11 Jan 2015, 12:45
ރާއްޖޭގައި އެންމެ ފުންނާބު އުސް އެއް ކަލްބް ކަމަށްވާ ނިއުރޭޑިއެންޓް ސްޕޯޓްސް ކަލްބް މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން އެ ކަލްބްގެ ޕްރެކްޓިސްތައް ރަސްމީކޮށް ފަށައިފި އެވެ.
އެ ކްލަބުން މައުލޫމާތު ދިން ގޮތުގައި ޓީމްގެ ޕްރެކްޓިސްތައް ފަށާފައި ވަނީ އިއްޔެ އެވެ. ވާދަވެރި ސީޒަނަކާ ނިއުއިން ކުރިމަތި ލާއިރު، 'ސަން' އަށް މައުލޫމާތު ދެމުން އެ ކްލަބްގެ ސެކްރެޓެރީ ޖެނެރަލް އިސްމާއިލް ވިޝާމް ވިދާޅުވީ އަލީ ފާސިރު (ސެންޓޭ) ފިޔަވާ ޓީމަށް އިންޖަރީގެ އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ.
"ޓީމްގެ ޕްރެކްޓިސްތައް ރަސްމީކޮށް ފެށީ އިއްޔެ ހަވީރު. ސްކޮޑުގައި ސެންޓޭ ފިޔަވާ އެއްވެސް މައްސަލައެއް ނޫޅޭ. ކުރި އޮޕަރޭޝަނަށް ފަހު އަޅުގަނޑުމެން މި ބަލަނީ ސެންޓޭ އަށް ވެސް މި މަހުގެ ފަހުކޮޅު އޭނާގެ ފިޓްނެސް ޓްރެއިނިންތައް ފެށޭނެ ކަމަށް. ނަމަވެސް ޕޮމިސް ކަޕަށް އެއްކޮށް އޭނާ ފިޓް ވާނެ ކަމަކަށް ނުބެލެވޭ،" ވިޝާމް ވިދާޅުވި އެވެ.
މި ސީޒަނަށް ކުރިމަތިލާއިރު މިއުއަށް އެ ޓީމްގެ ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު ގެއްލިފައިވާ އިރު، އޭނާގެ މަގާމް ފޫބައްދަން ނުއުއަށް ގެންނަން ހަމަޖައްސާފައި ވަނީ ސްޕެއިންގެ ކީޕަރެކެވެ. ނަމަވެސް އެ ޓީމްގެ ޕްރެކްޓިސްތައް ރަސްމީކޮށް ފަށާފައިވާ އިރު، އެ ޓީމަށް މިފަހަރު ސޮއިކުރި ބިދޭސީ ކުޅުންތެރިން އަދި ޓީމާ ގުޅިފައި ނުވާކަމަށް ވިޝާމް މައުލޫމާތު ދިނެވެ.
"ކްލަބަށް ސޮއިކުރި ބިދޭސީ ކުޅުންތެރިން އަދި ޓީމަކާ ނުގުޅޭ. އެ ކުޅުންތެރިން ރާއްޖެ ގެނެވުމުގައި ލަސްވެގެން މިއުޅެނީ ކުޅުންތެރިންގެ އައިޓީސީ (އިންޓަނޭޝަނަލް ޓްރާންސްފާ ކާޑު)ގެ ކަންތައް އަދި ފުރިހަމަ ނުވާތީ. ނަމަވެސް އަޅުގަނޑުމެން މި ބަލަނީ މިމަހުގެ 15 އެހާތާ ކުޅުންތެރިން މިކޮޅަށް ގެނެވޭނެ ކަމަށް،" ވިޝާމް ވިދާޅުވި އެވެ.
ސްޕެއިންގެ ކީޕަރު ޕެޑްރޯ މަރެންކޯގެ އިތުރުން އެ ކްލަބުން މިފަހަރު ވަނީ ބްރެޒިލްގެ ޕްލޭ މޭކަރު ސަންތޯސް އާއި ފޯވާޑް ރަފީނިއާވެސް ސްކޮޑަށް އިތުރު ކޮށްފަ އެވެ.
އަ އުންމީދުތަކަކާ އެކު އާ ސީޒަނެއް ފަށާއިރު، އެ ކްލަބުން މި އަހަރު އެންމެ ފުރަތަމަ ވާދަކުރަން ހަމަޖެހިފައިވާ މުބާރާތަކީ ޕޮމިސް ކަޕެވެ. އެ މުބާރާތުގައި ރާއްޖޭގެ ދެވަނަ ޓީމް މާޒިޔާގެ އިތުރުން، ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް ކުޅެމުން އަންނަ މެލޭޝިއާގެ ކްލްބަ ޕީޑީއާރްއެމް އާއި ސިންގަޕޫރުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމް ސިންގަޕޯރ ލަޔަންސް ވެސް ވަނީ ވާދަކުރަން ހަމަޖެހިފަ އެވެ.
ނިއު މިދިޔަ ސީޒަން ނިންމާލާފައި ވަނީ ވޭތުވެ ދިޔަ 35 އަހަރު އެ ޓީމް ގައުމީ ތަށި މިލްކު ކުރަން ކުރި މަސައްކަތައް ނިމުމެއް ގެނެސްފައެވެ. އަދި އޭގެ އިތުރުން ދިވެހި ލީގުވެސް މިދިޔަ އަހަރު އެ ކްލަބް މިލްކު ކޮށްފައި ވާއިރު، އެ ކްލަބުން މިއަހަރުގެ ސީޒަނަށް ކުރިމަތި ލަނީ ފީފާގެ ރައީސް ސެޕް ބްލެޓާވެސް އެ ކްލަބުން ހޯދަމުން އަންނަ ކާމިޔާބީ ތަކުގެ އަގު ވަޒަންކުރާ ކަމުގެ އުފާވެރި ހަބަރާ އެކުގަ އެވެ.