ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކުގެ ތެރެއިން ޗެލްސީ އާއި ލިވަޕޫލް ކުޅުނު މެޗުތައް އެ ދެޓީމުން ކާމިޔާބުކޮށް ތާވަލްގައި އެ ދެ ޓީމްވެސް ކުރިއަށް ޖެހިލި އިރު، މެންޗެސްޓާ ސިޓީ ކުޅުނު މެޗު އެއްވަރު ވުމުން ތާވަލްގެ އެއްވަނަ ޗެލްސީއާ އަރާ ހަމަހަމަ ކުރަން އެ ޓީމަށް ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

ރޭ ޗެލްސީ ކުޅުނު މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ތާވަލްގައި އެ ޓީމް ވަނީ 49 ޕޮއިންޓަށް އެ ޓީމްގެ ލީޑު ފުޅާކޮށްލާފަ އެވެ. އަދި ރޭގެ މެޗާއެކު މުޅިއަކު 32 ޕޮއިންޓް ހޯދައި ލިވަޕޫލްވެސް ވަނީ ތާވަލްގެ 10 ވަނައިން އަށް ވަނައަށް ޖެހިލާފައެވެ. ނަމަވެސް ސިޓީ ކުޅުނު މެޗު އެއްވަރު ވުމުން އެ ޓީމަށް ލިބުނު އެއް ޕޮއިންޓާ އެކު ޗެލްސީއާ އެ ޓީމާ މެދު އަނެއްކާވެސް ދެ ޕޮއިންޓުގެ ފަރަގެއް އުފެދިފައިވާ އިރު، އެ ޓީމް މިޙާރު އޮތީ ތާވަލްގެ ދެވަނައިގައި 47 ޕޮއިންޓާ އެކު އެވެ.

ޗެލްސީ އާއި ނިއުކާސްލް ބައްދަލުކުރި މެޗު ރޭ ޗެލްސީ ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މި ފަހަރުގެ ޕްރިމިއާ ލީގު ސީޒަންގައި އެ ޓީމްގެ ފުރަތަމަ ބަލި ނިއުކާސްލް އަތުން ޗެލްސީ ތަހަންމަލް ކުރަން ޖެހިފައިވި ނަމަވެސް، ރޭގެ މެޗު ޑޮމިނޭޓް ކޮށްފައި ވަނީ ޗެލްސީ އެވެ.

މެޗުގެ ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ޗެލްސީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގެ ލީޑް އެ ޓީމަސް ހޯދަދިނީ އެ ޓީމްގެ އޮސްކާ އެވެ. އަދި ދެވަނަ ހާފް ފެށިތާ އިރުކޮޅެއް ތެރޭ ޗެލްސީގެ ޑިއޭގޯ ކޯސްޓާ ވަނީ އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، ޗެލްސީއަށް މެޗު ކަށަވަރު ކޮށްދީފަ އެވެ.

ރޭ ލިވަޕޫލް ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު މެޗު ކޮންޓްރޯލް ކުރީ ލިވަޕޫލުންނެވެ. މެޗުގެ ފުރަތަމަ ލަނޑު އަށްވަނަ މިނެޓުގައި ކާމިޔާބުކޮށް ލިވްޕޫލް ވަނީ މެޗުގައި އަވަސް ލީޑެއް ހޯދާފަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ލަޒާރް މާކޮވިޗް އެވެ. އެ ލަނޑާއެކު ސަންޑަލޭންޑު ޕްރެޝަރަށް ވެއްޓިފައިވާ އިރު، ފުރަތަމަ ހާފްގައި އެކަނިވެސް ލިވަޕޫލްގެ ހެންޑަސަން އާއި މާކޮވިޗް ވަނީ ދެފަހަރު މަތިން އެ ޓީމްގެ ޑިފެންސް ފޫއަޅުވާލާފަ އެވެ. ނަމަވެސް އެ ދެ ކުޅުންތެރިންގެ ޝޮޓުތައް އަމާޒުވެފައި ވަނީ ސަންޑަލޭންދުގެ ގޯލް ދަނޑިއަށެވެ.

މެޗުގައި ލިވަޕޫލަށް އިތުރު އެޑްވާންޓޭޖެއް ލިބުނީ ދެވަނަ ހާފް ފެށިތާ ހަތަރު މިނެޓުތެރޭ ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ސަންޑަލެންޑުގެ ލިއާމް ބްރިޑްކަޓް ދަނޑުން ފޮނުވާލުމުންނެވެ. ނަމަވެސް ޓީމް 10 ކުޅުންތެރިންނަށް މަދުވުމުންވެސް ސަންޑަލޭންޑް ވަނީ ހިތްވަރާ އެކު މަސައްކަތްކޮށް، މެޗުގައި ލިވަޕޫލަށް އިތުރު ލަނޑެއް ކާމިޔާބު ކުރިޔަ ނުދީ ހިފައްޓާލާފަ އެވެ. އެހެން ކަމުން އެ މެޗު ނިމިގެން ގޮސްފައި ވަނީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެނެވެ.

ރޭ ސިޓީ އާއި އެވާޓަން ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. ދެވަނަ ހާފްގައި ވެސް ދެ ޓީމުން ރަނގަޅު ކުޅުމެއް ދައްކާ ގިނަ ހަމަލާތަކެއް އުފައްދާފައިވާ އިރު، ގޯލްގެ ދާގަނޑުގައި އެންމެ ފުރަތަމަ ބޯޅަ ޖެއްސީ އެވަޓަން އެވެ. ނަމަވެސް މެޗުގެ 70 ވަނަ މިނެޓުގައި އެވްޓަނުން ކާމިޔާބު ކުރި އެ ލަނޑު، ކުރި ފައުލަކާ ގުޅިގެން އޮފިޝަލުން ބަލައިގެންފައެއް ނުވެ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގައި ފުރަތަމަ ލީޑް ނެގީ ސިޓީ އެވެ. މެޗުގެ 74 ވަނަ މިނެޓުގައި އެ ޓީމަށް އެ ލަނޑު ކާމިޔާބު ކޮށްދިނީ ފާނެންޑީނިއޯ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އެވަޓަން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެވަޓަންގެ ބައިނެސް ނަގައިދިން ރީތި ބޯޅައަކުން އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެވަޓަންގެ ސްޓީވަން ނައިސްމިތް އެވެ.

އެވްޓަންގެ ލަނޑާ އެކު އެ ޓީމް ވަނީ ވަރުގަދަ ކުޅުމެއް ދައްކާ ސިޓީއަށް ޑިފެންސް ކުރަން މަޖުބޫރު ކުރުވާފަ އެވެ. ސިޓީ ހަމައަކަށް އެޅި ޓީމް ފޯމަކަށް ގެނެވުނީ މެޗުގެ އެންމެ ފަހު ވަގުތު ކޮޅު އެވެ. ނަމަވެސް މެޗު ނިމިގެން ގޮސްފައި ވަނީ ދެ ޓީމްގެ ފަރާތުންވެސް މާ ނުރައްކާތެރި ހަމަލާތަކެއް ނުފެނި އެވެ.