11 Jan 2015, 12:56
ރާއްޖެއާ އިންޑިއާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރިތާ 50 އަހަރުފުރުން ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ގިނަ ހަރަކާތްތަކެއް ރާވައިފި އެވެ.
ދެގައުމުގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މި އަހަރު ހިންގަން ރާވާފައިވާ ހަރަކާތްތައް ހާމަކޮށްދެއްވީ އެހަރަކާތްތައް ސްޕޮންސާ ކުރި ކުންފުނިތަކާއި މީޑިއާއާ އެކު ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ އެވެ.
ހައިކޮމިޝަނުން ބާއްވަން ހަމަޖެހިފައިވާ ފުރަތަމަ ހަރަކާތަކީ "ޓިކެޓް ޓް ބޮލީވުޑް"ގެ ނަމުގައި މި މަހުގެ 15 އިން 20 އަށް ބާއްވާ މިއުޒިކާއި ނެށުމުގެ ފެސްޓިވަލެކެވެ. އަލިމަސް ކާނިވަލުގައި ބާއްވާ އެ ފެސްޓިވަލަކީ ޓިކެޓް ވިއްކައިގެން ބާއްވާ ފެސްޓިވަލެކެވެ.
ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ހަރަކާތަކީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ބާއްވާ ފިލްމު ފެސްޓިވަލެކެވެ. އެ ފެސްޓިވަލުގައި ދައްކާނީ އިންޑިއާގެ (ބޮލީވުޑްގެ) ތިން ފިލްމަކާއި ދިވެހި ތިންފިލްމެކެވެ.
މި ދެ ހަރަކާތުގެ އިތުރުން ހައިކޮމިޝަނާއި އިންޑިއަން ކައުންސިލް ފޯ ކަލްޗަރަލް އާޓްސް ގުޅިގެން ބާއްވާ އާޓް އެގްޒިބިޝަނަކާއި " ބޮލީވުޑް ކްއިޒް"ގެ ނަމުގައި ކްއިޒް އެއް ވެސް ކުރިއަށް ގެންދާނެ ކަމަށް ހައިކޮމިޝަނަރު ސަހާރޭ ވިދާޅުވި އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ބައެއް ހަރަކާތްތައް މިދިޔަ އަހަރު ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.