ސަލާމަތީ ގިންތީގައި ތިބޭ އެންމެ މަތީ ފަންތީގެ ގައިދީން ނުވަތަ ނުރައްކާތެރި ގައިދީނާއި ޖަލުން ފިލި ކަމުގެ ރެކޯޑު އޮއްނަ ގައިދީން ހާއްސަ ހާލަތެއްގައި މެނުވީ ޖަލުން ބޭރަށް ނުނެރެވޭ ގޮތަށް ގަވާއިދެއް ހަދައި އަމަލު ކުރަން ފަށައިފި އެވެ.

ވަގުތީ ގޮތުން ގައިދީން ޖަލުން ދޫކުރުމާ ބެހޭ ގަވާއިދުގެ ނަމުގައި ގެޒެޓްކޮށްފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުން ގައިދީއަކަށް ކޮންމެހެން ދޭން ބޭނުންވާ ސިއްހީ ހާލަތެއް ލިބިދިނުމަށާއި ހާއްސަ ހާލަތެއް މެދުވެރިވެގެން މެނުވީ، އެހެން އެއްވެސް ބޭނުމަކަށް ވެސް ނުރައްކާތެރި ގައިދީން ޖަލުން ބޭރަކަށް ނުނެރެވޭނެ އެވެ. އެގޮތުން ނުރައްކާތެރި ގައިދީއަކު ޖަލުން ނެރުމަށް ހާއްސަ ހާލަތެއް ދިމާވެއްޖެނަމަ އެއީ ހާއްސަ ހާލަތެއްތޯ ނިންމާނީ، މިނިސްޓަރުގެ މަޝްވަރާގެ މަތިން ކޮމިޝަނާ އޮފް ޕްރިޒަން ކަމަށް އެ ގަވާއިދުގައި ވަނީ ކަނޑައަޅާފަ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނެފައިވާ ގޮތުން ގައީދީއަކު ވަގުތީ ގޮތުން ޖަލުން ނެރެވޭނީ، ހައްޖުގެ އަޅުކަން އަދާކުރުމަށާއި، ބަންދު ކުރެވޭ އަންހެނާގެ ހަ މަސް ނުފުރޭ ގާތުން ކުރިދޭ ކުއްޖެއް ހުރުމާއި މަރުބަލީގައިވާ ނުވަތަ އާދަޔާހިލާފު ބަލި އާއިލީ މެންބަރަކަށް ޒިޔާރަތްކުރުމަށާއި އާއިލީ މެންބަރެއްގެ ޖަނާޒާގައި ބައިވެރިވުމުގެ އިތުރުން ރާއްޖެއިން ލިބެން ނެތް ސިއްހީ ފަރުވާއެއް ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. އަދި މިހާލަތްތަކުގައި ވަގުތީ ގޮތުން ގައިދީން ޖަލުން ނެރެވޭނީ މިނިސްޓަރު ކަނޑަ އަޅާ ޝަރުތުތަކާކައި އެކު ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

ޖަލުން ފިލި ކަމުގެ ރެކޯޑު އޮއްނަ ގައިދީން ޖަލުން ދޫކުރުމުގައި ވެސް ވަނީ ހާއްސަ ހާލަތްތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން ގައިދީއަކު ފިލާފައި ވަނީ އެއްފަހަރު ކަމުގައި ވާނަމަ، އެމީހަކު ފިލިފަހުން ދެ އަހަރު ނުވާނަމަ އެ ގައިދީއަކު ދުލެއް ނުކުރެވޭނެ އެވެ. އަދި ދޭއް ނުވަތަ ތިންފަހަރު ފިލާފައި ވާނަމަ އެ މީހަކު ފިލުމަށްފަހު ޖަލުގައި ހައްޔަރުކުރެވުނު ފަހުން ހަތަރު އަހަރު ނުވާ ނަމަ އެ ގައިދީއަކު ވަގުތީ ގޮތުން ޖަލުން ބޭރަަކަށް ނުނެރެވޭނެ އެވެ. އަދި ގައިދީއަކު ފިލާފައި ވަނީ ތިން ފަހަރަށްވުރެ ގިނައިން ނަމަ ވަގުތީ ގޮތުން ޖަލުންނެރުމަށް، އެމީހަކު ފިލިފަހުން ޖަލުގެ ހައްޔަރުގައި ހުންނަތާ ހަ އަހަރު ހަމަވާންޖެހެ އެވެ.

ސަރުކާރުގެ ފަރާތުން ގެމަނަމަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނު ދިވެހިރާއްޖޭގެ ޖަލުތަކާ ޕެރޯލްގެ ގާނޫނަށް ދާދިފަހުން ހުށައަޅާފައިވާ އިސްލާޙުގެ 108 ވަނަ މާއްދާގައި ބުނެފައި ވަގުތީ ގޮތުން ޖަލުން މީހުން ދޫކުރުމުގައި އަމަލު ކުރާނީ ގާނޫނުގައި ވަގުތީ ގޮތުން މީހުން ދޫކުރުމުގެ މާއްދާގައި ބަޔާނކޮށްފައިވާ ނުކުތާ ތަކުގެ މައްޗަށް ކޮމިޝަނަރު އެކުލަވާލާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހުގެ މަސައްކަތް މަޖިލީހުން ފަށާނީ ޗުއްޓީއަށް ފަހު މަޖިލިސް ހުޅުވުމުންނެވެ.