އެއީ މީގެ ހަތަރު ގަރުނު ކުރި އެވެ. ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ގޮތުން ފުރާންސްގެ މުސައްނިފް، ޕްރެންކޯއި ޕިރާޑު ލިޔެފައިވެ އެވެ. ފަނޑިޔާރުގެއިން 30 އަންހެނަކަށް ވަރުގަދަ އަދަބެއް ދިނެވެ. ތަންފީޒީ މަރުހަލާގައި ތިން އަންހެނަކު ހަފުސްވެގެން މަރުވި އެވެ. އެ އަދަބަކީ ދަރިފަސްކޮޅު ދެމިއޮތުމަށް ޖޯޑު ޖޯޑަށް ލައްވާފައިވާ ނިޒާމުގެ ބޭރުން ކަމެއް ހިނގުމުން ދިން އުގޫބާތެކެވެ. އެއްޖިންސުން ގުޅުންހިންގުމުންނެވެ. ދިވެހި ފިރިހެނުންނާއި އަންހެނުން އެކަމުގެ ތެރެއަށް ގެނބިފައިވާ މިންވަރު ޕިރާޑުގެ ފޮތުން އެނގެ އެވެ.

އެ ޒަމާނަކީ އިސްލާމީ އަހުލާގު ދިވެހިންގެ ތެރޭގައި އެހާބޮޑަކަށް އަށަގެންފައިވާ ޒަމާނެއް ނޫނެވެ. ނަަމަވެސް މިހާރު މިއީ ތަހުޒީބާއި ތަމައްދުންގެ ޒަމާނެވެ. އެ ދުވަހުގެ ހާލަތާ އަޅާ ބަލާއިރު، މިއަދު ވަނީ ހިލްމާއި އިލްމު ވެސް ކުރިއަރާފަ އެވެ. ގައުމުގައި މިއަދު ވަނީ އިސްލާމީ ހުޅުކޮޅު ދިއްލާފަ އެވެ. ދީނީ ގޮތުން ހޭލުންތެރިވެފަ އެވެ. ހިތާމައަކީ ޖާހިލުންގެ ފިކުރަށް ގެއްލޭތީ އެވެ. އަންހެނެއް ފިރިހެނެއް ތަފާތެއްނެތެވެ. އެއީ ޒަމާންވީ ހުތުރު އާދައެކެވެ. ބިރެއް ލަދެއް ނެތި އެކަން ކުރާ ކަމުގެ ހެކިތައް ޒަމާނީ ވަސީލަތްތަކުން ފެންނަ ހުރީ އެވެ. ވީޑިއޯތަކާއި ޗެޓްލޮގުތަކުން ފެންނަން އެބަ ހުއްޓެވެ. އެއީ ހައްގެއް ކަމަށް ބުނެ ވަކާލާތު ކުރާ އެތައް ދިވެހިންނެއް ވެސް އެބަ އުޅެ އެވެ. ސިއްރުގައި އެ ނަޖިސް އަމަލު ހިންގާ މީހުން އިތުރުވަމުންދަނީ އެވެ.

"ޖިންސީ ހުރިހާ ކްރައިމް އެކޭ ބުނެވޭ ގޮތަށް ރާއްޖޭގައި ހިންގާ، ވަރަށް ކުރީ ޒަމާންނުއްސުރެ ވެސް އޮންނަ ކަމެއް އެއް ޖިންސުގެ އަމަލު ހިންގުމަކީ، މިހާރު ވެސް ރާއްޖޭގައި އެކަން އެގޮތަށް ކުރިއަށް ދޭ، ހާއްސަކޮށް ޒުވާނުން މިކަމަށް ވަންނަ ސުޕީޑް އަވަސް،" އޮފިޝަލަކު ވިދާޅުވި އެވެ.

އެއްޖިންސުގެ ނަޖިސް އަމަލުގެ ތެރެއިން އަންހެނުންގެ މެދުގައި ހިންގާ މިކަން ވަނީ ޒަމާނީ ފެޝަނަކަށް ހަދާފަ އެވެ. އެކުވެރިކަން އިތުރުކޮށްދޭ ކަމެއް ކަމަށް ވަނީ ސިފަކޮށްފަ އެވެ. ގުރޫޕް ސުޓަޑީތަކާއި އޯވާ ނައިޓުގެ ނަމުގައި ހިންގާ ކަންކަމުގެ ތެރޭގައި މި ނަޖިސް ސަކަރާތް ވަނީ އާންމުވެފަ އެވެ. ފުރާވަރުން ފެށިގެން ގޮސް ޒިންމާދާރު މަންމަމެން ވެސް ހިމެނެ އެވެ.

"ހަގީގަތުގައި އެއްޖިންސުން ގުޅުން ހިންގުމަށް އަންހެން ކުދިންނަށް އެ ބަލިބޭ ފުރުސަތުތަކެއް ވެސް. އެއީ އަންހެނުންތަކެއް ކޮޓަރި ތަޅުލައިގެން ކިތަންމެ އިރަކު އުޅުނަސް، ނޫނީ އެ މީހުން އެކަހެރިކޮށް ކިތަންމެ ވަގުތެއް ހޭދަކުރިޔަސް އެކަން ބެލެނިވެރިން ވެސް މާ ސީރިއަސް މައްސަލައެއްގެ ގޮތުގައެއް ނުނަގާ،" ޓީޗަރަކު ބުންޏެވެ.

މިކަން އޮންނަނީ ހަމައެކަނި އަންހެނުންގެ މެދުގައެއް ނޫނެވެ. ފިރިހެނުން ވެސް މި ހުތުރު އަމަލު ހިންގުމުގައި ވަކި ދަރަޖަ ކުޑައެއް ނޫނެވެ. އެކަމުގައި އެކި އުމުރުފުރާގެ އެތައް ބަޔަކު ހަރަކާތްތެރިވަމުން އަންނައިރު ޒުވާނުން ވެސް ގިނަކަން ފާހަގަވެ އެވެ. ފިރިހެނުންނަށް ބަލާއިރު އިތުބާރު ހިފޭ ކަހަލަ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރޭގައި ވެސް މިކަން އިތުރުކަމަށް ބޮޑެތި ތުހުމަތުތައް ކުރެވެ އެވެ.

"އަތޮޅުތެރޭ ބައެއް ރަށްރަށަށް ބަލާލަމާތޯ އެބައުޅޭ ހަމަ ދެ ޖިންސުގެ ލޯބިވެރިން މީޓް ކުރަންހެން ދާ އެއްޖިންސުގެ މީހުން. އެ ރަށަށް ގޮސް އުޅޭއިރު ވަލުތެރޭ އެކި ހިސާބްތަކުންނާއި އެހެލާފައި ހުންނަ އޮޑި ދޯނި ފަހަރުގެ ތެރެއިންނާއި ފަޅުގޭގެއިން ވެސް އެބަފެނޭ އެއްޖިންސުން ގުޅުންހިންގަން މީހުން އުޅޭތަން،" އޮފިޝަލަކު ވިދާޅުވި އެވެ.

އެއް ޖިންސުގެ ވަބާއަކީ އެތައް ޒަމާންތަކެއް ވަންދެން ރާއްޖޭގައި ފެތުރިފައިވާ ކަމަކަށްވާއިރު މިކަން ފެށޭ ސަބަބުތައް ވެސް ގިނަ އެވެ. ފުރަތަމަ ކަމަކަށް ފާހަގަވާ އެއްކަމަކީ އެއްޖިންސުގެ މީހުން އެކުގައި ސަކަރާތް ޖެހުމަށް އުޅުމުގެ ތެރެއިން އެކަކު އަނެކެއްގެ ގަޔަށް އަތް ލައި ހެދުމުގެ ތެރެއިން އެއަމަލަށް މަގުފައިވުމެވެ. އަނެއްކަމަކީ މާ ގާތްކޮށް އުޅޭ ރަހުމަތްތެރިއެއް ނުވަތަ ރަހުމަތްތެރިންތަކެއް އެ ހުތުރު އަމަލު ހިންގުމަށް ދައުވަތު ދީ އެކަމަކަށް ހައްލުވައިގެން އެކަން ކުރުވުމެވެ. ހަމައެހެންމެ "ޓުރޫތު އޯ ޑެއާ" ނަމަށް ކިޔާ ފާޑުފާޑު ކުޅިވަރުތައް ކުރުމާއި "ބެޓް" ކޮށްގެން ވެސް މި ހުތުރު އަމަލު ހިންގުމަށް މީހުން ފަށާފައި އެބަ ހުއްޓެވެ.

އެ ހުތުރު އަމަލު ސައްތައިން ސައްތަ އިސްލާމުން އުޅޭ މި ރާއްޖޭގައި އާންމުވެފައިވާއިރު މިއީ ކޮންފަދަ ބިރެއްތޯ އެވެ. މިކަމަކަށް ހިތްވަރުދޭ ފަރާތްތަކުން ނުވަތަ ހުއްޖަށް ދައްކާ ފަރާތްތަކުން މީހާގެ ހޯމޯންއަށް އަންނަ ބަދަލަކުން ވާގޮތެކޭ ނުވަތަ އެހެން މިހެން ވެގެން ވާގޮތެކޭ ކިޔަސް ހަގީގަތަކީ މިއީ ދެ ދުނިޔޭގައި ވެސް ހަލާކެއް ކަމުގައިވާ ބޮޑު ނަޖިސް ކުޅިއެއްކަމެވެ.

އައްޝެއިޚް އަހުމަދު ފަހުމީ ދީދީ ވިދާޅުވި ގޮތުގައި މާތްﷲ ވަނީ ކީރިތި ގުރުއާނުގައި މި އަމަލަކީ ހަރާން ކަމެއްކަން އަންގާވާފައިވާ އަމަލެއް ކަމަށާއި "ﷲ ސުބުހާނަހޫ ވަތަލާއާގެ ކޯފާއެއް އަންނާނީ ކޮންއިރަކު ކިހިނެއްކަމެއް މިއީ އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް އެނގޭ ކަމެއް ނޫން" ކަމަށްވުމުން މިފަދަ ކަންކަންކުރެވޭ ފަރާތްތަކުން އަވަހަށް ތައުބާވުމަށް ނަސޭހަތްތެރިވި އެވެ.

އެއްޖިންސުން ގުޅުން ހިންގި މީހުންނަށް އިސްލާމް ދީނުގައި ދޭން އަންގަވާފާ އަދަބްތަތައް އައްޝެއިޚް އަހުމަދު ފަހުމީ ދީދީ ތަފްސީލުކޮށްދެއްވި އެވެ.

"ދަންނަބޭކަލުން އަދަބެއް ކަމަށް އެބަ ބުނޭ އުސްތަނަކުން ވައްޓާލައިގެން އެ މީހުން މަރާލުން ނުވަތަ ކަނޑިންޖަހައި ގަތުލްކޮށްލުން ނުވަތަ އަލިފާނަށްލައި އަންދާލުން މާނައަކީ އެ ވަގުތު ހާކިމަށް ފެނިވަޑައިގެންނެވި އެންމެ އިބުރަތްތެރި ގޮތަކަށް އެ މީހަކަށް އަދަބު ދީގެން އެ މީހަކަށް އުގޫބާތްދިނުން މި އޮންނަނީ، ކީރިތި ގުރުއާނާއި މާތް ރަސޫލާގެ ސުއްނަތުން ސާބިތުވާ ހައްދުތަކެއް އެބަހުރޭ އަނެއް ބައެއް މި ހުންނަނީ ތައުޒީރު، ތައުޒީރުގައި މި ވާގޮތަކީ ބައެއް ފަހަރަށް ހައްދަށްވުރެ ވެސް ވެއިންދެނިވި ގޮތަކަށް އެކަން އަތުވެދާނެ،" ޝެއިހް ވިދާޅުވި އެވެ.

ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ކުޑަކުއްޖަކާ މެދު 18 އަހަރުން މަތީ މީހަކު އެއްޖިންސުން ގުޅުންހިންގިޔަސް އަބަދަކީ 10 އަހަރާއި 14 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ދެމީހަކު ރުހިގެން އެއްޖިންސުން ގުޅުން ހިންގައިފި ނަމަ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ގަދަކަމުން މީހަކާއި އެއްޖިންސުން ގުޅުން ހިންގި މީހެއްގެ އަދަބަކީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އެއްޖިންސުން ގުޅުން ހިންގުމަކީ ދުނިޔަވީ އެތައް މައްސަލަތަކެއްވެސް ކުރިމަތިވާ ކަމެކެވެ. އެގޮތުން އެއަމަލަކީ ގައިންގަޔަށް އަރާ ނުރައްކާތެރި ބަލިތައް ޖެހެން މެދުވެރިވާ ސަބަބެކެވެ. އެގޮތުން ފުރަގަސްފަރާތުގެ ޓިޝޫތައް ހަލާކުވެ ޖެހޭ ބަލިތަކާއި ދުނިޔޭގެ އެންމެ ނުރައްކާތެރި ބަލިތައް ކަމަށްވާ އެއިޑްސް އާއި ސިފިލިސް އާއި ގުނޯރިއާގެ އިތުރުން ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) ފަދަ ބަލިތައް ފެތުރުމަށް އެއްޖިންސުގެ އަމަލަކީ ވަރަށް ބޮޑަށް މަގުފަހިކޮށްދޭ ކަންކަމެވެ.

"މިކަން ގޮތް ދޫނުކޮށް ކުރިއަށްގެންދިޔައީ ލޫތު ގެފާނުގެ ގައުމުގެ މީހުން ސަދޫމް، އެނގިވަޑައިގަންނަވާނެ ﷲ ސުބުހާނަހޫ ވަތައާލާ އެ މީހުންނަށް ފޮނުއްވި އަޒާބް، ގުރުއާނުގައި ވަހީ ކުރައްވަނީ ތިމަން ރަސްކަނލާންގެ އެ ރަށް އެއްފުށް އަނެއް ފުށަށް ޖެއްސެވީމޭ، ﷲގެ އަމުރުފުޅަށް ލޫތުގެފާނާއެކީގައި ފަތިހު ރަށުން ބޭރަށް ނުކުމެވަޑައިގެން ބޭފުޅަކު ފިޔަވާ އެހެން ބޭފުޅަކު ސަލާމަތެއްނުވެ،" ފަހުމީ ވިދާލުވި އެވެ.

މިފަދަ އަމަލުތައް މިހާ އިތުރުވެފައި މިވަނީ އިޖްތިމާއީ ފޭރާމުގައި އެތައް ބާގަނޑެއް ހުރުމުގެ ސަބަބުންނެވެ. އެކަމުގެ ޒިންމާ ބެލެނިވެރިން ފެށިގެންގޮސް ތައުލީމީ ދާއިރާއާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ އިހްމާލްވެ އެވެ. އެހެން ނޫންނަމަ މިހުތުރު އަމަލުތައް މިހާ އާންމެއް ނުވާނެއެވެ. މިއީ މިހާރުން މިހާރަށް ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހޭ ކަންކަމެވެ. އެނޫން ނަމަ ފަހުން ތަހަށްމަލްކުރަންޖެހޭ ކަންކަން މާ ބޮޑުވާނެއެވެ.

އިންސާނުންނަށް ފަރުދީ ގޮތުން ވެސް އަދި އިންސާނީ ގޮތުން ވެސް ގެއްލުން ހުރި އެއްވެސް ކަމެއް އިސްލާމް ދީން ހުއްދަ ނުކުރާއިރު އެއް ޖިންސުން ގުޅުން ހިންގުމަކީ އިންސާނުން ނަސްލު ދެމެހެއްޓުމަށް އޮތް ބިރެކެވެ. މިއީ އިންސާނީ ނަސްލައި ދެކޮޅަށް ހިންގޭ ޖަރީމާއެކެވެ. އާއެކެވެ. އެމީހުންނަކީ ނެތި ހަލާކުވުމުގެ ތެރޭގައި ތިބި ބަޔެކެވެ. މިކަން ހުއްޓުވަން ނުވަތަ ހުއްޓުވެން ޖެހެ އެވެ. މުޅި މުޖުތަމައުގެ ދިފާއުގަ އެވެ. އެހެން ނޫންނަމަ ތާރީހު ހެކިދޭ ފަދަ ބިރުވެރިކަމެއް އޮތުމަކީ އެކަށިގެންވާ ކަމެކެވެ.