ބޮޑު ޗުއްޓީއަކަށް ފަހު، މިއަދު ކިޔެވުމުގެ އާ އަހަރު ފެށުނީ އެވެ. ކުދިން ކިޔެވުމުގެ ބުރަ މަސައްކަތް ފެށީ އެވެ. ހަމަ އެއާ އެކު ބެލެނިވެރިން ކުދިންނަށް ކިޔަވައިދިނުމުގެ ބުރަމަސަތަށް އެނބުރުނީ އެވެ. ޗުއްޓީގެ ގިނަ ދުވަސްތަކަކަށް ފަހު ޓީޗަރުން ވެސް މިއަދު ސްކޫލަށް ނިކުތީ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނީ ކުދިންނާއި ޓީޗަރުންގެ ވެސް މުޅިން އާ ހުވަފެންތަކަކާ އެކު އެވެ. ހެނދުނު 6:30 އިން ފެށިގެން މަގުމަތީގައި ސުްކޫލު ކުދިންނާއި އެކުދިންގެ ބެލެނިވެރިން ކޮޅުކޮޅު މައްޗަށް ހިނގާތަން ފެނުނެވެ. އާ އުންމީދު ތަކަކާ އެކު އެވެ. ކުރީ އަހަރުގެ ކިޔެވުން ނިމި ޗުއްޓީ ހޭދަކުރުމަށް ފަހު ވެސް ކުދިން ސްކޫލަށް ނިކުތީ އަހަރުގެ ކިޔެވުން ކުރިއަށް ގެންދާނެ ގޮތް ރަނގަޅަށް ޕްލޭން ކޮށްގެންނެވެ. ބައެއް ކުދިންގެ އުންމީދަކީ މި އަހަރުގެ އެއްވެސް ދުވަހަކު ގަޑި ނުޖެހި ސްކޫލަށް ދިއުމެވެ. އެއްވެސް ދުވަހެއް ވައްޓާ ނުލައި ސްކޫލަށް ދިއުމެވެ. ޔުނީފޯމާއި ބޫޓު ހަޑިނުކޮށް ރީތިކޮށް ގެންގުޅުމެވެ. ކުރީ އަހަރަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދުމެވެ. ކިޔަވަން ގެންގުޅޭ ފޮތްތައް ރީތިކޮށް ބެހެއްޓުމެވެ. ސްކޫލުގެ ގިނަ އެކްޓިވިޓީސްތަކުގައި ބައިވެރި ވުމެވެ. ކުދިންގެ އުންމީދުތައް ކިޔާ ލެވޭ ވަރަށް ވުރެ މާ ގިނަ އެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން ބޭއްވި އެސެމްބްލީ - ސަން ފޮޓޯ -- ފަޔާޒު މޫސާ

މިއަދު ސްކޫލަށް ދިއުމަށް ނިކުމެ އުޅުނު ގިނަ ކުދިން ބުނީ ބޭނުންވަނީ ގަޑި ނުޖެހި ސްކޫލަށް ދިއުމަށް ކަމަށާއި މި އަހަރު އެއްވެސް ދުވަހަކު ގަނޑި ޖެހެން ބޭނުން ނުވާ ކަމަށެވެ. އަދި ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރާނެ ކަމަށް ވެސް ގިނަ ކުދިން ވަނީ ފާހަގަކޮށްފަ އެވެ.

"ބޭނުން ވަނީ ގަޑި ނުޖެހި ކޮންމެ ދުވަހަކު ދާން، އެއްވެސް އިރަކު ގަޑިއެއް ނުޖެހޭ، އެހެންވެ މިއަހަރު ވެސް ގަޑި ޖެހޭ ކަށް ބޭނުމެއް ނޫން،" މިއަދު ސްކޫލަށް ދިއުމަށް މަގުމަތީގައި ހިނގާފައި ދިޔަ، އިސްކަންދަރު ސްކޫލުގެ ގްރޭޑް 8ގައި ތައުލީމު ހާސިލް ކުރަމުން އަންނަ ކުއްޖަކު 'ސަން' އަށް ބުންޏެވެ.

ކިޔެވުމުގެ އާ އަހަރާ އެކު ކުދިންގެ އިތުރުން ސުކޫލުތަކާއި ޓީޗަރުންގެ އުންމީދުތައް ވެސް ވަރަށް ފޮންޏެވެ. ކުދިން ރަނގަޅު ނަތީޖާތައް ހާސިލް ކުރުމުން އެންމެ އުފާ ވާނީ ޓީޗަރުންނެވެ. ދިރާސީ އާ އަހަރަށް ސްކޫލުތަކުން ކުދިންނަށްކީ ވަރަށް ހޫނު މަރުހަބާ އެކެވެ. ސްކޫލުތަކުގެ ވެރިންނާއި ހުރިހާ ޓީޗަރުން ވެސް ވަނީ ކުދިންނަށް މަރުހަބާ ކިޔައިފަ އެވެ. ގިނަ ސްކޫލުތަކުގައި އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައި ވަނީ، އަހަރު ފެށުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ހާއްސަ ދުއާ އަކުންނެވެ. ދުއާގައި ކުދިންނާއި ޓީޗަރުން ބައިވެރިވި އެވެ.

ކިޔަވައި ދިނުމުގެ ބުރަ މަސައްކަތުގެ ފޮނިމީރުކަން ޓީޗަރުނަށް ލިބެނީ ކުދިން ހޯދާ ނަތީޖާއިންނެވެ. އަދި ސްކޫލުތަކަށް ރީތި ނަމެެއް ލިބެނީ ވެސް ކުދިން ހޯދާ ނަތީޖާ ރަނގަޅުވުމުންނެވެ. ކަލާފާނު ސްކޫލުގެ ލީޑިން ޓީޗަރު އައްބުލް ފައްތާހު ހުސައިން މިއަދު 'ސަން' އަށް ވިދާޅުވީ އާ އަހަރު ފެށުމާ އެކު އެ ސްކޫލުގެ އެންމެ ބޮޑު އުންމީދަކީ، ދަރިވަރުންގެ ނަތީޖާތައް ރަނގަޅު ކުރާ އަހަރަކަށް މި އަހަރު ހެދުން ކަމަށެވެ. އަދި ދަރިވަރުންނަކީ އަހުލާގީ ގޮތުން ރަނގަޅު ކުދިބަޔަކަށް ހެދުމަށް ސްކޫލުހުން މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އުންމީދަކީ ކުދިންގެ ނަތީޖާތައް ރަނގަޅު ކުރުން. އޭގެ އިތުރުން ތައްޔާރުކުރެވުނު އާ މުގައްރަރުގެ ދަށުން މުޖުތަމައަށް ބޭނުންތެރި ދަރިންތަކަކަށް ހެދުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުން. އަހުލާގު ރަނގަޅު ދަރިންތަކެއް ބިނާ ކުރުމާއި ރައްކާތެރި މާހައުލެއް ސުކޫލުތެރޭގައި ގާއިމް ކުރުމާއި ސްކޫލާއި ބެލެނިވެރިންނާ އެކު އޮއްނަ ގުޅުން ބަދަހިވެގެން ދިއުން އެއީ ކަލާފާނު ސުކޫލުގެ މިއަހަރުގެ އުންމީދުތައް." އައްބުލް ފައްތާހު ވިދާޅުވި އެވެ.

ދިރާސީ އާ އަހަރު ފެށުމާ އެކު ބެލެނިވެރިންގެ މަސައްކަތް ވެސް ވަރަށް ބޮޑެވެ. ކުދިން ސުކޫލަށް ގެންދިއުމާއި ކުދިންނަށް ބޭނުންވާނެ ތަކެތި ހޯދައި ދިނުމެވެ. ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމެވެ. ސްކޫލުން ގެއަށް ދިއުމުން ފިލާވަޅުތައް ބުނެދިނުމެވެ. ޓިއުޝަނަށް ގެންދިއުމެވެ. ޓީޗަރުންނާއި ދަރިވަރުންނަށް ވުރެ ބުރަ މަސައްކަތެއް ބެލެނި ވެރިން ކުރެ އެވެ. މިއަދު ސްކޫލަށް ދަރިފުޅު ގޮވައިގެން ދިޔަ އިމާދުއްދީނު ސްކޫލުގެ ބެލެނިވެރިޔަކު 'ސަން' އަށް ބުނީ ކޮންމެ ދުވަހަކު ވެސް ދަރިފުޅު ގޮވައިގެންނާއި ބަލައި ސްކޫލުދޮށަށްދާނެ ކަމަށާއި އޭގެ އިތުރުން ގެންދަން ޖެހުނު ކޮންމެތާކަށް ވެސް ދަރިފުޅު ގޮވައިގެންދާނެ ކަމަށެވެ.
ބެލެނިވެރިން ދަރިވަރުން ގޮވައިގެން ސްކޫލް އަށް ދަނީ-- ސަން ފޮޓޯ/ ފަޔާޒް މޫސަ

"އަޅުގަނޑު ހަމަ ދަރިފުޅު ގޮވައިގެން ހިނގާފައި ކޮންމެ ތާކަށް ވެސް ދަނީ. ހުރިހާ ތާކަށް ވެސް ގޮވައިގެން ދަން، އެކަނި ނުފޮނުވަން." އިމާދުއްދީން ސްކޫލުގެ ބެލެނިވެރިޔާ ބުންޏެވެ.

ދިރާސީ އާ އަހަރުގެ އާ ފެށުމާ އެކު، ގިނަ ބައެއްގެ ބުރަ މަސައްކަތް ފެށުނީ އެވެ. ޔުނީފޯމާއި އާ ބޫޓާއި އާ ފޮތްތަކާ އެކު ކުދިން އާ އަހަރު ފެށީ، ނަތީޖާ ރަނގަޅުކުރުމަށެވެ. ބެލެނިވެރިން ކުރާ ހަރަދުގެ ބަދަލު ނަތީޖާ އިން ދައްކައި ދިނުމަށެވެ. ޓީޗަރުންގެ އުންމީދަކީ އެމީހުން ކިޔަވައިދޭ ދަރިވަރުންނަކީ މޮޅެތި ދަރިވަރުންތަކަށް ހެދުމެވެ. އަހުލާގީ ގޮތުން ރަނގަޅު ކުދިބަޔަކަށް ހެދުމެވެ. ބެލެނިވެރިންގެ އުންމީދަކީ އެމީހުންގެ ދަރިންނަކީ މޮޅު، މުޖުތަމައުގައި ބޭނުންތެރި ބަޔަކަށް ހެދުމެވެ. އެކަމަށް ޓަކައި ބެލެނިވެރިން އަންނަނީ ވަރަށް ބުރަ މަސައްކަތެއް ކުރަމުންނެވެ. ކާމިޔާބު ލިބޭނީ ހިއްވަރާ އެކު މަސައްކަތް ކުރާ ބަޔަކަށެވެ. ގަދަ އަށް މަސައްކަތްކޮށްފި ނަމަ ކާމިޔާބީގެ ކުރި ބޯއްޓާ ހަމަ އަށް ދަތުރު ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ އެވެ.