ޕެރިސް (ޖަނަވަރީ11): ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ޗާލީ އިބްޑޫ ނޫހުގެ އޮފީހަށް އަމާޒުކޮށް ހަތިޔާރުއެޅި ބަޔަކު މިދިޔަ ހަފްތާގައި ދިން ޙަމަލާތަކުގެ ނާޖާއިޒު ފައިދާ ނެގުމަށް ފަރަންސޭސިވިލާތުގެ ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފި އެވެ.

ލަންޑަންގައި ނުކުންނަ ދަ "ގާޑިޔަން" ނޫހުންބުނީ ނަސްލީ އިމްތިޔާޒުގެ ފިކުރު ގެންގުޅޭ ފަރަންސޭސި ސިޔާސީ ފަރާތްތަކުންނާއި މުސްލިމުންނާ ދެކޮޅަށް ހަރަކާތްތެރިވާ ހަރުކަށި ވިސްނުމުގެ ނަސާރާ ޖަމާއަތްތަކުން ގެންދަނީ ފާއިތުވި ހަފްތާގައި ފަރަންސޭސިވިލާތުގައި ހިނގައި ދިޔަ ލޭއޮހޮރުވުންބޮޑު ހާދިސާތަކުގެ ނާޖާއިޒް ފައިދާ ނަގައިގެން އެމީހުންގެ މަގްސަދްތައް ހާސިލްކުރުމަށް މަސައްކަތް ކުރަމުންނެވެ.

ފަރަންސޭސިވިލާތަކީ ވެސް އެގައުމުގައި ދިރިއުޅޭ މުސްލިމް މުހާޖިރުންނާ ދެކޮޅަށް ނަސްލީ އިމްތިޔާޒުގެ ހަރަކާތްތަކެއް ހިންގާ ހަރުކަށިފިކުރުގެ ސިޔާސީ ފަރާތްތަކެއް ހަރަކާތްތެރިވަމުންދާ ގައުމެކެވެ. އެފަރާތްތަކުން ގެންދަނީ މުސްލިމް މުހާޖިރުން އެގައުމުން ބޭރުކުރުމަށް ގޮވާލަމުންނެވެ.

ދަ ގާޑިޔަން ނޫސް ބުނާގޮތުން ޖަރުމަނުގެ ހަރުކަށި ފަރާތްތަކުން އެގައުމުގެ މުސްލިމުންނާ ދެކޮޅަށް ތެދުވަމުންދާ ގޮތަށް ފަރަންސޭސިވިލާތުގެ މުސްލިމުންނަކީ ވެސް ބިރެއްގެ ގޮތުގައި ދެއްކުމަށް އެގައުމުގެ ހަރުކަށި ނަސާރާއިން ގެންގުޅޭ ވިސްނުމަށް ޗާލީ އިބްޑޫގެ ޙަމަލާތަކުން ހިއްވަރު ލިބިއްޖެ ކަމަށާ މިޙަމަލާތަކުގެ ނާޖާއިޒު ފައިދާނެގުމަށް އެފަރާތްތަކުން މަސައްކަތްކުރަމުން ގެންދާކަމުގަ އެވެ. ޗާލީ އިބްޑޫ ނޫހުގެ އޮފީހަށް ދިން ޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް ފަރަންސޭސި ފުލުހުން ތުހުމަތުކޮށްފައިވާ ތިންމީހުންނަކީ ވެސް އެގައުމުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ އަލްޖަޒާއިރުގެ ދަރިކޮޅުގެ މީހުންނެވެ. މި ތިން މީހުން ވެސް ވަނީ ފަރަންސޭސިފުލުހުންގެ އަތްދަށުން މަރުވެފަ އެވެ.

ފާއިތުވި ހަފްތާގައި ފަރަންސޭސިވިލާތުގައި ހިނގި ލޭއޮހޮރުވުން ބޮޑު ހާދިސާތަކަށް ފަހު އެގައުމުގެ ކަންކޮޅުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. ފަރަންސޭސި ދާޚިލީ ވުޒާރާ އިން ބުނީ މިއީ ރައްކާތެރި ކަމުގެ ގޮތުން އެޅި ފިޔަވަޅުތަކެއް ކަމުގަ އެވެ. ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރަމުން ގެންދިޔަ ފަރަންސޭސި ނޫހެއްކަމަށްވާ ޗާލީ އިބްޑޫ ނޫހުގެ އޮފީހަށް ދިން ޙަމަލާތަކާއި އެނޫން ވެސް ޙަމަލާތަކުގައި ފާއިތުވި ހަފްތާގައި ފަރަންސޭސިވިލާތުގައި 17 މީހުން މަރުވެފައިވެ އެވެ.

ފާއިތުވި ހަފްތާގައި ފަރަންސޭސިވިލާތުގައި ހިނގި ލޭއޮހޮރުވުން ބޮޑު ހާދިސާތަކާ ދެކޮޅު ހެދުމުގެގޮތުން އެގައުމުގެ ބޮޑެތި ރަށްތަކުގައި އިއްޔެ ވަނީ ހިނގާލުންތައް ބާއްވާފަ އެވެ. މިހިނގާލުންތަކުގައި ތިންލައްކައެއްހާ މީހުން ބައިވެރިވެފައިވެ އެވެ. (ނޫސްއެޖެންސީތައް)