ރަނގަޅު ތަޢުލީމެއް ފޯރުކޮށް ދިނުމުގައި ދަރިވަރުންނަށާއި ސްކޫލްގެ މެނޭޖްމަންޓަށާއި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް އެންމެ ފައިދާ ހުރި ނިޒާމަކީ އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ތަހުނިޔާ ފޮނުއްވައި ނަޝީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި 52 ޕަސެންޓް ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރެވުނު ކަމަށެވެ. އެހެންނަމަވެސް މިހާރު ބައެއް ސްކޫލްތައް ދެ ދަންފަޅިއަށް ބަދަލުކުރެވިފައިވުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައީސް ނަޝިދު ވިދާޅުވި އެވެ.

ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް ދަރިވަރުންނަށް ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދިނުމަށާއި ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ސްކޫލްތައް ހިންގުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން މާލޭގައި ޕީޕީޕީގެ އުސޫލުން ހިންގާން ފެށި އެންމެ ފުރަތަމަ ސްކޫލް، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 30 މިލިއަން ރުފިޔާ ސަލާމަތްކުރެވޭ ކަމީ ބޮޑު ކާމިޔާބީއެއް ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ. އަދި ދިރާސީ އާއަހަރު ފެށުނު އިރު ޓީޗަރުންގެ މުސާރަ ބޮޑުވެގެން ދިއުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކުރިއަރާފައިވާ މުޖުތަމައެއްގެ ބިންގަލަކީ ވަށާޖެހޭ ތަޢުލީމު ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ މުހިއްމުކަމެއް ދީފައި ވަނީ ވަށާޖެހޭ ތަޢުލީމު ފޯރުކޮށްދިނުމަށް ކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

"ވަށާ ޖެހޭ ތަޢުލީމު ފޯރުކޮށްދިނުމުގައި ދަރިވަރުންގެ ވިސްނުމާއި ހުނަރާއި އުގެނުން ކުރިއެރުވުމަށް ސްކޫލް ނިޒާމުގެ ތެރެއިން ކޮންމެ ދަރިވަރަކަށް ކިރު ތައްޓަކާއި ދޮންކެޔޮވަކެއް ފޯރުކޮށްދިނުމަކީ މުހިއްމުކަމެކެވެ. ހެނދުނު ސެޝަންގައި ބަނޑުހައިހޫނުކަންމަތީ ސްކޫލަށްދާ ދަރިވަރުން ގިނަވުމަކީ މުޅި ރާއްޖެ އަށް އެކަމުގެ ސަބަބުން ނިކަމެތިކަން ލިބޭނެކަމެއް ކަމުގައި ދެކެމެވެ." ރައީސް ނަޝީދު ވިދާޅުވި އެވެ.