11 Jan 2015, 11:50
ކަޅުތުއްކަލާ ކޮއްޓާއި ދިމާ ބޮޑުތަކުރުފާނު މަގަށް މިއަދު ޑީސަލް އެޅިފައި ވަނިކޮށް، އެ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލްތަކެއް ކަހާލައި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ އެ ސަރަހައްދަށް މިއަދު ހެނދުނުގެ ވަގުތެއްގައި ތެޔޮ އެޅިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ތެޔޮތަކަށް އެ ރުމުގެ ސަބަބުން ތިން މީހަކު ކަހާލައި އޭގެ ތެެރެއިން އެކަކުގެ އަތް މަށައިގެން ގޮސް ޒަހަމްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ސަރަހައްދުގައި ހުރި މީހަކު މިއަދު 'ސަން' އަށް ބުނީ މިއަދު ހެނދުނު 8:30 އެހާކަންހާ އިރު އެ ސަރަހައްދަށް ތެޔޮ އެޅިފައި ވަނީ ދި ހޯކްސް ފިއުލްގެ ޑީސަލް އުފުލާ ވެހިކަލަކުން ކަމަށެެވެ. އެ ވެހިކަލުން ތެޔޮ ލީކުވީ ވެހިކަލްގެ ތެޔޮ ޓޭންކްގެ މަތި ރަނގަޅަށް ނުޖަހައި ދުއްވުމުގެ ސަބަބުންނެވެ.
"ޓޭންކްގެ މަތި ނުޖަހައި ދުއްވުމުގެ ސަބަބުން ތެޔޮ އެޅުނީ މަގުގެ އަޑިގުޑަން ކަމުން،" އެމީހާ ބުންޏެވެ.
އާއްމުކޮށް ތެޔޮ ލޯޑް ކުރާ އެ ސަރަހައްދުގެ މަގުމައްޗަށް މިއަދު ހެނދުނު އެޅުނު ތެޔޮތަކުގެ މައްޗަށް މިހާރު ވަނީ ވެލި އަޅައިފަ އެވެ. އެ ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތްކޮށްފައި ވަނީ ފުލުހުންނާއި ތެޔޮ ލީކްވި ވެހިކަލްގެ މީހުން ވެގެންނެވެ.