ކުށުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް 11159 މައްސަލަ މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރި މީހުންގެ ތެރެއިން 9088 މީހުން ބަންދުގައި ބެއިތިއްބުމަށް އަމުރުކޮށްފައިވާއިރު ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ 2071 މީހުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި މީހުންގެ ތެރޭގައި އެއްމެގިނައީ ވައްކަމާއި މަސްތުވާތަކެތީގެ ތަފާތުކުއްކުށުގައި ތުހުމަތުކުރެވިގެން ބަންދު ނުވަތަ ހައްޔަރުކުރާ މީހުންނެވެ.

މަސްތުވާތަކެތީގެ ތަފާތު ކުއްކުށުގައި ބަންދާ މެދު ގޮތެއް ނިންމުމަށް 5957 މީހުން ކޯޓަށް ހާޒުރުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ ވޭތުވެދިޔަ އަހަރު ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި މީހުންގެ 53 ޕަސެންޓެވެ. އަދި ވޭތުވެދިޔަ އަހަރު ވައްކަމުގެ ތަފާތު ކުއްކުށުގައި ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވަނީ 2306 މީހުން ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. އެއީ މިދިޔަ އަހަރު ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި މީހުންގެ 21 ޕަސެންޓެވެ.