11 Jan 2015, 10:24
ހދ. ހިރިމަރަދޫ ސްކޫލުގައި ކުރަން ޖެހޭ ކަންތައްތައް ފުރިހަމަކޮށް މިއަދު އެ ރަށު ސްކޫލުގެ ކިޔެވުން ފެށިގެން ކުރިއަށް ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައީދު މިއަދު "ސަން" އާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން އެންމެ ބޮޑަށް އެދުނީ އެ ރަށު ސްކޫލުގައި ދިވެހި ޕްރިންސިޕަލެއް ބަހައްޓައި ދިނުމަށް ކަމަށެވެ. އަދި މިހާރު އެ ރަށު ސްކޫލުގެ ޕްރިންސިޕަލަކަށް ހުންނާނީ ދިވެއްސެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ހިރިމަރަދޫ ސްކޫލުގެ ކަންތައްތައް މިހާރު ހަމަޖެހިފައިވީ ނަމަވެސް މީގެ ކުރިން އެ ރަށު ސްކޫލުގެ 31 ބެލެނެވެރިއަކު ސޮއިކޮށް އެޑިއުކޭޝަން މިނިސްޓްރީ އަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައި އެވެ.
ޕެޓިޝަނުގައި ބުނެފައި ވަނީ ހިރިމަރަދޫ ސްކޫލުގައި ހުރި ޕްރިންސިޕަަލަށް ސްކޫލުގެ ކަންކަން އެކަށީގެންވާ ގޮތެއްގައި ނުހިންގޭ ކަމަށެވެ. އެހެންކަމުން އެ ޕްރިންސިޕަލުގެ ބަދަލުގައި މިހާރުން މިހާރަށް ޕްރިންސިޕަލެއް ހަމަޖައްސައި ދެއްވުމަށް އެ ޕެޓިޝަނުގައި ބެލެނެވެރިން ވަނީ އެދިފަ އެވެ.
އިތުރަށް އެ ޕެޓިޝަނުގައި ބުނެފައި ވަނީ ދަރިވަރުންނަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ޓެކްސްޓް ފޮތްތައް ލިބިފައިނުވާ ކަމަށާއި އެ ފޮތްތައް ލިބޭނެ ގޮތް ހައްދަވައިދެއްވުން އެދޭ ކަމަށެވެ.
އަދި ޕެޓިޝަނުގައިވާ ކަންކަން މިއަދު ހަމަޖައްސައިނުދީފި ނަމަ ޕެޓިޝަނުގައި ސޮއިކުރި 31 ބެލެނެވެރިންގެ ދަށުގައިވާ އެއްވެސް ދަރިވަރަކު ސްކޫލަށް ނުފޮނުވާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމަށް އެޑްރެސްކޮށް ހުށަހެޅި ޕެޓިޝަނުގައި ބުނެފައިވެ އެވެ.
ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މިއަދު "ސަން" އާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ހިރިމަރަދޫ ސްކޫލުގެ ކިޔެވުން މިއަދުން ފެށިގެން ކުރިއަށް ގެންދާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ދިރާސާ އާ އަހަރު މިއަދު ފެށިގެންދާ އިރު ހުރިހާ ސްކޫލެއްގައި ވެސް ކިޔެވުން ފެށޭނެ ކަމަށާއި ކިޔެވުން ނުފެށޭނެ އެއްވެސް ސްކޫލެއް ނުހުންނާނެ ކަމަށެވެ.