ފްރާންސްގެ ޗާލީ ހެބްޑޫ ނޫހަށް ހަމަލާދީ 12 މީހުން މަރައިލި ހާދިސާ އާއި އޭގެ ފަހުން ޕެރިހުގައި ދިން ހަމަލާތަކުން ދޭހަވަނީ މެދުމިން ކުރިއަރުވަން މަސައްކަތް ކުރަން ޖެހޭ ކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ފްރާންސްގެ ޗާލީ ހެބްޑޫ ނޫހަށް ހަމަލާދީ 12 މީހުން މަރައިލި ހާދިސާ އާއި އޭގެ ފަހުން ޕެރިހުގައި ދިން ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވާކަމަށާއި ފަރަންސޭސި ރައީސަށް ހަމްދަރުދީ ފާޅުކުރެއްވުމަށް ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވެފައި ވަނީ ހަރުކަށިކަމާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެ މެސެޖްގައި އަދި ވިދާޅުވެފައި ވަނީ "މިނިވަންކަމުގެ ހިނގައިލުން" މިއަދު ފަށައި ދިވެހި ރާއްޖެ އޮތީ ފްރާންސްގެ ރައްޔިތުންނާއި ސަރުކާރާ އެކު ކަމަށެވެ.

"... ޕެރިހުގައި ހުންނަ ޗާލީ ހެބްޑޫ އޮފީހުގައި ހިންގި ގަތުލުއާއްމާއި ފާއިތުވި މަދު ދުވަސްކޮޅުގެ ތެރޭގައި ފްރާންސްގައި ހިންގާފައިވާ ދަށުދަރަޖައިގެ ޓެރަރިޒަމްގެ ހަރަކާތައް ކުށްވެރި ކުރުމުގައި ދިވެހިރާއްޖޭގެ ރައްޔިތުން އަޅުގަނޑާ ބައިވެރިވެ އެވެ. ޓެރަރިޒަމަށް އިސްލާމްދީނުގައި ޖާގައެއް ނެތެވެ. ހުރިހާ މާނައެއްގައި ހުރިހާ ސިފައެއްގައި ހިންގާ ޓެރަރިޒަމާ ދިވެހި ރާއްޖެ ދެކޮޅު ހަދަ އެވެ. ހަމަލާތަކުން އަނެއްކާ ވެސް ދައްކައި ދެނީ ހަރުކަށިކަމާ ދެކޮޅު ހަދަން ޖެހިފައިވާ ކަމެވެ. އަދި ތަހަމައްލް ކުރުމާއި މެދުމިން ކުރިއަރުވަން ޖެހިފައިވާ ކަމެވެ." ރައީސްގެ ބަޔާނުގައިވެ އެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުރި ޗާލީ ހެބްޑޫ ނޫހަށް މިދިޔަ ބުދަ ދުވަހު ދިން ހަމަލާގައި 12 މީހުން މަރުވި އެވެ. އަދި އޭގެ ފަހުން ޕެރިހުގައި ދިން އެހެން ހަމަލާތަކެއްގައި މަރުވި މީހުންނާއި އެކު ޕެރިހުގައި ހިނގި ހާދިސާތަކުގައި މަރުވިމީހުންގެ އަދަދު 17 އަށް އަރައެވެ.

ޗާލީ ހެބްޑޫ ނޫހަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށާއި މުސްލިމުންނަށް ތަކުރާރުކޮށް ފުރައްސާރަކުރަމުން ދިޔަ ނޫހެކެވެ.