ކުރިން އަޅުނގަޑުމެން ދައްކަމުން އައީ ވަށާޖެހޭ ތައުލީމެއްގެ ވާހަކަ އެވެ. ދުނިޔެއަށް އަންނަމުންދާ އިޖުތިމާއީ، އިޤްތިސާދީ އަދި ސިޔާސީ ބަދަލުތަކުގެ އިތުރުން އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް އަމާޒުކޮށް ތައުލީމީ ދާއިރާ ފައްކާކުރަން ޖެހޭ ވާހަކަ އެވެ. ދިރިއުޅުމަށް ދަރިވަރުން ތައްޔާރުކުރަން ޖެހޭ ވާހަކަ އެވެ. ދިރާސީ އާ އަހަރަށް މިއަދު ސްކޫލްތައް ހުޅުވިގެން ދިޔައީ، ތައުލީމީ ދާއިރާއަށް މި ފަހަކުން ގެނެވޭނެ އެންމެ ބޮޑު ބަދަލާ އެކު އެވެ. ފާއިތުވި 30 އަހަރު ކިޔަވައިދެމުން އައި ގައުމީ މަންހަޖު ބަދަލުކޮށް، މުޅިން އާ މަންހަޖަކާ އެކު އެވެ. އުފެދޭ ސުވާލަކީ މި ބޮޑު ބަދަލަށް ތައުލީމީ ދާއިރާ ކިހާވަރަކަށް ތައްޔާރުވެއްޖެތޯ އެވެ؟

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް 3-1 އަކަށް ތައާރަފްކުރާ ގައުމީ އާ މަންހަޖުގެ އަސާސަކީ
އިސްލާމީ އަގީދާ ވަރުގަދަކޮށް އަމިއްލަވަންތަކަމާއި ދިވެހި ގައުމިއްޔަތު ދަމަހައްޓައި ގާބިލު އަދި އަމިއްލަ ނަފުސަށް އިތުބާރުކުރާ ދަރިވަރުންތަކެއް ބިނާކުރުމެވެ. އުނގެނުމާއި އަމިއްލަ އިސްނެގުމަށް ކަންކަން ހޯދައިބަލުމުގެ ހިލްމު އުފައްދާ ކާމިޔާބު ފަރުދަކަށް ދަރިވަރުން ހެދުމެވެ. ތިމާގެ އާއިލާ އާއި މުޖުތަމައާއި ބަވަނަ ވަމުންދާ ދުނިޔޭގައި ހިއްސާ އަދާކުރާ އުފެއްދުންތެރި އަދި ޒިންމާދާރު ފަރުދަކަށް ހެދުމަށެވެ.

ދިރާސީ އާއަހަރު ފެށުމުގެ އެސެމްބްލީގައި--- ސަން ފޮޓޯ ފަޔާޒް މޫސަ

އެގޮތުން އާ މަންހަޖުގެ ދަށުން އުގެނުމަށް މައިގަނޑު އަށް ދާއިރާއެއް ކަނޑައަޅާފައިވެ އެވެ. އެއީ އިސްލާމްދީނާއި ރޫޙާނިއްޔަތާއި ބަހާއި މުއާޞަލާތާއި ހިސާބު އިލްމާއި ތިމާވެށްޓާއި ސައިންސާއި ޓެކްނޮލޮޖީގެ އިތުރުން ސިއްހަތާއި ދުޅަހެޔޮކަމާއި އިޖުތިމާއީ އިލްމާއި އުފެއްދުންތެރި ފަންނު އަދި އޮންޓޮޕްރޮނިއާޝިޕެވެ. އަދި އާ މަންހަޖު ތައާރަފްކުރާ ކޮންމެ ގްރޭޑެއްގައި ވެސް 11 މާއްދާ ކިޔަވައިދޭނެ އެވެ.

އާ މަންހަޖުގެ ދަށުން ކިޔަވައިދޭ ތަކެއްޗާއި ކިޔަވައިދޭ ގޮތުގެ އިތުރުން ކިޔަވައިދޭ މިންވަރަށް ވެސް ބަދަލުތަކެއް އަންނައިރު، ދަރިވަރުން ސްކޫލުގައި ކިޔަވާ ގަޑިތަކަށާއި ކިޔަވައިދޭ ގޮތްތަކުގެ އިތުރުން ދަރިވަރުން އެސެސް ކުރެވޭ ގޮތްތަކަށް ވެސް ބަދަލުތަކެއް އަންނާނެ އެވެ.

އެގޮތުން، ކިޔަވައިދޭ ވަގުތުތަކަށް އަންނަ ބަދަލުގެ ދަށުން މިހާރު ސްކޫލުތަކުގައި ނަގައިދެނީ 35 މިނިޓްގެ ޕީރިއަޑެއް އަންނަ އަހަރުން ފެށިގެން އެ ވަގުތު 45 މިނިޓަށް ދިގު ކުރާއިރު، ކޮންމެ މާއްދާއަކަށް ވެސް އެމާއްދާއެއް ކިޔަވައިދިނުމަށް ހަފުތާއަކަށް ކަނޑައަޅާފައިވާ މިންވަރަށް ވަގުތު ހޭދަ ކުރާނެ އެވެ. އަދި ބެލް ސިސްޓަމަށްވުރެ ބޮޑަށް ފްލެކްސިބްލް ޓައިމްޓޭބަލް ގެންގުޅޭނެ އެވެ.

އާ މަންހަޖުގެ ދަށުން ކިޔަވައިދޭ އިރު ކިޔެވުމުގައި ދަރިވަރުންގެ ބައިވެރިވުން ވަރަށް ބޮޑުވާނެ އެވެ. އެގޮތުން ކުލާހުން ބޭރުން ދަރިވަރުން އުނގެނުމަށް އާ މަންހަޖުގެ ދަށުން ކުލާހުގައި ކިޔަވާފަދައިން ކުލާހުން ބޭރުގައި ވެސް އުނގެނުމުގެ މަސައްކަތްތައް ކުރުމަށް ފުރުސަތު ދޭންޖެހޭނެ އެވެ. އޭގެ ތެރޭގައި ފީލްޑް ޓްރިޕްތައް ބޭއްވުމާއި އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމަށް ސްކޫލުން ބޭރު ތަންތަނަށް ދިއުން ރާވަންޖެހެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވި ގޮތުގައި އާ މަންހަޖުގެ މުގައްރަރުތަކުގެ އަޖުމަބެލުމުގެ ގޮތުން ރާއްޖޭގެ ތަފާތު އަށް ސްކޫލެއްގައި 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔަ އެެވެ. އަދި އާ މަންހަޖު ތަންފީޒު ކުރުމަށް ސްކޫލްތަކުގެ އިސްވެރިންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންވެސް ވަނީ އާ މަންހަޖަށް އަހުލުވެރިކޮށްފަ އެވެ.

"މިދިޔަ އަހަރު ސްކޫލްތަކަށް އަންގައިގެން ގްރޭޑް އެކަކުން ތިނަކަށް ކިޔަވައިދޭ ޓީޗަރުންނަށް ވަނީ ތަމްރީންދީފައި. ޕްރިންސިޕަލުންނާއި ލީޑިން ޓީޗަރުން ވަނީ ތަމްރީންކޮށްފައި. އަދި 4000 އަށްވުރެ ގިނަ ޓީޗަރުން ވަނީ ތަމްރީންކޮށްފައި. ބެލެނިވެރިންނަށް ވަނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް އިތުރުކޮށްފަ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ކެބްރިޖާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އާ ގުޅިގެން ގައުމީ އާ މަންހަޖަށް ތައްޔާރު ކުރި ދަރިވަރުންގެ ޓެކްސްޓް ފޮތްތަކާއި ޓީޗަރުންގެ ގައިޑްތައް ޕްރިންޓްކޮށް ނިމި، ވަނީ ހަވާލުވެސްކޮށްފަ އެވެ.

ނަމަވެސް، އާ މަންހަޖުގެ ދަށުން ބޭނުންކުރާ ބައެއް މާއްދާތަކުގެ ފޮތްތައް އަދިވެސް ޕްރިންޓެއް ނުވެ އެވެ. އެއީ އިސްލާމާއި ޤުރުއާން އަދި ދިވެއްސެވެ. ޝަރީފް ވިދާޅުވީ، ނުނިމި ހުރި މާއްދާތަކުގެ ފުރަތަމަ ދެ ބައި އެ ވުޒާރާގެ ވެބްސައިޓަށް އަޕްލޯޑްކޮށް، ސްކޫލްތައް މެދުވެރިކޮށް އެ ފިލާވަޅުތައް ދަރިވަރުންނަށާއި ޓީޗަރުންނަށް ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޕްރިންޓް ކުރުމަށްދާ ހަރަދު އެ ވުޒާރާއިން ސްކޫލްތަކަށް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރު އެންމެ ގިނަ ދަރިވަރުން ވަތް އެއް ސްކޫލް ކަމަށްވާ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު ވިދާޅުވީ، އާ މަންހަޖަށް ސްކޫލް މައުހާލަށް ވެސް ބަދަލުތަކެއް ގެނެސްފައިވަ ކަމަށެވެ. އަދި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.

"އަޅުނގަޑުމެން ސްކޫލްތައް ހުޅުވުމަށް ފަހު ޓީޗަރުންނާ ގުޅިގެން ވެސް ބަދަލުތަކެއް ސްކޫލަށް ގެންނާނެ. އާ މަންހަޖަށް ޕްރިންސިޕަލުންނަށް ވެސް އެންއައިއީން މައުލޫމާތު ވަނީ ދީފައި. ނަމަވެސް އާ މަންހަކަށްވީމަ އުފެދޭ ސުވާލުތަކެއް ހުންނާނެ. އެކަމަށް އަހުލުވެރިވާން ވަގުތު ނަގާނެ. ގުޅިގެން ހައްލު ކުރަނީ،" ޕްރިންސިޕަލް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އާ މަންހަޖުގެ ދަށުން ބައެއް މާއްދާތަކުގެ ޓެކްސްޓްފޮތްތައް ޕްރިންޓް ކުރެވިފައި ނުވި ނަމަވެސް، "އެއްވެސް ދައްޗެއް ދަރިވަރުންނަށް ކުރިމަތިވިޔަކަ ނުދޭނެ" ކަމަށެވެ. ނަމަވެސް އާ މަންހަޖު ތައްޔާރުވުމަށް ތަމްރީންކުރި ބައެއް ޓީޗަރުން އެހެން ސްކޫލްތަކަށް "ހިޖުރަ" ކުރުމަކީ ދިމާވެފައިވާ މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެވި އެވެ.

"ހިޖުރަކުރާ ހިޖުރަކުރުމުގެ މައްސަލަތަކެއް އެބަ އުޅޭ. އެއީ އާ މަންހަޖަށް ތައްޔާރުކުރި ބައެއް ޓީޗަރުން އެހެން ސްކޫލްތަކަށް ބަދަލުވުމާ ގުޅިގެން ދަތިތަކެއް ކުރިމަތިވޭ. އެގޮތުން އަޅުނގަޑުމެންގެ ވަރަށް ރަނގަޅު ޓީޗަރުން ކޮޅެއް ހިނގައްޖެ. އެކަންތައް ފޫބައްދަން އަޅުނގަޑުމެން އާ ޓީޗަރުން ނަގައިގެން ޓްރެއިނިންތަކެއް ހިންގަން ޖެހޭނީ،" އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ސަން އަށް މައުލޫމާތު ދެމުން މާލޭ ސްކޫލްތަކުގެ ގްރޭޑް 3-1 އެއްގެ ބައެއް ޓީޗަރުން ވެސް ބުނީ، އާ މަންހަޖަށް ތައްޔާރުކުރުމަށްޓަކައި މިދިޔަ ރޯދަ މަހުން ފެށިގެން ޓީޗަރުންނަށް ތަމްރީން ޕްރޮގްރާމްތަައް ހިންގާފަ އެވެ. އަދި އާ މަންހަޖަށް ބޭނުންވާ ޓީޗަރުންގެ ގައިޑްތަކާ ރިސޯސަސްތައް ވެސް ލިބި، އާ އަހަރުގެ ކިޔެވުމަށް ތައްޔާރުވެފައިވާ ކަމަށް އެ ޓީޗަރުން ބުންޏެވެ.

ތައުލީމީ ދާއިރާއަށް ބޮޑު ބަދަލެއް އަންނައިރު، އެ ބަދަލާއެކު ގޮންޖެހުންތަކެއް ހުންނާނެ އެވެ. އެކަމަށް ބެލެނިވެރިންނާ ދަރިވަރުން ހޭނެން ވަގުތުތަކެއް ނަގާނެ އެވެ. ބޭނުންވަނީ ކެތްތެރިކަމެވެ. ގުޅިގެން މަސައްކަތްކުރުމެވެ.