11 Jan 2015, 11:50
ރާއްޖޭގެ ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް އިސްލާމިކް ޑިވެލޮމްޕަންޓް ބޭންކް (އައިޑީބީ)ގެ ވަފްދެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އައިޝަތު މުނީޒާ މިއަދު "ސަން" އަށް ވިދާޅުވީ ރާއްޖޭގެ ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި އައިޑީބީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. މުނީޒާ ވިދާޅުވީ އައިޑީބީގެ ބޭފުޅުން ވަޑައިގެން ޒަކާތުގެ ބިލާ ގުޅޭ ރެގިއުލޭޝަންތައް ހަދައި ނިންމުމަށް ފަހު ސްޓޭކް ހޯލްޑަރުންގެ ފަރާތުން އެކަމާ ގުޅޭ ގޮތުން ހިޔާލު ހޯއްދަވާނެ ކަމަށެވެ.
"އެންމެ ފުރަތަމަ ކަމަކަށް މިއޮތީ ޒަކާތު ބިލްގެ މަސައްކަތް. އެއަށް ފަހު އަޅުގަނޑުމެން ސްޓޭކް ހޯލްޑަރުންގެ މެދުގައި މިކަމާ ގުޅޭ ހިޔާލު ހޯދުން އޮންނާނެ. ދެން އެންމެ ފަހު ކަމެއްގެ ގޮތުގައި މިއޮތީ ޒަކާތުގެ ކަންކަން ހަރުދަނާ ކުރުމަށް މި އަހަރުގެ ތެރޭގައި ގާއިމް ކުރެވޭ ސިސްޓަމް." މުނީޒާ ވިދާޅުވި އެވެ.
އިތުރަށް މުނީޒާ ވިދާޅުވީ އައިޑީބީ އިން މިހާރު ވަޑައިގަން އުޅުއްވާ ބޭފުޅުން އިސްލާމިކް މިނިސްޓްރީ އިން އެކުލަވާލި ޒަކާތު ބިލު އެ ބޭންކުގެ ޓެކްނިކަލް އެސިސްޓެންޓުންގެ ދަށުން ރިވައިސްކޮށްފައިވާ ކަމަށެވެ.
"މިކަމަށް އަޅުގަނޑުމެން ސްޓޭކް ހޯލްޑަރުންގެ މެދުގައި ހިޔާލު އެބަ ހޯދަން. ހިޔާލު ހޯދަން ބަލާ އިރު މިހާތަނަށް 60 ސްޓޭކް ހޯލްޑާސް އަޅުގަނޑުމެންގެ މި ހިޔާލު ހޯދުމުގެ ބައްދަލުވުމުގައި ވަނީ ބައިވެރިވާނެ ކަމަށް ބުނެފައި. ދެން އަޅުގަނޑު ހަމަ ވަކި ހާއްސަކޮށް ފާހަގަކޮށްލަން މި ކަމަކީ ޒަކާތާ ގުޅޭ ގޮތުން ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއް ބައްދަލުވުން." މުނީޒާ ވިދާޅުވި އެވެ.
އައިޑީބީ އިން ރާއްޖެ ވަޑައިގެއުޅުއްވާ ބޭފުޅުން މިއަދު އިކޮނޮމިކް މިނިސްޓްރީ އާއި އެންސްޕާއާ އަދި މީރާގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން މައުލޫމާތުދެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތް ދައްކާ ފަރާތްތަކުގެ މައުލޫމާތާއި ޒަކާތް ދެއްކި މީހުންގެ އަދަދު ފަސޭހައިން ފެންނާނެ ގޮތަށް ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. ޝަހީމް ވިދާޅުވީ، އެ ސިސްޓަމް ގާއިމް ކުރުމަށް ޓަކައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ އެކު މިނިސްޓްރީ އިން ދަނީ ގިނަ މަަސައްކަތްތަކެއް ކުރަމުން ކަމަށެވެ.