11 Jan 2015, 09:51
ށ. ފީވަކު ސުކޫލު ދަރިވަރުންނަށް ޓެކްސްޓު ފޮތްތައް ލިބިފައިނުވާތީ އާއި އަދި އެ ސްކޫލްގެ ޓީޗަރުން ހަމަނުވާ ކަމަށް ބުނެ ބެލެނިވެރިން ނުކުމެ މުޒާހަރާ ކުރަން ފަށައިފި އެވެ.
ފީވަކު ސުކޫލުގެ ބެލެނި ވެރިއަކު މިއަދު 'ސަން' އަށް ބުނީ މިއަދު 5:30 އިން ފެށިގެން ސްކޫލް ގޯތިތެރޭގައި ގިނަ އަދަދެއްގެ ބެލެނިވެރިން މުޒާހަރާ ކުރަމުން އަންނަ ކަމަށެވެ. ބެލެނިވެރިންގެ ޑިމާންޑަކީ ޓީޗަރުން ހަމަނުވުމާއި އަދި އެއްވެސް ގޮތަކަށް ޓެކްސްޓު ފޮތްތައް ލިބިފައިނުވާތީ އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޖަވާބެއް ހޯދުން ކަމަށް ވެސް އޭނާ ބުންޏެވެ.
"ސްކޫލު ހުޅުވޭ ދުވަސް އައިސް ޖެހުނު އިރުވެސް ސުކޫލުގައި ކިޔަވައި ދޭނެ ޓީޗަރުން ހަމައެއްނުވޭ. އެއްވެސް ގޮތަކަށް ޓެކްސްޓު ފޮތްތަކެއް ނުލިބޭ. ސުކޫލުން ބުނަނީ އެޑިއުކޭޝަނަށް ސިޓީ ފޮނުވައި އަންގައިފީމޭ" ފީވަކު ސުކޫލުގެ ބެލެނި ވެރިއަކު ބުންޏެވެ.
އޭނާ ބުނީ ބެލެނިވެރިންގެ ޝަކުވާއަށް ޖަވާބުދާރީ ވެވޭނެ މީހަކު ސްކޫލުގައި ނެތް ކަމަށާއި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެއްވެސް މައުލޫމާތެއް ސްކޫލުން ސާފުނުކޮށްދޭ ކަމަށް ބެލެނިވެރިއާ ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ފީވަކު ސްކޫލްގެ ޓީޗަރުން ހަމަނުވާ ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށެވެ. އަދި ޓެކްސްޓު ފޮތްތައް ހޯދާނެ ގޮތް ސްކޫލަށް އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް މިއަދު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނެ ކަމަށެވެ. އަދި ކިޔެވުން ފެށޭއިރަށް ހުރިހާ ޓީޗަރުން ވެސް ހަމަވާނެ ކަމަށާއި ހަމައެހެންމެ ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް ހުރިހާ ސްކޫލެއްގައި ވެސް ވަނީ ގާއިމްކުރެވިފައި ކަމަށް މިނިސްޓަރު އިއްޔެ ވިދާޅުވި އެވެ.