މާލެ ސިޓީ ކައުންސިލްގެ ހޯލު ސިޔާސީ ޕާޓީތަކާއި އެކި ޖަމިއްޔާތަކަށް ކުއްޔަށް ދެމުންދާއިރު ވަކި ބަޔަކަށް ސިޓީ ކައުންސިލްގެ ހޯލު ކުއްޔަށް ދޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަ އެ ކައުންސިލުން ދޮގުކޮށްފި އެވެ.

އެ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާލެ ސިޓީ ހޯލު ކުއްޔަށް ދެމުން ގެންދަނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ސިޓީ ހޯލުގައި އެއްވެސް ފަރާތަކުން ހަރަކާތެއް ބާއްވަން އެދިއްޖެނަމަ އެއްވެސް "ތަފާތު ކުރުމެއް" ނެތި ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތީން އެ ފަރާތަކަށް ސިޓީ ހޯލު ކުއްޔަށް ދެމުން ގެންދާ ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

"މިހެން މިކަން ކުރަމުން ގެންދަނިކޮށް ހައުސިން މިނިސްޓަރާއި ހަވާލާދީ މީޑިއާގައި ފަތުރަމުން ދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެކެވެ. ސިޓީ ހޯލަކީ ވަކި ޕާޓީއަކަށް ވަކި ކުލައަކަށް ވަކި މީހަކަށް ބަލައިގެން ބައްދަލުވުންތައް ބޭނުންކުރުމަށް ދޫކުރަމުން ގެންދާ ތަނެއް ނޫނެވެ. އެއާ ހިލާފަށް އެހެން ފަރާތަކުން ކުއްޔަށް ހިފާފައި ނުވާނަމަ އެދޭ ކޮންމެ ފަރާތަކަށް ވެސް ދޫކުރަމުން ގެންދަމެވެ،" ސިޓީ ކައުންސިލްގެ ބަޔާނުގައިި ބުނެފައިވެ އެވެ.

އިތުރަށް ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވަނީ މާލޭގެ ރައްޔިތުންނަށް މައުލޫމާތު އޮޅޭ ފަދަ ގޮތަކަށް ހަގީގަތާއި ހިލާފަށް މާލެ ސިޓީ ކައުންސިލްގެ ހޯލު އެ ކައުންސިލުން ދޫކުރަމުންދާ ކަމަށް ސަރުކާރުގެ ޒިންމާދާރު ބޭފުޅަކު ފަތުރުއްވަމުން ގެންދަވާ މައުލޫމާތާއި މެދު ސިޓީ ކައުންސިލުން ކަންބޮޑުވާ ކަމަށެވެ. އަދި ހޯލު ކުއްޔަށް ހިފާ ފަރާތްތަކުން ގަވާއިދުން ފައިސާ ދައްކަމުން ގެންދާ ކަމަށް ވެސް ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ސިޓީ ކައުންސިލުން ބުނީ ސިޓީ ކައުންސިލްގެ ހޯލު ކުއްޔަށް ދޫކުރުމަށްފަހު ލިބޭ ފައިސާ ޖަމާކުރަމުން ދަނީ ފިނޭންސް މިނިސްޓްރީއަށް ކަމަށެވެ. ހަމައެއާއެކު ވޭތުވެދިޔަ އަހަރު ސިޓީ ކައުންސިލްގެ ހޯލު ކުއްޔަށް ދީގެން 158150 ރުފިޔާ ލިބި ފިނޭންސް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.