މިއަދަކީ ދިރާސީ އައު އަހަރެއްގެ ކިޔެވުން ފެށޭ ދުވަސް ކަމަށްވުމާ އެކު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމަކާއި އަހައްމިއްޔަތެއް ދެއްވައިގެން ހުރިހާ ފަރާތްތަކަކުން ވެސް މަގުމަތި ބޭނުންކުރެއްވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ސްކޫލްތަކުގެ ދަރިވަރުންނަށާއި މަގުމަތީގައި ހިނގާބިނގާވާ އެހެނިހެން މީހުންނާއި ދުއްވާ އެއްޗެތި ދުއްވާ ފަރާތްތަކަށް ވެސް މުހިއްމު ކަމެކެވެ.

އެހެންކަމުން ސްކޫލު މަދްރަސާތައް ފެށޭ ވަގުތުގަ އާއި ދަރިވަރުން ނިމޭ ވަގުތުތަކުގައި ސްކޫލުތައް ހިމެނޭ ސަރަޙައްދުތަކުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުން ޙަރަކާތްތެރިވަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

ސްކޫލުތައް ހިމެނޭ ސަރަޙައްދުތަކުގައި ސްކޫލު ފެށޭ ވަގުތާއި ނިމޭ ވަގުތުތަކުގައި މަގުމަތި ކާރޫބާރު ބޮޑުވެ، ދަރިވަރުންނަށާއި ސްކޫލްދޮށަށްދާ ފަރާތްތަކަށް ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަނީ އެފަދަ ވަގުތުތަކުގައި ހެވީ ވެހިކަލްތައް ސްކޫލުތައް ހިމެނޭ ސަރަޙައްދުން ކަނޑައެޅިފައިވާ މަގުތަކެއްގައި ދުއްވުން މަނާކޮށްފަ އެވެ.

އެގޮތުން ސްކޫލުތައް ހިމެނޭ ސަރަހައްދުގައި ސްކޫލުތަކުގެ ކިޔެވުން އޮންނަ ދުވަސްތަކުގެ ހެނދުނު 06:00 ން 08:15 އަށް، މެންދުރު 12:00 ން 14:00 އަށް އަދި ހަވީރު 17:15 ން 19:00 އަށް ލޮރީ، ޕިކަޕް، ތެޔޮ ބައުޒަރު، ކުނިއުފުލާ ވެހިކަލް، ކެރޭން، ފޯކްލިފްޓް ފަދަ ތަކެތި ދުއްވުން ވަނީ މަނާކޮށްފަ އެވެ.