11 Jan 2015, 11:56
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަންގައި ނިއުރޭޑިއެންޓް ސްޕޯޓްސް ކަލްބް ލީޑު ކުރުމަށް ޓަކައި އެ ޓީމްގެ ކެޕްޓަން ކަމުގެ ޒިންމާ ވޭތުވެ ދިޔަ ތިން އަހަރު ވެސް އެ ކަލްބަށް ކުޅެދިން މުހައްމަދު އުމެއިރުއާ ހަވާލުކޮށްފި އެވެ.
އެ ޓީމުގެ ކެޕްޓަނަކަށް އުމެއިރު ހަމަޖެއްސިކަން އެ ޓީމުން ހާމަ ކޮށްފައި ވަނީ އިއްޔެ އެވެ. އުމެއިރަށް އެ ޓީމްގެ ކެޕްޓަންކަން ހަވާލުކޮށްފައި ވަނީ މިދިޔަ ސީޒަންގައި އެ ޓީމްގެ ކެޕްޓަންކަން އަދާކުރަމުން ދިޔަ ތަޖުރިބާކާރު ކީޕަރު އިމްރާން މުހައްމަދު މި ސީޒަނަށް މާޒިޔާއާ ގުޅުމުންނެވެ.
ނިއުއިން މި ސީޒަނަށް އެ ޓީމްގެ ވައިސް ކްޕަޓަނަކަށް ހަމަޖައްސާފައި ވަނީ މިދިޔަ ސީޒަންގައި ވެސް އެ ޓީމްގެ ވައިސް ކެޕްޓަންކަން އަދާކުރި އަލީ ފާސިރު (ސެންޓޭ) އެވެ.
ނިއުގައި މިޑްފީލްޑަރެއްގެ މަގާމް އަދާކުރަމުން އަންނަ އުމެއިރު ވަނީ މިދިޔަ ތިން ސީޒަންގައި ވެސް އެ ޓީމް ހޯދި ބޮޑެތި ކާމިޔާބީތައް ހޯދުމަށް އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ ގައުމީ ތައްޓާއި ދިވެހި ލީގު މިލްކު ކުރުމުގެ އިތުރުން، 2013 ވަނަ އަހަރު 100 ޕަސެންޓް ރެކޯޑަކާ އެކު ރާއްޖޭގައި ބޭއްވި ހުރިހާ މުބާރާތްތަކެއް ކާމިޔާބުކުރުމަށް ވެސް އޭނާ ވަނީ އެހީތެރި ވެދީފަ އެވެ.
މިފަހަރުގެ ސީޒަނަށް ނިއު ކުރިމަތިލާ އިރު، އެ ޓީމުގެ "އެންމެ މުހިންމު" ކުޅުންތެރިޔާ ކީޕަރު އިމްރާން ނެތްތަން ފުބައްދަން އެ ޓީމް ވަނީ ސްޕެނިޝް ކީޕަރެއް އެ ޓީމަށް ގެނެސްފަ އެވެ. އަދި އޭގެ އިތުރުން ބްރެޒިލްގެ ޕްލޭ މޭކަރަކާއި ސްޓްރައިކަރެއް ނިއުއަށް ގެނެސްފައިވާ އިރު، އެ ކްލަބުގެ މުހިންމު ދިވެހި ކުޅުންތެރިންތައް ވެސް ވަނީ އެ ޓީމާއެކު ދިގު މެއްދަތަކަށް ސޮއި ކޮށްފަ އެވެ.
މި ފަހަރުގެ ސީޒަންގައި ނިއުއިން ވާދަކުރާނެ އެންމެ ފުރަތަމަ މުބާރާތަކީ ޕޮމިސް ކަޕެވެ. އެ މުބާރާތުގައި އެ ޓީމާ ދެކޮޅަށް ރާއްޖޭގެ ދެވަނަ ޓީމް މާޒިޔާ ސްޕޯޓްސް ކްލަބް ވާދަ ކުރާ އިރު، ރާއްޖޭގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝަފާގް (ދަގަނޑޭ) ކުޅެމުން އަންނަ މެލޭޝިއާގެ ކްލަބް ޕީޑީއާރްއެމް އާއި ސިންގަޕޫރުގެ 23 އަހަރުން ދަށުގެ ގައުމީ ޓީމް ވެސް އެ މުބާޜާތުގައި ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.