އަތޮޅުތެރޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންނަށް، ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު މި އަހަރުގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ، ތައުލީމީ ދާއިރާ ހަރުދަނާކުރުމަށް މި ދިރާސީ އަހަރު ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އެގޮތުން މުސާރަ އާއި އެއްވަރުގެ އެލަވަންސެއް ލިބޭ ގޮތަށް މަތީ ތައުލީމު ހާސިލްކުރުމުގެ 100 ފުރުސަތު މި މަހުގެ ތެރޭގައި ޓީޗަރުންނަށާއި ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ހުޅުވާލާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"ޓީޗަރުން އެ ބޭފުޅެއްގެ ރަށުގައި ހުންނަވައިގެން ތައުލީމީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތުތަކެއް ވެސް މިއަހަރުގެ ތެރޭގައި ހުޅުވާލެވޭނެ. އަދި ސްކޫލްތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ޕްރިންސިޕަލުންނަށް ބޭނުންވާ ފަންނީ ތަމްރީނު ދިނުމުގެ ހާއްސަ މަސައްކަތްތަކެއް ވެސް މިއަހަރުތެރޭގައި ކުރެވޭނެ،" މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި އެވެ.

މީގެ އިތުރުން، ސްކޫލްތައް ފަންނީ ގޮތުން ވަޒަންކުރުމާއި ކިޔެވުމާއި ކިޔަވައި ދިނުން ތަރައްގީކުރުމަށް ދޭން ޖެހޭ ލަފާދިނުމުގެ މަސައްކަތްތަކެއް ވެސް މި އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި އެ މަސައްކަތް މިއަހަރު ފުރަތަމަ ފަހަރަށް އަތޮޅު ފެންވަރުގައި ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ސްކޫލްތަކުގެ ތެރޭގައި ދަރިވަރުންނަށް ލިބެން ހުރި ފުރުސަތުތައް އިތުރުކޮށް ދަރިވަރުން ހުނަރުވެރި ކުރުމަށް ސްކޫލްތަކުގައި މަސައްކަތްތެރިކަމާ ހުނަރުވެރިކަމުގެ ސްޓްރީމެއް މިއަހަރު ތައާރަފް ކުރެވިފައިވާ ކަމަށެވެ. އަދި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް މާލެ އާއި އަތޮޅުތެރެ އަށް މި އަހަރު ފުޅާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މިއަހަރަކީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރޭ އުފާވެރި ރަންޔޫބީލް ފާހަގަކުރާ އަހަރުކަމުން، ދަރިވަރުންގެ ހިއްތަކުގައި ގައުމީ ރޫހު އާލާކުރުމަށް ވެސް މި އަހަރުގެ ތެރޭގައި ހާއްސަ މަސައްކަތްތަކެއް ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.