11 Jan 2015, 11:10
ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑަރިޑާއި އެސްޕެންޔޮލް ބައްދަލުކުރި މެޗު ދިހަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ރެއާލުން ކާމިޔާބުކޮށް، ތާވަލްގެ އެއްވަނައިގައި އެ ޓީމް އަނެއްކާ ވެސް ލީޑު ފުޅާ ކޮށްލައިފި އެވެ.
ރޭގެ މެޗުގެ ތިން ޕޮއިންޓާ އެކު މިހާރު ރެއާލް ވަނީ މުބާރާތުގައި މުޅިއަކު 42 ޕޮއިންޓު ހޯދާފަ އެވެ. އެ ނަތީޖާއާ އެކު އެ ޓީމާ އެންމެ ގާތުން ވާދަކުރާ ބާސެލޯނާއާ އެ ޓީމާމެދު ޕޮއިންޓުގެ ގޮތުން އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް އިތުރު ވެފަ އެވެ. އަދި ބާސާ އެންމެ ފަހުން ލަލީގާގައި ކުޅުނު މެޗުން ބަލިވެފައިވާ އިރު، ތާވަލްގެ ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ އެ ޓީމާ ވަނީ ޕޮއިންޓުގެ ގޮތުން ހަމަހަމަ ވެފަ އެވެ.
އެ މުބާރާތުގައި މިހާރު ބާސާވެސް ރެއާލް ވެސް މުޅިއަކު 17 މެޗު ކުޅެފައިވާ އިރު، ބާސާއަށް ކާމިޔާބު ކުރެވިފައި ވަނީ 12 މެޗެވެ. އަދި އެ ޓީމް ދެ މެޗުން އެއްވަރުވެ ތިން މެޗުން ބަލިވެފައިވާ އިރު، ރެއާލް ވަނީ ކުޅުނު 17 މެޗުގެ ތެރެއިން 14 މެޗުން މޮޅުވެ، ތިން މެޗުން ބަލިވެފަ އެވެ.
ރޭގެ މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގައި ރެއާލަށް ލީޑު ހޯދިނީ 12 ވަނަ މިނެޓުގައި އެ ޓީމްގެ ސްޓްރއިކަރު ޖޭމްސް ރޮޑްރިގޭޒް އެވެ. ރަނގަޅު ފޯމެއްގައި މެޗު ފެށި ރެއާލްގެ ބެންޒެމާ މެޗުގެ ފުރަތަމަ ވަގުތު ކޮޅުގައި އެސްޕެންޔޮލްގެ ގޯލު ދަނޑި ގުޑުވާލާފައިވާ އިރު، އެ ވަގުތުކޮޅުގައިރޮ ޑްރިގޭޒް ވަނީ އެސްޕެންޔޮލްގެ ގޯލަށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފަ އެވެ.
ރެއާލްގެ ފުރަތަމަ ލަނޑަށް ފަހު ލިބުނު ކޯނަރަކުން އެސްޕެންޔޮލް ވެސް ރަނގަޅު ފުރުސަތެއް އުފެއްދި ނަމަވެސް، އެ މެޗު ކޮންޓްރޯލް ކުރަމުން އައީ ރެއާލުންނެވެ. އެ ޓީމް މެޗުގައި ހަމަޖެހިލީ މެޗުގެ 28 ވަނަ މިނެޓުގައި ގަރެތް ބޭލް ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގައި ރެއާލަށް ލީޑު ފުޅާ ކޮށްދިނުމުންނެވެ.
ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު އެސްޕެންޔޮލް ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާ، ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މެޗުގައި އެ ޓީމަށް ފުރިހަމަ އެޑްވާންޓޭޖް ލިބިގެން ދިޔައީ ދެވަނަ ހާފް ފެށިތާ އަށް މިނެޓު ތެރޭ ރެއާލްގެ ފެބިއޯ ކޮންޓްރާއޯ އަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އޭގެ ތިން މިނެޓު ފަހުން ރެއާލްގެ އިސްކޯ އެ ޓީމްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކަހާލައިން ވެއްޓުމުގެ ތެރޭގައި ބޯޅައިގައި އަތް ޖެހުމުން އެސްޕެންޔޮލް ވަނީ ޕެނަލްޓީ އަކަށް އެޕީލް ކޮށްފަ އެވެ. ނަމަވެސް އެ އެޕީލް ރެފްރީ ބަލައިގައިންފައެއް ނުވެ އެވެ.
ދެވަނަ ހާފްގައި 10 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ރެއާލްގެ މައްޗަށް ކުރި ހޯދޭތޯ އެސްޕެންޔޮލް މާ ބޮޑު މަސައްކަތެއް ކުރިތަން ފެނިގެން ގޮސްފައެއް ނުވެ އެވެ. އެހެން ކަމުން މެޗުގެ 76 ވަނަ މިނެޓުގައި ރެއާލުން ވަނީ އެކަމުގެ އެޑްވާންޓޭޖް ނަގާ، މެޗުގައި އެ ޓީމްގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެ ޓީމްގެ ނާޗޯ ފާނެންޑޭޒް އެވެ. އެ ލަނޑާ އެކު އެސްޕެންޔޮލް ވަނީ މެޗުގައި ހިތްވަރު އެލި، ބަލި ގަބޫލު ކޮށްފައެވެ.