11 Jan 2015, 13:42
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން މާޒިޔާ ސްޕޯޓްސް ކްލަބް އެ ޓީމްގެ ތަމްރީނުތައް ރަސްމީކޮށް އިއްޔެ ފަށައިފި އެވެ.
މި ސީޒަންގައި އެ ޓީމް ވާދަކުރާ ޕޮމިސް ކަޕް ފެށެން މިހާރު ހަފްތާއެއްހާ ދުވަހަށް ވެފައި ވާއިރު، މާޒިޔާ އެ މުބާރާތާ ކުރިމަތި ލަނީ އެ ޓީމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)އާ ނުލަ އެވެ. މި ސީޒަނަށް ބަކާ މިޔަންމާގެ ކްލަބަކަށް ސޮއިކޮށްފައި ވާއިރު، އޭނާގެ އިތުރުން އެ ޓީމްގެ އައްސަދު އަލީ (އަޑުބަރޭ) އާއި ރިލުވާން ވަހީދު (ރިލޭ) ވަނީ މި ސީޒަނަށް ނިއުއަށް ސޮއި ކޮށްފައެވެ.
މިފަހަރު މާޒިޔާގެ ސްކޮޑު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ސްކޮޑަށް އިތުރު ކުރި ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގެ އެއް ނަންބަރު ކީޕަރު އިމްރާން މުހައްމަދު ހިމެނެ އެވެ. އިމްރާންގެ އިތުރުން މަހިބަދޫއަށް މިދިޔަ ސީޒަންގައި ކުޅެދިން ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އާއި އީގަލްސްގެ ޒުވާން ފޯވާޑް އަހުމަދު އިމާޒް (އާއްކޮ) ވެސް ވަނީ މި ސީޒަނަށް މާޒިޔާއާ ގުޅިފަ އެވެ.
މާޒިޔާއިން ބުނި ގޮތުގައި އެ ޓީމުން މި ސީޒަނަށް ހަތަރު ބިދޭސީ ކުޅުންތެރިން ވެސް ގެންނަން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަދި އެ ކުޅުންތެރިން ރާއްޖެ ގެނެވުމުގެ މަސައްކަތް އެއްކޮށް ހަމަޖެހިފައި ނުވާއިރު، އެ ކްލަބުން ތަމްރީނުތައް ފަށާފައި ވަނީ އެ ކުޅުންތެރިންނާ ނުލަ އެވެ. ހަބަރުތައް ލިބިފައިވާ ގޮތުގައި އެ ކްލަބަށް ގެންނަ ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރު ވެސް އެ ޓީމަށް ކުޅުނު ޒިރްކޯފް އާއި އާ ތިން ކުޅުންތެރިންނެވެ.
މާޒިޔާއަށް މި ސީޒަނަށް ސޮއި ކުރި ދިވެހި ކުޅުންތެރިން ވަނީ އިއްޔެ ބޭއްވި އެ ކްލަބުގެ ފަރިތަ ކުރުންތަކުގައި ބައިވެރި ވެފަ އެވެ. އަދި މިއަހަރު ވެސް އެ ކްލަބަށް އިރުޝާދު ދޭން ހަމަޖައްސާފައިވާ ކޯޗަކީ ވިކްޓްރީގެ ކުރީގެ ކޯޗް އަލީ ސުޒެއިނެވެ. އެފްއޭއެމްގެ ކަންކަން ހިންގުމާ ދުރުވުމަށްފަހު ސުޒެއިން މާޒިޔާގެ ކޯޗްކަމާ މިދިޔަ އަހަރު ހަވާލުވީ އެ ޓީމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ ކަމަށް ގަބޫލް ކުރެވިދާނެތީ ކަމަށް ބުނެ އެވެ. އަދި އެ ޓީމާއެކު އޭނާ ވަނީ މިދިޔަ ސީޒަންގެ އެފްއޭ ކަޕް ކާމިޔާބު ކޮށް، ދިވެހި ލީގުގެ ދެވަނަ ހޯދާފަ އެވެ.
ސުޒޭން ވަނީ މީގެ ކުރިން ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކޯޗުކަން ކޮށްދީ، އެ ޓީމާއެކު ރާއްޖެގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.