11 Jan 2015, 12:40
ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ކޮށްކޯފުޅު އަދި ކުރީގެ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު ބަސިލް ރާޖަޕަކްސާ އާއި އެސަރުކާރުގެ ބައެއް އިސް އެހެން ބޭފުޅުން ލަންކާ ދޫކުރައްވާ އެކި ގައުމުތަކަށް ވަޑައިގެންފި އެވެ.
ލަންކާގެ އާ ރައީސް މައިތިރިޕާލާ ސިރިސޭނާގެ މީޑިއާ ޔުނިޓާއި ހަވާލާދީ ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ ބަސިލްއާއި އޭނާގެ އަނބިކަނބަލުން ވަޑައިގެންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް( ޔޫއޭއީ)ގެ ދުބާއީއަށް ކަމަށެވެ. އަދި ބުނީ ރާޖަޕަކްސާ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި އެސަރުކާރަށް ތާއީދުކުރައްވާ ބައެއް ޕާލަމެންޓް މެމްބަރުން ވެސް ގައުމު ދޫކުރައްވައި ވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެބޭފުޅުން ވަޑައިގެންނެވީ ކޮން ތަނަކަށް ކަމެއް ނޫހަކުން ނުބުނެ އެވެ.
މަހިންދަ ރާޖަޕަކްސާ ވިދާޅުވެފައި ވަނީ އޭނާ ގައުމު ދޫކުރައްވައި ވަޑައި ނުގަންނަވާނެ ކަމަށާއި ރައީސް މައިތިރިޕާލަ ސިރިސޭނާ ވެވަޑައިގަންނަވާފައިވާ ވައުދުތައް ފުއްދަވާތޯ ބައްލަވަން ހުންނަވާނެ ކަމަށެވެ.
ސްރީލަންކާ ޕާލަމެންޓްގެ މެޖޯރިޓީ އަދިވެސް އޮތީ އޭނާގެ ޕާޓީއަށް ކަމަށާއި އެހެން ނަމަވެސް ބޮޑުވަޒީރަކަށް ބޭފުޅަކު އައްޔަން ކޮށްފައި ވަނީ މައިނޯރިޓީ ޕާޓީއެއްގެ ބޭފުޅެއް ކަމަށް ވިދާޅުވެ، ރާޖަޕަކްސާ މިހާރު ވަނީ ސަރުކާރާ ދެކޮޅަށް ވާހަކަފުޅު ދައްކަވަން ފަށްޓަވާފަ އެވެ. އޭނާ އެމޭރުމުން ވާހަކަފުޅު ދެއްކެވީ ސަޕޯޓަރުންނާއި އެކުގައި ބޭއްވެވި ބައްދަލުވުމެއްގަ އެވެ.