ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރޭ ފަށައިފި އެވެ.

އެޗްޑީސީގެ މެނޭޖިންގް ޑައިރެކްޓަރު ސުހެއިލް އަހުމަދު މިއަދު 'ސަން' އަށް ވިދާޅުވީ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ 240 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ރޭ ގާތްގަނޑަކަށް 10:30 އެހާކަންހާއިރު ފަށައިފައިވާ ކަމަށާއި އެންމެ ފުރަތަަމަ ހިއްކުމުގެ މަސައްކަތް ފަށައިފައި ވަނީ ކްލަބް ފަރުގެ އިރުމަތީ ފަރާތުން ކަމަށެވެ.

"ބިން ހިއްކުމަށް ޓަކައި ޑްރެޖަރުގެ މަސައްކަތް ރޭ ވަނީ ފަށައިފައި. އެންމެ ފުރަތަމަ މަސައްކަތް ފެށީ ކްލަބްފަރުގެ އިރުމައްޗާވީ ފަޅިން،" ސުހެއިލް ވިދާޅުވި އެވެ.

"ލިއެވް އެެރިކްސަން" --- ފައިލް ފޮޓޯ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވާ ބެލްޖިއަމްގެ ޑްރެޖިން ކުންފުނިން ރާއްޖެ އިއްޔެ ގެނެސްފައިވާ އެ "ލިއެވް އެެރިކްސަން" ނަމަކަށް ކިޔާ އެ ޑްރެޖަރަކީ މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރު ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.

އެ ޑްރެޖަރަކީ އެއްފަހަރާ 40،000 އަށް ވުރެ ގިނަ ކިއުބިކް ޓަނުގެ ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ ބޯޓެކެވެ.

ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރުގެ ބިން ހިއްކާ އިރު އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއްކެވެ.