11 Jan 2015, 15:02
މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން އިއްޔެ އެކަނިވެސް ފުލުހުންގެ ބެލުމުގެ ދަށަށް 111 ވެހިކަލް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އިއްޔެ ނެގި ވެހިކަލްތަކުގެ ތެރޭގައި ހަތަރު ފުރޮޅުލީ 55 އުޅަނދުގެ ތެރެއިން ނަމްބަރު ބޯޑުހުރީ 34 ވެހިކަލުގައި ކަމަށާއި އަނެއް 21 އުޅަނދުގައި ނަމްބަރު ބޯޑު ނެތް ކަމަށެވެ. ދެ ފުރޮޅުލީ އުޅަނދުގެ ތެރެއިން 56 އުޅަނދު ނެގިއިރު އޭގެ ތެރެއިން 40 ވެހިކަލްގައި ނަމްބަރު ބޯޑު ހުރިއިރު 16 ވެހިކަލްގައި ނަމްބަރު ބޯޑުނެތް ކަަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭގެ ތެރެއިން ނަމްބަރު ބޯޑުނެތް ވެހިކަލްތައް ބާދަނގަނޑަށް ކިރަން ތިލަފުއްޓަށް ގެންދަން ނިންމާފައިވާއިރު ނަމްބަރު ބޯޑުހުރި ވެހިކަލްތަކުގެ ލިޔުންތައް ގެނައުމުން ދައްކަން ޖެހޭ ޖޫރިމަނާތައް ދެއްކުމުން ވެރިފަރާތާއި ވެހިކަލްތައް ހަވާލު ކުރާނެ ކަމަށެވެ.
ކުރިއަށްއޮތް ތަނުގައި ވެސް އެކިދުވަސްތަކުގެ މަތިން މަގުތަކުގައި ނުގަވައިދުން ޕާކްކޮށްފައި ހުންނަ ވެހިކަލް ޓޯކުރާނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ބާވެ ހަލާކުވެފައި ވާ ވެހިކަލްތަކާއި، ގަވާއިދާ ހިލާފަށް ޕާކު ކުރާ ވެހިކަލްތަށް ނެގުމުން، ގާވާއިދުން ޕާކުކުރަން ބޭނުންވާ މީހުންނަށް އިތުރު ފަސޭހަތަކެއް ލިބި، މަގުތަށް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތަށް ވެސް ފަސޭހަ ވެގެން ދާނެ ކަމަށް ފުލުހުން ބުންޏެވެ.