ކ. ގުޅީ ސްކޫލުގެ ހިންގުމާމެދު ހިންހަމަނުޖެހޭ ކަމަށް ބުނެ އެ ރަށު ސުކޫލްގެ ފަސް ޓީޗަރަކު ސްކޫލަށް ނުނުކުމެ އިހްތިޖާޖުކޮށްފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ގުޅީ ސްކޫލުގެ ޕްރައިމަރީ ގުރޭޑްތަކަށް ކިޔަވައިދޭ ފަސް ޓީޗަރަކާއި އެޑްމިނިސްޓުރޭޝަން ދާއިރާގައި މަސައްކަތް ކުރާ ދެ މުއައްޒަފަކު އިހްތިޖާޖުކޮށް މިއަދު ސުކޫލަށް ނުކުމެފައެއް ނުވެ އެވެ. އެ މީހުން ވަނީ ސުކޫލްގެ ޕްރިންސިޕަލްގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ ޕެޓިޝަނެއް ތައްޔާރުކޮށްފަ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ގުޅީ ސްކޫލަށް އަންނަ ޕްރިންސިޕަލުންގެ މައްސަލައަކީ އެ ރަށު ސުކޫލުގެ ޓީޗަރުން ކުރީންސުރެ ޖައްސަމުން އަންނަ މައްސަލައެކެވެ. އެގޮތުން 2006 ވަނަ އަހަރުން ފެށިގެން އެ ރަށަށް މިހާތަނަށް 10 ޕްރިންސިޕަލުން ވަނީ ގެނެސްފަ އެވެ.

ޓީޗަރުންގެ އިހްތިޖާޖާ ގުޅޭ ގޮތުން ގުޅީ ސުކޫލުގެ ޕްރިންސިޕަލް އަބުދުލް ޝުކޫރު މިއަދު "ސަން"އަށް ވިދާޅުވީ އިހްތިޖާޖެއްގައި އެ ސުކޫލުގެ ފަސް ޓީޗަރަކާއި އިތުރު ދެ މުއައްޒަފުން ވަޒީފާއަށް ހާޒިރުވެފައި ނުވާ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ސުކޫލުގެ ކިޔަވައިދިނުމަށް އެއްވެސް ބުރެއް އަރާފައިނުވާ ކަމަށް ވިދާޅުވި އެވެ.

"އެންމެ ގަޑިއެއް ވެސް ދުލެއް ނުކުރަން، ކިޔަވައި ދިނުމަށް އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވޭ، 100 ޕަސެންޓް ކުދިން ސުކޫލަށް ހާޒިރުވި،" ޝުކޫރު ވިދާޅުވި އެވެ.