11 Jan 2015, 09:38
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި އެވެ. އުފާވެރި ކަމާއެކުގަ އެވެ. މިދިޔަ އަހަރަށްވުރެ ނަތީޖާ ރަނގަޅު ކުރުމަށް ގަދައަޅާ މަސައްކަތްކުރުމުގެ އަޒުމާއެކުގަ އެވެ. އެ ހިތްވަރާއެކުގަ އެވެ.
ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، މިއަހަރު ރާއްޖޭގެ 213 ސްކޫލެއްގައި 87،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވާނެ ކަމަށެވެ. އެއީ އަހަރު މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ޕްރީ ސްކޫލްތަކުން ގްރޭޑް އެކަކަށް ބަދަލުވި 2074 ދަރިވަރުންނާއެކު އެވެ.
މިއަހަރު ސަރުކާރުން ހުޅުމާލޭގައި ގާއިމްކުރާ އެންމެ ބޮޑު ސްކޫލް، ރެހެންދި ސްކޫލާއެކު ރާއްޖޭގެ 213 ސްކޫލެއްގައި ކިޔަވައިދޭން ފަށާފައިވާ އިރު، މިއަހަރު އެއް ދަންފަޅިއަށް 127 ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށް ނަޒީރު ވިދާޅުވި އެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސުކޫލެއް ގާއިމް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ރިޔާސީ ވައުދުގެ ތެރެއިން މިއަހަރު އަރަބިއްޔާ ސްކޫލާއެކު އައްޑޫ ސިޓީގެ ހިތަދޫ ނޫރާނީ ސްކޫލުގައި އަލަށް އަރަބި މީޑިއަމަށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އަދި އެ ވައުދުގެ ދަށުން ކުޅުދުއްފުށީގައި 2017 ވަނަ އަހަރު އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް ގާއިމް ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބްދުލްމުހުސިން ވިދާޅުވީ، މިއަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 6000 އާ ގާތްކުރާ އަދަދަކަށް ޓީޗަރުން ކިޔަވައި ދެއްވާނެ ކަމަށެވެ. އެއީ 3،751 ދިވެހި ޓީޗަރުންނާއި 2،087 ބިދޭސީ ޓީޗަރުންނެވެ.
މުހުސިން ވިދާޅުވީ، ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައި ވަނީ ހުރިހާ ސްކޫލަކަށް ޓީޗަރުން ހަމަކޮށްގެން ކަމަށާއި މިއަހަރު އެއްވެސް ބިދޭސީ ޓީޗަރެއް އަދި ރާއްޖެ ގެނެސްފައި ނުވާނެ ކަމަށެވެ. އަދި ޓީޗަރުން ހަމަނުވާ ބައެއް ތަންތަނަށް ރާއްޖެ ގެނައުމަށް ބެކަޕް ޓީޗަރުންގެ ގޮތުގައި 200 ވަރަކަށް ޓީޗަރުން ތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓީޗަރުން ހަމަވުމުގެ އިތުރުން، ޓީޗަރުންގެ މުސާރަ ވެސް ކިޔެވުން ފެށުމުގެ ކުރިން ވަނީ ބޮޑު ކޮށްދެއްވާފަ އެވެ. ޓީޗަރުންގެ އާ އޮނިގަނޑުގެ ދަށުން ކޮންމެ ޓީޗަރަކަށާއި ކޮންމެ ލީޑިން ޓީޗަރަކަށް ވެސް ޖުމުލަކޮށް 33 ޕަސެންޓުގެ ކުރިއެރުމެއް މުސާރައަށް ލިބިފައިވާ އިރު، ޓީޗަރުންނަށް ބޮޑު ކުރި މުސާރަ މިއަދުން ފަށައިގެން ހިނގަން ފަށާނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑެމިކް ކަލަންޑަރުގައި ވާ ގޮތުން މި އަހަރު ދަރިވަރުން 202 ދުވަހު ސްކޫލުގައި ކިޔަވާނެ އެވެ. އެއީ ފުރަތަމަ ޓާމުގައި ކިޔަވާ 99 ދުވަހާއި ދެވަނަ ޓާމުގައި ކިޔަވާ 103 ދުވަހެވެ.
މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ކުރިއަށް ދާނީ އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށެވެ. އަދި ފުރަތަމަ ޓާމަށްފަހު ދަރިވަރުންނަށް ހަފްތާއެއްގެ ޗުއްޓީއެއް ލިބޭނެ އެވެ. އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރު ވެސް ދެ ވަނަ ޓާމުގެ ކިޔެވުން ދިމާ ވަނީ ރަމަޟާން މަހާ އެވެ. އެގޮތުން ރަމަޟާން މަސް ޖޫން މަހުގެ 18 ވަނަ ދުވަހު ފަށާއިރު، ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. އަދި ދެވަނަ ޓާމުގެ ކިޔެވުން ނިމޭނެ ކަމަށް އެކަޑެމިކް ކަލަންޑަރުގައި ބުނެފައި ވަނީ ނޮވެމްބަރު މަހުގެ 24 ވަނަ އެވެ.
ކޮންމެ ޓާމެއްގެ މެދުތެރެއިން ދަރިވަރުނަށް ހަފްތާއެއްގެ ޗުއްޓީއެއް ލިބޭއިރު، ފުރަތަމަ ޓާމުގެ މިޑްޓާމަށް ސްކޫލްތައް ބަންދުވާނީ މާޗް މަހުގެ 22 އިން 26 އަށެވެ. އަދި ދެވަނަ ޓާމުގެ މިޑްޓާމަށް ސްކޫލްތައް ބަންދުވާނީ އޮގަސްޓް މަހުގެ 30 އިން ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ މިއަހަރުގެ އެކެޑެމިކް ކަލްނަޑަރު ބުނާގޮތުން މިއަހަރަށް ސްކޫލްތައް ބަންދުވާނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އަދި އަންނަ އަހަރުގެ ކިޔެވުން ފަށާނީ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހު އެވެ.