11 Jan 2015, 10:29
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓާއި ހައިކޯޓުން ހުކުމްކޮށްފައިވާ "މަކަރާއި ހީލަތްހެދުމުގެ" ހަތަރު މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދީފަ އެވެ.
"އިސްތިއުނާފު ކުރަން އޮންނަ މުއްދަތު ހަމަވެފައިވާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފް ކުރަން ޖެހޭ ކަމަށް ފެންނަ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހެޅި އިރު އޭގެ ތެރޭގައި އަހްމަދު ނާޒިމްގެ މައްސަލަތައް ވެސް ހިމެނޭ،" އޮފިޝަލް ވިދާޅުވި އެވެ.
މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަލައިގައި ވެސް ހައިކޯޓުންނާއި ކްރިމިނަލް ކޯޓުން ކުރި ހުކުމްތަކުގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ކަންތައްތަކަށް ބަލާ އިރު ނާޒިމްގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށެވެ.
މަކަރާއީ ހީލަތް ހެދި ކަމަށް ބުނެ ނާޒިމްގެ މައްޗަށް ކުރި ފުރަތަމަ ދައުވާގައި ވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން ކުރި އިއުލާނަކާ ގުޅިގެން ވުޖޫދުގައި ނެތް ކުންފުނިތަކެއްގެ ނަން ބޭނުންކޮށްގެން އެތަންތަނުގެ ނަމުގައި ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން އެސްޓިމޭޓް ހުށަހަޅައި އެ ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާ ކަމަށެވެ.
ދިދަތަކުގެ މައްސަލައިގައި މަކަރާއި ހީލަތް ހެދުމުގެ ދެވަނަ ދައުވާއެއް ވެސް އޭނާގެ މައްޗަށް ދައުލަތުން ކުރި އެވެ. އެ ދައުވާ ކޮށްފައި ވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީއަށް 15،000 ގައުމީ ދިދަ ގަތުމަށް އިއުލާން ކުރުމުން ނަމީރާގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުރެ ނަމީރާގެ މުވައްޒަފުން ބޭނުންކޮށްގެން އެހެން ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި އެ ޕްރޮޖެކްޓް ކާމިޔާބުކޮށްފައިވާ ކަމަށް ބުނެ އެވެ.
އޭނާގެ މައްޗަށް ކުރި ތިން ވަނަ ދައުވާގައި ވަނީ އަތޮޅުތަކުގެ މިސްކިތްތަކަށް ބޭނުންވާ ސައުންޑު ސިސްޓަމްތައް ގަތުމަށް ކުރީގެ އެޓޯލްސް މިނިސްޓްރީން އިއުލާން ނުކުރަނީސް، އިއުލާންކުރި ކަމަށް ދޭހަވާ ގޮތަށް ނާޒިމްގެ ހިއްސާ އޮންނަ ތިން ކުންފުންޏެއްގެ ނަމުގައި، ނޭޒާ އެންޓަޕްރައިޒަސްގެ މުވައްޒަފުން ބޭނުންކޮށްގެން އެސްޓިމޭޓް ހުށަހަޅައި އެ ޕްރޮޖެކްޓު ކާމިޔާބުކޮށްފައިވާ ކަމަށެވެ.
ނާޒިމްގެ މައްޗަށް ކުރި ހަތަރު ވަނަ ދައުވާގައި ވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީ އަށް 220 ބަނދަރު ބައްތިތައް ގަތުމަށް ކުރީގެ އެޓޯލްސް މިނިސްޓްރީން އިއުލާން ކުރުމުން ބައެއް ކުންފުނިތަކަށް ނޭގި އެކުންފުނިތަކުގެ ނަމުގައި ނަމީރާގެ މުވައްޒަފުން ބޭނުންކޮށްގެން ބިޑު ހުށަހަޅާފައިވާ ކަމަށެވެ.