އާ ޕާސްޕޯޓެއްގައި އިންޑިއާ އަށް ދަތުރު ކުރާ ނަމަ ކުރީގެ ޕާސްޕޯޓް ވެސް ގެންދިއުމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން އިލްތިމާސްކޮށްފި އެވެ.

އިމްގްރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާ ޕާސްޕޯޓްގައި އިންޑިއާ އަށްދާ ނަމަ ކުރީގެ ޕާސްޕޯޓް ގެންދިއުން ބުއްދިވެރި ކަމަށާއި އެހެން ނޫން ނަމަ ނުފުރިދާނެ ކަމަށެވެ. އިތުރަށް އިމިގްރޭޝަނުން ބުނީ ކުރީގެ ޕާސްޕޯޓް ނެތް ނަމަ އެ އިދާރާ އިން ލިޔުމެއް ހޯއްދަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖެ އާއި އިންޑިއާ ދެމެދުގައި ވެފައިވާ ބައި-ލެޓަރަލް އެގްރީމަންޓްގައިވާ ގޮތުގެ މަތީން ދިވެހީން އިންޑިއާ އަށް ޗުއްޓީ ހޭދަކޮށްލުމަށް ގޮސް ހުރުމަށް ކޮންމެ ހަ މަހަކަށް 90 ދުވަސް ދެވޭ ކަމަށެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި 90 ދުވަސް ހަމަވެއްޖެ ނަމަ، އިންޑިއާ އަށް ޒިޔާރަތްކުރެވޭނީ ވިސާ ލިބިގެން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

"މިދެންނެވި ފަދައިން 90 ދުވަހުގެ މުއްދަތު ހަމަވާފަހުން ވިސާ ނުޖައްސާ ދިއުމުން އިންޑިއާ އަށް އެތެރެނުކޮށް ފޮނުވާލަމުންދެ އެވެ. އަދި މިދެންނެވި ފަދައިން 90 ދުވަސް ހަމަވެފައިވާ ފަރާތެއް ވިސާ ނެތި އިންޑިއާ އަށް ގެންދިއުމުން، އެފަދަ ފަރާތެއް އުފުލާ އެއަލައިން ޖޫރިމަނާ ކުރަން ފައްޓާފައިވެ އެވެ." އިމިގްރޭޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ.

އިތުރަށް އިމިގްރޭޝަނުން ބުނީ އެފަދަ ޕަސިންޖަރަކު އިންޑިއާ އަށް ގެންދިއުމުން އެ އެއާލައިންތަކުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ބޮޑުކަމުން، ދިވެއްސަކު އާ ޕާސްޕޯޓެއްގައި އިންޑިއާ އަށް ދަތުރުކުރާ ނަމަ އެ އެއާލައިންއިން ޗެކިން ކޮށްދޭ ވަގުތު އެންމެ ފަހުން ދަތުރުކުރި ޕާސްޕޯޓް އޮތްކަން ކަށަވަރު ކުރާ ކަމަށެވެ.

އެހެންކަމުން ޕާސްޕޯޓުގެ މުއްދަތު ހަމަވުން ފަދަ ކަމަކާ ގުޅިގެން ޕާސްޕޯޓް އާ ކުރުމަށް ފަހު އިންޑިއާ އަށް ދަތުރުކުރާ ނަމަ، އެންމެފަހުން އިންޑިއާ އަށް ދިއުމަށް ބޭނުންކުރި ޕާސްޕޯޓް ހިފައިގެން ދަތުރުކުރުމީ އެދެވިގެންވާ ކަމެއް ކަމަށް ވެސް އިމިގްރޭޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.