ޕެރިސް (ޖަނަވަރީ 11) : ފާއިތުވި ހަފްތާގައި ފަރަންސޭސިވިލާތުގައި ހިނގި ލޭއޮހޮރުވުން ބޮޑު ޙަމަލާތަކުގައި 17 މީހުން މަރުވެފައިވާތީ ފަރަންސޭސި ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން އެ ގައުމުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުމުގައި ދުނިޔޭގެ ގައުމުތަކުގެ 40 އަށް ވުރެ ގިނަ ލީޑަރުން ބައިވެރިވާނެކަން ފަރަންސޭސީވިލާތުން ހާމަކޮށްފިއެވެ.

ފަރަންސޭސި ސަރުކާރުން ބުނީ މިއީ ޚިޔާލުފާޅުކުރުުމުގެ މިނިވަންކަން ދިފާޢު ކުރުމުގެ ގޮތުންނާއި ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޮަޅަށް ފަރަންސޭސި ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ގޮތުން ބާއްވާ ހިނގާލުމެއް ކަމުގަ އެވެ. މި ހިނގާލުމުގައި މިލިޔަނެއްހާ މީހުން ބައިވެރިވާނެ ކަމަށް ވެސް އެ ގައުމުން ބުނެ އެވެ. މި ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޔުރަޕްގެ އެތައް ގައުމެއްގެ ލީޑަރުން މިހާރުވަނީ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހަށް ވަޑައިގެންފައެވެ.

މީގެ ތެރޭގައި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އާއި ޖަރުމަނުގެ މުސްތަޝާރު އެންގެލާ މާކެލް އާއި ތުރުކީގެ ބޮޑުވަޒީރު އަހްމަދު ދާވޫދު އާއި ސްޕޭންގެ ބޮޑުވަޒީރު މަރިޔާނޯ ރަޚޮއި އާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ހިމެނިވަޑައިގަންނަވަ އެވެ. މީގެއިތުުރުން އަރަބި ބައެއް ގައުމުތަކުގެ ވެރިންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފައިވާ އިސްރާއީލުގެ ހައްދު ފަހަނަޅާފައިވާ ބޮޑު ވަޒީރު ބެންޖަމިން ނަތަނިޔާހޫ ވެސް މި ހިނގާލުމުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޕެރިހަށް ވަޑައިގަންނަވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

މި ހިނާގާލުން ފެށުމުގެ ކުރިން ފަރަންސޭސި ރައީސް އޮލާންދް ވަނީ އެގައުމުގައި ދިރިއުޅޭ ޔަހޫދީން ތަމްސީލްކުރާ ފަރާތްތަކާ ބައްދަލުކުރެއްވުމަށްވެސް ނިންމަވާފައެވެ. އިސްރާއީލުގެހައްދު ފަހަނަޅާފައިވާ ބޮޑު ވަޒީރު ބެންޖަމިން ނަތަނިޔާހޫއާއެކު މިހިނގާލުމުގައި ބައިވެރިވެ ވަޑައިގަންނަވާ އަަރަބި ވެރިންގެ ތެރޭގައި އުރުދުންގެ ރަސްގެފާނު އަބްދުﷲ އާއި އޭނާގެ އަނބިކަނބަލުން ރާނިޔާ އާއި ތޫނިސްގެ ބޮޑުވަޒީރު މަހްދީ ޖުމްޢާ އާއި ފަލަސްތީނުގެ ރައީސް މަހްމުދު އައްބާސް އާއި ޔޫއޭއީގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދް ހިމެނިވަޑައިގަންނަވައެވެ. (އަލްޖަޒީރާ)