05 Feb 2011, 16:16
ދިއްލީ : އިންޑިޔާއަށް މިހާރު ވަޑައިގެން އުޅުއްވާ އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއި އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގ އާ ދިއްލީގައި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވީ އަފްޣާނިސްތާން އަލުން ބިނާކޮށް އާރާސްތު ކުރުމުގައި އިންޑިޔާއިންދޭ މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމާބެހޭގޮތުންނާއި އަފްޣާނިސްތާނުގެ ތަރައްޤީގެ މަޝްރޫޢުތަކުގައި މަސައްކަތްކުރާ އިންޑިޔާގެ ރައްޔިތުންގެ އަމްނާއި ސަލާމަތާބެހޭގޮތުން ކަމަށް ޚަބަރުތައް ބުނެއެވެ.
ދެބޭފުޅުންގެ މަޝްވަރާތަކަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ޓެރަރިޒަމްގެ ނުރައްކާ ދެޤައުމަށްވެސް ކުރިމަތިވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ޓެރަރިޒަމާ ކުރިމަތިލުމުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރަމުން ގެންދާކަމަށާއި މުސްތަޤްބަލްގައިވެސް މިގޮތުގައި މިކަން ކުރިޔަށްދާނެ ކަން ބަޔާންކޮށްފައިވެއެވެ.
ހަނގުރާމައިގާ ހަލާކުވެ ފުނޑުފުނޑުވެފައިވާ އަފްޣާނިސްތާނު އަލުން ބިނާކޮށް އާރާސްތުކުރުުމުގެ ނަމުގައި އެމެރިކާ ހިންގަމުން ގެންދާ ޙަރަކާތްތަކުގައި އިންޑިޔާ ބައިވެރި ނުވިނަމަވެސް އަފްޣާނިސްތާނުގެ ތަރައްޤީގެ މަޝްރޫޢުތަކަށް އިންޑިޔާއިން މާލީ އަދި ފަންނީ އެހީތައް ދެމުން ގެންދެއެވެ. (އަލްޢާލަމް)