11 Jan 2015, 09:59
ދަވްހާ (ޖަނަވަރީ11): ތެލުން ލިބޭ އާމްދަނީ އަށް ބަރޯސާވާ ގައުމުތަކުގައިވާ ތެލުގެ ރިޒާވް ކުރިން ލަފާކޮށްފައިވާ ވަރަށްވުރެ އަވަހަށް ހުސްވެދާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ދީފި އެވެ.
ވޯލްޑް ބޭންކުގެ ތެލާ ބެހޭ ތަޖްރިބާކާރެއް ކަމަށްވާ ޕްރޮފެސަރު މަމްދޫޙް ސަލާމާ ވިދާޅުވީ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ގައުމުތައް ކަމަށްވާ ސައޫދީ އަރަބިޔާއާއި ގަލްފުގެ އަރަބި ގައުމުތައް ބޭނުންވަނީ ހެޔޮއަގުގައި ގިނައިން ތެޔޮ އެކްސްޕޯޓްކޮށްގެން ބަޖެޓް ދެކޮޅު ޖައްސަން ކަމަށްވާ އިރު މިސިޔާސަތުގެ ސަބަބުން އެގައުމުގެ ތެލުގެ ރިޒާވްގެ ބޮޑުބައެއް ނުއަގުގައި ވިއްކައި ބޭކާރުކޮށްލެވޭ ކަމުގަ އެވެ. ނަތީޖާއަކީ ކުރިން ލަފާކޮށްފައިވާ ވަރަށް ވުރެ އަވަހަށް ތެލުގެ ރިޒާވް ހުސްވުމެވެ. ސަލާމާ ވިދާޅުވީ ތެލުގެ އަގު ބާޒާރުގައި ދަށަށް ދިޔުމާގުޅިގެން އެގައުމުތަކަށް ލިބޭ އާމްދަނީ ވަރަށް ބޮޑުތަން މަދުވެ މިހާލަތުގައި އެގައުމުތަކަށް އިޖްތިމާއީ އަދި އިގްތިސާދީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވުމުގެ ފުރްސަތު ބޮޑުވުމެވެ. އަދި އެކަން ދާޚިލީ ހަމަނެޖެހުންތަކަކަށް ބަދަލުވެގެންދާނެ ކަމުގެ ބިރުވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަލްޖަޒީރާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވޯލްޑް ބޭންކުގެ ތެލާ ބެހޭ ތަޖްރިބާކާރެއް ކަމަށްވާ ޕްރޮފެސަރު މަމްދޫޙް ސަލާމާ ވިދާޅުވީ ތެޔޮ އެކްސްޕޯޓްކުރާ ގައުމުތަކުން ތެޔޮއުފައްދާ މިންވަރު މަދުނުކުރާ ނަމަ ތެލުގެ އަގު ފީފާއަކަށް 40 އެމެރިކާ ޑޮލަރަށް ވުރެ ވެސް ދަށަށް ހިނގައިދާނެ ކަމަށާ މިއީ މުއްސަނދި ދިރިއުޅުމަށް އާދަވެފައިވާ އެގައުމުތަކުގައި އިޖްތިމާޢީ ހަމަނުޖެހުންތަކަށް މަގުފަހިވެގެންދާ ފަދަ ކަމެއްކަމުގަ އެވެ. ސަލާމާ ވިދާޅުވީ ތެލުގެ އަގު ދަށަށްދަނީ ތެޔޮއުފައްދާ ގައުމުތަކުން ދުނިޔޭގެ ބާޒާރަށް ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ދަށްނުކުރުމަށް ގެންގުޅޭ ސިޔާސަތުގެ ސަބަބުން ކަމުގަ އެވެ.
ސަލާމާ ވިދާޅުވީ މިއީ ދުނިޔޭގެ އުތުރުގެ ގައުމުތަކަށް ފިނިމޫސުން ކަމަށްވާއިރު ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ދަށްކޮށްލައިފި ނަމަ ތެލުގެ އަގު މައްޗަށް ޖެހޭނެ ކަމަށާއި އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިޔުންވެސް ހުއްޓިގެންދާނެކަމުގަ އެވެ. ތެލުގެ އަގު އާދަޔާ ޚިލާފަށް ދަށަށް ގޮސްފައިވީ ނަމަވެސް ތެލުގެ އާމްދަނީ އަށް ބަރޯސާވާ ގައުމުތަކުން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ދަށްކޮށްލަން ބޭނުމެއްނުވެ އެވެ. އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ގައުމުކަމަށްވާ ސައޫދީ އަރަބިޔާ ފަދަ ގައުމުތައް ބޭނުންވަނީ ހެޔޮއަގުގައި ގިނައިން ތެޔޮ އެކްސްޕޯޓްކޮށްގެން ބަޖެޓް ދެކޮޅު ޖައްސަން ކަމަށްވާ އިރު ސައޫދީގެ މިސިޔާސަތުގެ ސަބަބުން އެގައުމުގެ ތެލުގެ ރިޒާވްގެ ބޮޑުބައެއް ނުއަގުގައި ވިއްކައި ބޭކާރުކޮށްލެވޭ ކަމަށް ސަލާމާ ވިދާޅުވި އެވެ. ސަލާމާ އިތުރަށް ވިދާޅުވީ އެމެރިކާއިން އަރަބި ގައުމުތަކުގެ ތެލަށް ބަރޯސާވާ މިންވަރު ފާއިތުވި ތިރީހަކަށް އަހަރު ތެރޭގައި 30 އިންސައްތަށް ދަށަށް ހިނގައްޖެ ކަމަށާ އަދި ތެޔޮ އެކްސްޕޯޓްކުރާ ގައުމަކަށް ޚުދު އެމެރިކާ ވެސް ވެއްޖެ ކަމުގަ އެވެ.
އަރަބި ގައުމުތަކުން އެމެރިކާ ތެޔޮގަންނަން ނުޖެހޭމިންވަރަށް ކަންތައްތައް ދިޔަނަމަވެސް އަރަބި ގައުމުތަކަށް ބާރާއި ނުފޫޒު ފޯރުވުމާއި އިސްރާއީލު ޙިމާޔަތް ކުރުމުގައި އެމެރިކާ ދެމިއޮންނާނެ ކަމަށް ސަލާމާ ވިދާޅުވި އެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަލްފުގެ އަރަބި ގައުމުތަކުން އަހަރެއްގެ މައްޗަށް އެވްރެޖްކޮށް އަހަރަކު 50 ބިލިޔަން އެމެރިކާ ޑޮލަރުގެ ކާބޯތަކެތި އިންޕޯޓްކުރެ އެވެ. އަދި މިގައުމުތަކުން އަހަރަކު އެމެރިކާ އަށް އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ތެޔޮ އެކްސްޕޯޓްކުރެ އެވެ. އެމެރިކާއިން އަރަބި ތެލަށް ބަރޯސާވާ މިންވަރު ދުވަހެއް ދުވަހަކަށް ދަށަށްދާއިރު ދުނިޔެ މިސްރާބު ޖަހާފައިވަނީ ރިނީވެބްލް އެނަރޖީ އާ ދިމާއަށެވެ.
ތެލުގެ އާމްދަނީއަށް ބަރޯސާވާ ގައުމުތަކުން ވެސް ތެޔޮ އެކްސްޕޯޓްކުރާ މިންވަރު ދަށްކޮށް ތެލުގެ އަގު ހިފަހައްޓައި އަދި ފެންތަޙްލީލް ކުރުމާއި ކަރަންޓް އުފެއްދުން ފަދަ ކަންކަމަށް ރިނީވެބްލް އެނަރޖީ ބޭނުން ކުރުމުގެ ހަރުދަނާ ސިޔާސަތުތަކެއް ނުގެންގުޅެފި ނަމަ އެގައުމުތަކުގައި ތެލުގެ ރިޒާވް ވަރަށް އަވަހަށް ހުސްވެދާނެކަމަށް ކަމާބެހޭ ތަހްލީލްތައް ވެސް ބުނެ އެވެ. (ނޫސްއެޖެންސީތައް)