ބެލްޖިއަމްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ މިޑްފީލްޑަރެއްގެ މަގާމް އަދާކުރި އުމުރުން 20 އަހަރުގެ ޖޫނިއާ މަލަންޑާ އިއްޔެ ހިނގި ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

ބެލްޖިއަމްގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އޭނާ މަރުވެފައި ވަނީ އިއްޔެ މެންދުރު އެ ގައުމުގެ އުތުރުގެ ހިސާބެއް ކަމަށްވާ ޕޯޓަ ވެސްޓްފަލިކާ ކައިރީ އޮންނަ މަގެއްގައި ހިންގި އެކްސިޑެންޓެއްގައެވެ.

ހަބަރުތައް ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓު ހިނގާފައި ވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އޭނާ ދަތުރު ކުރަމުން ދިޔަ ކާރު މަގުން ކައްސާލައިގެން ގޮސް މަގުގެ އެއްފަރާތުގައި ހުރި ގަހެއްގައި ޖެހުމުންނެވެ. އަދި އެ ކާރުން ދަތުރު ކުރި އިތުރު ދެ މީހަކުވެސް ސީރިއަސް އަނިޔާ ތަކަކާއެކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދާކަމަށް ބެލްޖިއަމްގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެކަމާ ގުޅޭ ގޮތުން ބެލްޖިއަމްގެ އެފްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިއްޔެ ދުނިޔެއަށް ގެއްލިގެން ގޮސްފައި ވަނީ ވަރަށް ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާ މަރުވުމާ ގުޅިގެން އެ ގައުމުގެ އެފްއޭއިން ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

ޖަރުމަނުގެ ބުންޑަސްލީގާގެ ދެވަނައިގައި މިހާރު އޮތް ވުލްވްސްބާގް އަށް ވެސް ކުޅެމުން އައި މަލަންޑާ މަރުވުމާ ގުޅިގެން އެ ކްލަބުން ބުނީ އޭނާގެ މަރަކީ އެ ކްލަބަށް ދިމާވި ވަރަށް ބޮޑު ހިތާމައެއް ކަމަށާއި، އެ ކްލަބަށް އަދިވެސް އެކަން ގަބޫލްކުރަން ދަތި ކަމަށެވެ. އަދި އޭނާއަކީ ވަރަށް މޮޅު ފުޓްބޯޅަ ކުޅުންތެރިއެއް ކަމަށާއި، އޭނާއަށް ފުޓްބޯޅައިގައި ގިނަ ކުރިއެރުންތަކެއް ހޯދޭނެކަން އެ ކްލަބުން ގަބޫލު ކުރިކަމަށްވެސް އެ ކްލަބުން ބުނެފައި ވެއެވެ.

މަލަންޑާ އަކީ 2009 ވަނަ އަހަރުން ފެށިގެން ބެލްޖިއަމްގެ އެކި އުމުރުފުރާތަކުގެ ގައުމީ ޓީމްތަކަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އަދި އޭނާ ޑިފެންސިވް މިޑްފީލްޑަރެއްގެ މަގާމް އަދާކުރި ނަމަވެސް، 2013 ވަނަ އަހަރުން 2014 ވަނަ އަހަރަށް ބެލްޖިއަމްގެ 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެދިން މެޗުތަކުގައި އޭނާ ވަނީ ގައުމީ ފެންވަރުގައި އޭނާގެ ފުރަތަމަ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ.

މަލަންޑާ ވުލްވްސްބާގްއާ ގުޅުނީ 2013 ވަނަ އަހަރު އެވެ. އަދި އެ އަހަރު އޭނާ އެ ޓީމަށް ދެ ލަނޑު ކާމިޔާބު ކޮށްދިން އިރު، ހަމަ އެ އަހަރު އޭނާ ވަނީ ލޯން ކުޅުންތެރިއެއްގެ ގޮތުގައި ބެލްޖިއަމްގެ ޓީމެއް ކަމަށްވާ ޒުލްޓެ ވާގެއެމްއަށް ބަދަލުވެފައެވެ. އެ ކްލަބުގައި އޭނާ ހޭދަކުރި ދުވަސްތަކޮޅުގައި އޭނާ ވަނީ އެ ކްލަބަށް ތިން ލަނޑު ކާމިޔާބު ކޮށްދީފައެވެ.