އޭޝިއާގެ ވޮލީބޯޅަ ކޮންފެޑަރޭޝަން (އޭވީސީ)އިން އިންތިޒާމްކޮށްގެން ބާއްވާ ކޮންޓިނެންޓަލް ބީޗް ވޮލީބޯލް ޓޯނަމަންޓް' މިއަހަރު ރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.

އެ މުބާރާތް މިފަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާކަން ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް)އިން ހާމަކޮށްފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގަ އެވެ. އަންހެން އަދި ފިރެހެން ޑިވިޝަންތައް ހިމަނޭ ގޮތަށް ކުރިއަށް ގެންދާ އެ މުބާރާތަކީ އަންނަ އަހަރު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބާއްވަން ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްއަށް އޭޝިއާ ބައްރުން ކޮލިފައިވާ ޓީމްތައް ހޮވުމަށް ބާއްވާ މުބާރާތްތަކުގެ ތެރެއިން މުބާރާތެކެވެ.

ވީއޭއެމުން ބުނި ގޮތުގައި އެ މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުން 23 ވަނަ ދުވަހާ ހަމައަށް މާލޭގަ އެވެ. އަދި އެ މުބާރާތުގައި ސާކް ގައުމުތަކުގެ އިތުރުން ތުރުކެމެނިސްތާނު ވެސް ވާދަކުރަން ހަމަޖެހިފައިވާ ކަމަށް ވީއޭއެމުން މައުލޫމާތު ދިނެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި އަހަރު އެ އެސޯސިއޭޝަނުން ހިންގަން ރާވާފައިވާ މުބާރާތްތަކުގެ ކަލަންޑަރު ވެސް ވަނީ ހާމަކޮށްފަ އެވެ. މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މުބާރާތްތައް މިއަހަރު ވެސް ކުރިއަށް ގެންދަން މިއަހަރުގެ ކަލަންޑަރުގައި ތާވަލްކޮށްފައިވާއިރު، މި އަހަރު ރާއްޖޭގެ ވޮލީބޯޅައަށް ވަނީ ބަދަލުތަކެއް ވެސް ގެނެސްފަ އެވެ.

ވީއޭއެމުން މި އަހަރު ގެނެސްފައިވާ ބައެއް ބަދަލުތަކުގެ ތެރޭގައި، އަހަރުގެ މެދުތެރޭ ކުޅުންތެރިން އެއް ޓީމުން އަނެއް ޓީމަށް ޓްރާންސްފާ ކުރެވޭ ގޮތަށް މިއަހަރު ވަނީ ހަދާފަ އެވެ. އެގޮތުން އަހަރުގެ ކުރީކޮޅު ބާއްވާ މުބާރާތްތަކުގައި ބައިވެރިވާ ކްލަބެއްގެ ކުޅުންތެރިން އަހަރުގެ ފަހު ކޮޅު ބާއްވާ މުބާރާތްތަކުގައި އެހެން ކްލަބަކަށް ކުޅުމުގެ ފުރުސަތު ލިބިގެންދެ އެވެ.

ވީއޭއެމުން މިއަހަރު ބާއްވާ މުބާރާތްތަކުގައި ބައިވެރިވާ ޓީމްތަކަށް މިއަހަރު ބިދޭސީ ދެ ކުޅުންތެރިން ބައިވެރި ވެވޭގޮތަށް ވެސް ވަނީ ހަމަޖައްސާފަ އެވެ. ރާއްޖޭގެ ވޮލީ ޓީމްތަކުގައި ބައިވެރިވާ ބިދޭސީ ކުޅުންތެރިންގެ އަދަދު އިތުރު ކޮށްފައި ވާއިރު، ވީއޭއެމުން އެކަމަށް ކަނޑައަޅާފައިވާ ގަވައިދަކީ އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ އޭވީސީން ކަނޑައަޅާފައިވާ އޭޝިއާގެ ސެންޓްރަލް ޒޯންގެ ސަބް ޒޯނަކަށް ނިސްބަތްވާ ކުޅުންތެރިއަކަށް ވުމެވެ.

އެ ބަދަލުތަކުގެ އިތުރުން އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ބާއްވާ ޕްރެޒިޑެންޓްސް ކަޕް މުބާރާތުގެ ޗެންޕިއަން ޓީމާއި ރަނަރަޕް ޓީމް ގައުމީ ވޮލީބޯޅަ މުބާރާތަށް ކޮލިފައި ވާގޮތަށް ވެސް މިފަހަރު ވީއޭއެމުން ވަނީ ހަމަޖައްސާފަ އެވެ.

އެ ބަދަލުތަކާއެކު ވީއޭއެމް މިއަހަރާ ކުރިމަތިލާއިރު، އެ އެސޯސިއޭޝަނުން ވަނީ ދާދި ފަހުން މިދިޔަ އަހަރުގެ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތް ވެސް ކާމިޔާބު ކަމާއެކު ބާއްވާފަ އެވެ. އަދި އޭގެ އިތުރުން މި އަހަރުގެ ދެ ވަނަ ޑިވިޝަންގެ ވޮލީބޯޅަ ލީގު އެ އެސޯސިއޭޝަނުން ވަނީ އިއްޔެ ފަށާފަ އެވެ.