ޓީޗަރުންގެ މުސާރައަށް ގެނެވުނު ބަދަލާ އެކު، ޓީޗަރުންނަށް އާ ހިތްވަރެއް ލިބި، މިއަހަރު ތައުލީމީ ފެންވަރު ރަގަޅު ވެގެން ދާނެ ކަމަށް ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލު އަހުުމަދު ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން ނައިބް ރައީސް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، ދިރާސީ އާ އަހަރާ ދިވެހި ގައުމު ކުރިމަތި ލަނީ ގިނަ އުންމީދު ތަކެއް ހަގީގަތަކަށް ހެދުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކުރެވެމުން ކަމަށާއި، މިއަހަރު ތައުލީމީ ފެންވަރު މުޅި ރާއްޖޭގައި މަތިވެގެން ދިއުމަކީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.

"މުދައްރިސުންގެ މުސާރައަށް މި ގެނެވުނު ބަދަލުގެ ސަބަބުން ޓީޗަރުންގެ މަސައްކަތަށް އާ ހިއްވަރެއް ލިބި، ތައުލީމީ ފެންވަރު މުޅި ރާއްޖޭގައި މަތިވެގެން ދިއުމަކީ ޝައްކެއް އޮތް ކަމެއް ނޫން،" ނައިބް ރައީސް ގެ މެސެޖްގައިވެ އެވެ.

ރާއްޖޭގައި މިއަހަރު ކިޔަވައިދޭން ފެށި އާ މަންހަޖަށް އަލި އަޅުވާލައްވައި ނައިބު ރައީސް ވިދާޅުވީ އާ މަންހަޖު ވެގެންދާނީ ކުދިންގެ ތަރުބިއްޔަތަށާއި ދިވެހި ގައުމަށް އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ދާންޖެހޭ ހިސާބަށް ވާސިލުވުމަށް އެޅިގެންދާނެ މުހިންމު ބިންގަލެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަން ހާސިލު ކުރުމަށް ސުކޫލުތަކުގެ ވެރިންނާއި، އަދި މުދައްރިސުނާއި ބެލެނިވެރިންގެ އެހީތެރިކަން ބޭނުންވާ ކަންވެސް ނައިބު ރައީސްގެ މެސެޖްގައި ވަނީ ފާހަގަކުރައްވާފަ އެވެ.