑް ޔުނިޓީ (އޭއޭއާރް) އެވެ. އެ މެޗު އެމްއެސްސީ ވެސް ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓާއި ފަހު ސެޓު އެ ޓީމް ފަސޭހަ ކަމާއެކު 14-25 އަދި 13-25 ގެ ނަތީޖާއަކުން ކާމިޔާބު ކުރިއިރު، މެޗުގެ ދެވަނަ ސެޓުގައި އޭއޭއާރް ވާދަވެރި ކުޅުމެއް ދެއްކުމުން އެ ސެޓު އެމްއެސްސީއަށް ކާމިޔާބު ކުރެވުނީ 21-25 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެސްސީގެ ބިދޭސީ ކުޅުންތެރިޔާ ދީޕްތީ ރޮމޭޝް އެވެ.

ރޭ ކުޅުނު ލީގުގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ވީއޭއެލް އާއި އައިލެންޑް ޑިވަލޮޕްމަންޓް އެންޑް އެންވަޔަރަންމަންޓް އެވެއާނެސް ސޮސައިޓީ (އައިސީއީ) އެވެ. އެ މެޗު ވީއޭއެލް އިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގައި އައިސީއީ ވާދަވެރި ކުޅުމެއް ދެއްކިނަމަވެސް، އެ މެޗުގެ ސެޓުތައް ވީއޭއެލް ވަނީ 20-25، 24-26 އަދި 18-25 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވީއޭއެލްގެ ގާލިބް އަބްދުލް މަންނާން އެވެ.

ދެވަނަ ޑިވިޝަންގެ ގައުމީ ވޮލީ ލީގުގައި މިއަދުވެސް ތިން މެޗު ކުޅެން ހަމަޖެހިފައި ވާއިރު، މިއަދު ކުޅެ ފުރަތަމަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ކްލަބް ޕީކޭ (ސީޕީކޭ) އާއި ޔޫތު ނިއު ޖެނަރޭޝަން (ވައިއެންޖީ) އެވެ. އަދި ދެވަނަ މެޗުގައި ސީއެޗްއެލް އާއި އެމްއެސްސީ ބައްދަލުކުރަން ހަމަޖެހިފައި ވާއިރު، ތިންވަނަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ކޭވައިޑީ އާއި އޭއޭއާރް އެވެ.

ވީއޭއެމްއިން މި މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ އެ މުބާރާތުގައި މިފަހަރު އަށް ޓީމް ބައިވެރި ވެފައި ވެއެވެ. އަދި އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިން، ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓު ހޯދާ ހަތަރު ޓީމް ސެމީފައިނަލް ކުޅޭ ގޮތަށެވެ.