ޓޫރިސްޓް އެސްޓެބްލިޝްމަންޓްތައް ހިންގާ ފަރާތްތަކުން އެ ތަންތަނުގައި ތިބޭ ފަތުރުވެރިންނާބެހޭ މައުލޫމާތު އަންނަ މަހުން ފެށިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

މީރާއިން ބުނީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޓޫރިސްޓް އެސްޓެބްލިޝްމަންޓްތައް ހިންގާ ފަރާތްތަކުން އެ ތަންތަނުގައި ތިބޭ ފަތުރުވެރިންނާ ބެހޭ މައުލޫމާތު މީރާއަށް ހުށަހަޅަންޖެހޭ ކަމަށެވެ. ބެޑް ޓެކްސާއެކު ފަތުރުވެރިންނާބެހޭ މައުލޫމާތު ކުރިން މީރާއަށް ހުށަހަޅަންޖެހެ އެވެ. ނަމަވެސް ބެޑް ޓެކްސް އުވާލުމުން އެ މައުލޫމާތު ހުށަހެޅުން ވަނީ ހުއްޓިފަ އެވެ.

މީރާއިން ބުނީ ޑިސެންބަރު 2014 އިން ފެށިގެން، ކޮންމެ މަހަކު ވެސް، ޓޫރިސްޓް އެސްޓެބްލިޝްމަންޓްތަކުގައި ތިބޭ ފަތުރުވެރިންނާ ބެހޭ މައުލޫމާތު ހިމެނޭ "އިންފޮމޭޝަން ޝީޓް"، ޖެހިގެން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް، އެޓޭޗްކުރެފައިވާ ފޯމެޓުގައި މީރާއަށް ހުށަހަޅަންޖެހޭ ކަމަށެވެ.

މީރާގެ މީޑިއާ އޮފިޝަމް މިއަދު "ސަން" އަށް ވިދާޅުވީ މީގެ ކުރިން ޓެކްސްއާ އެކު މައުލޫމާތު ޝީޓު ހުށަހަޅަންޖެހޭ ކަމަށެވެ. އެހެންނަމަވެސް މިހާރު ހަމައެކަނި ހުށަހަޅަން ޖެހޭނީ މައުލޫމާތު ޝީޓު އެކަނި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.