އާ މަންހަޖާ އެކު، ތައުލީމީ ދާއިރާއަށް ބޮޑު ބަދަލުތަކެއް ގެނެސް ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ވެސް މިއަދު ފަށައިފި އެވެ.

މި އަހަރު އަލަށް އަމަލުކުރަން ފެށި މަންހަޖުގެ ދަށުން ދަރިވަރުން ސްކޫލުގައި ހޭދަ ކުރާ ވަގުތަށް ބަދަލު ގެނެސް ސްކޫލްތަކުގައި ކިޔަވައިދޭ ތަކެއްޗަށް ވެސް ބަދަލު ގެނެސްފައިވެ އެވެ. އަދި އާ މަންހަޖާ ގުޅިގެން ހާއްސަ ޓެކްސް ފޮތްތަކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައި ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހުރިހާ ސްކޫލަކުން ވެސް ތައްޔާރު ކަމަށާއި ކިޔަވާ ކުދިންނަށް ބޭނުންވާ ހުރިހާ ވަސީލަތަކާއި ހުރިހާ ޓީޗަރުން ވެސް ހަމަވެފައިވާ ކަމަށެވެ.

ދިރާސީ އާ އަހަރަށް ސްކޫލުތަކުން ކުދިންނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ގިނަ ސުކޫލުތަކުގައި އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައި ވަނީ، އަހަރުފެށުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ހާއްސަ ދުއާ އަކުންނެވެ. ސްކޫލު އެސެމްބްލީގައި ކުރެވުނު އެ ދުއާގައި ސްކޫލުތަކުގެ ކުދިންނާއި ޓީޗަރުން ވަނީ ބައިވެރި ވެފަ އެވެ.

ދިރާސީ އާ އަހަރާ އެކު ތައުލީމީ ދާއިރާއަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަށް ގެނެސްފަ އެވެ. އެގޮތުން އެންމެ ބޮޑު ބަދަލެއް ގޮތުގައި ފާހަގަ ކުރެވުނީ ޓީޗަރުންނަށް ގެނައި މުސާރައިގެ ކުރި އެރުމެވެ. އެގޮތުން ޓީޗަރުންގެ އަސާސީ މުސާރައިގެ އިތުރުން އެލަވަންސާއި ތައުލީމީ ކޮލިފިކޭޝަން އެލަވަންސް ވަނީ ބަދަލުކޮށްފަ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައި ވަނީ ޓީޗަރުންގެ މުސާރަ އަށް އައި ހެޔޮ ބަދަލާ ގުޅިގެން ރާއްޖޭގެ ތައުލީމީ ފެންވަރު ރަނގަޅުވެގެން ދާނެ ކަމަށެވެ.