11 Jan 2015, 15:35
މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ކުއްލިއްޔާ ކުރިމައްޗަށްވާ ގޮތަށް ހުންނަ "ފުލޫނިޔާމާގެ" ނަމަކަށް ކިޔާ ގެއެއްގަ އެވެ.
އަލިފާން ރޯވުމުގެ ހާދިސާ ހިނގުމާ އެކު އެމްއެންޑީއެފްގެ ފަޔާ ލޮރީ ވަނީ އެތަނަށް ގޮސްފަ އެވެ. ނަމަވެސް ފަޔާލޮރީ ދިއުމުގެ ކުރިން އެ ސަރަހައްދުގައި އުޅޭ މީހަކު ވަނީ ފަސް ލީޓަރުގެ ފެންފުޅިއެއްގެ އެހީގައި އަލިފާން ނިއްވާލާފަ އެވެ.
އެ ސަރަހައްދުގައި ހުރި މީހަކު "ސަން" އަށް ބުނީ އަލިފާން ރޯވި ވަގުތު އެތަނުން ކޮންމެވެސް ވަރަކަށް ދުންއެރި ނަމަވެސް މާ ގިނައިރެއް ނުވެ އަލިފާން ނިއްވާލި ކަމަށެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ފަޔާ ރެސްކިއު ސާވިސްގެ ބޭފުޅަކު ވިދާޅުވީ އަލިފާން ރޯވެފައި ވަނީ ކޮޓަރިއެއް ކަހަލަ "ކުޑަ ތަންކޮޅެއްގައި" ކަމަށާއި ރޯވީ އެތަނުގެ ސީލިންގުގައި ކަމަށެވެ. އަދި އަލިފާން ރޯވީ ކޮން ސަބަބަކާހުރެކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.